މުސްލިމު އަންހެނުންނަށް ހާއްސަ މޫދު ހެދުން، ބުރްކީނީ މަނާކުރުމަކީ އަޢިރުގާނޫނީ އަމަލެއް ކަމަށް ފްރާންސްގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވީ ނަމަވެސް، އެގައުމުގެ 30 ރިސޯޓް ރަށެއްގައި ބުރްކީނީ މަނާކޮށްްފައިވާ މޭޔަރުން ބުނަނީ ކޯޓުގެ އަމުރަށް ކިޔަމަންވުމެއް ނެތް ކަމަށެވެ.
އެގޮތުން ކޯޓުގެ އަމުރަށް ކިޔަމަން ނުވާނެކަން އެެންގުމަށް ބައެއް ރިސޯޓްތަކުގައި ވަނީ އަދިވެސް ބުރްކީނީ މަނާކޮށްފަ އެވެ. ބުރްކީނީ މަނާކޮށްފައިވާ ރިސޯޓްތަކުގެ އަދަދު ވިއްސަށް ވުރެ މައްޗަށް އަރަ އެވެ. މި ރިސޯޓްތަކުގެ ބީޗަށް ބުރްކީނީއާ އެކު ފައިބާ މީހުން ފުލުހުން ބޭނުންކޮށްގެން ހުއްޓުވައި، ޖޫރިމަނާކުރުމުގެ ބާރު މޭޔަރުން ވަނީ ދީފަ އެވެ.
ކޯޓުގެ އަމުރަކަށް ކިޔަމަންނުވެ ބުރްކީނީއާ ދެކޮޅު ކެމްޕޭން ބައެއް މޭޔަރުން މެކުހަށް ޖަހާފައިވާ މައްސަލާގައި ފްރާންސްގެ ދާޚިލީ ވަޒީރު ބާނާޑް ކެޒެނޯވީ ވަނީ ގައުމު ކެތްތެރިވެ މަޑުން އޮތުމަށް ގޮވާލައްވައިފަ އެވެ. އަދި ކޯޓުގެ ބަސް ނޭހުމަކީ އަލިފާނާ ކުޅުން ފަދަ ކަމެއް ކަމުގެ އިންޒާރު ވެސް ސަރުކާރުން ދީފައިވެ އެވެ.
ބުރްކީނީ މަނާކުރުމުގައި ފޯރި އަރުވާލައިގެން ބޮޑަށް އުޅެނީ ފްރާންސް ސަރުކާރާ ދެކޮޅު ސިޔާސީ މީހުންގެ ބާރުގަދަ ހިސާބުތަކުގަ އެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް ބުރްކީނީ މަނާކޮށްފައި ވަނީ ކުރީގެ ރައީސް ނިކޮލަސް ސަކޯޒީގެ ދަ ރިޕަބްލިކަންސް ޕާޓީ އަށް ނިސްބަތްވާ ޑޭވިޑް ލިނާޑްގެ ބާރުގެ ދަށުގައި އޮތް ކޭންސްގަ އެވެ.
ކޯޓުން ކުރި އަމުރާ ގުޅިގެން މިހާތަނަށް ބުރްކީނީ އަލުން ހުއްދަކޮށްފައި ވަނީ އެންމެ ދެ މޭޔަރުންނެވެ.
ހެދުން ވަކި ގޮތަކަށް އަޅަން މަޖުބޫރުކުރުމުގެ ބާރު ފްރާންސްގެ ގާނޫނު އަސާސީގައި އެއްވެސް ގޮތަކަށް ދީފައެއް ނުވެ އެވެ. --ދަގާޑިއަން