ދުނިޔެ

ކާރެއް ގަންނަން ގޮސް ޓެސްޓް ޑްރައިވްގައި ވެރިމީހާ ވަގަށް ނަގައިފި

Aug 29, 2016

މި ބަދުނަސީބެއް ދިމާވެފައި ވަނީ އިންޑިއާގެ އެންމެ ބޮޑު އޮންލައިން އިޝްތިހާރު ވެބްސައިޓް، އޯއެލްއެކްސްގައި ކާރެއް ވިއްކަން ޖަހައިގެން އެ ކާރު ގަންނަން އައި ބަޔަކާ އެކު ޓެސްޓް ޑްރައިވަކަށް ނުކުތް، ވެސްޓް ބެންގާލްގެ ބަރްދަމަން ސިޓީގެ ރައްޔިތަކަށެވެ.

އިންޑިއާގެ ފުލުހުން ބުނެފައި ވަނީ ކާރު ގަންނަން ކަމަށް ބުނެ، އެ ކާރުގެ ވެރިމީހާއާ އެކު ބުރެއް ޖަހާލަން ނުކުމެ އޭނާ ވަގަށް ނަގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެ ކާރުގައި ރޯކޮށް އަންދާލާފައި ވަނިކޮށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ފެނިފަ އެވެ.

ވަގަށް ނަގާފައިވާ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ އަދިވެސްކުރަމުންނެވެ. އޭނާ އަކީ ޔޫސްޑް-ކާރުގެ ވިޔަފާރިކުރާ ފަރާތެކެވެ.

އޭނާ ވަގަށް ނެގި މީހުން އެކަން ކޮށްފައި ވަނީ ފައިސާގެ ބޭނުމުގައި ކަމަށް ގަބޫލުކުރެވިފައިވިޔަސް އެފަދަ ފައިސާއެއް ހޯދުމަށް އެ މީހާގެ އާއިލާ އަށް ވެސް މިހާތަނަށް ގުޅައި ބިރު ދައްކާފައެއް ނުވެ އެވެ.

ފުލުހުން މިހާރު ދަނީ، ރޯކޮށް ވަކި ވަރަކަށް ގެއްލުން ލިބިފައިވާ ކާރު ތަހުގީގުކޮށް ފިންގަޕްރިންޓްސް ނެގުމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. ފުލުހުން ބުނެފައި ވަނީ މިއީ މީހުން ވަގަށް ނެގުމާއި ފޭރުމުގެ އާދަޔާހިލާފު ކޭސްއެއް ކަމަށެވެ.