ރިޕޯޓް

އިންޑިޔާގައި އޮތް ރާއްޖޭގެ ޓޫރިޒަމް "ޖަވާހިރު" ހޯދިދާނެ ތަ؟

  • ބޮލީވުޑްގެ ފިލްތައް ރާއްޖޭގައި ނެގޭނެ ގޮތް ވާން ޖެހޭ
  • ޑެސްޓިނޭޝަން މާކެޓު ކުރުމުގައި އިންޑިޔާއަށް ބަލަން ޖެހޭ
  • އެހެން ގައުމުތަކުން އިންޑިޔާގައި ގިނަ ހަރަކާތްތަކެއް ބާއްވާ

ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީއަކީ އިންޑިޔާ އެވެ. އަދި ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ ޑަބްލިއުޓީއޯ އިން ބުނެފައިވާ ގޮތުގައި އެ ގައުމަކީ އެންމެ ގިނަ ބަޔަކު ގައުމުން ބޭރަށް ދަތުރުކުރާ އެއް ގައުމެވެ. އަންދާޒާ ކުރެވޭ ގޮތުގައި އަހަރަކު 20 މިލިއަނެއްހާ މީހުން ގައުމުން ބޭރަށް އެކި ބޭނުންތަކުގައި ދަތުރު ކުރެ އެވެ. އެހެންކަމުން އެ ގައުމުވެފައިވަނީ ޓޫރިޒަމް ގައުމުތަކަށް މުހިންމު މާކެޓަކަށެވެ. ހާއްސަކޮށް ރާއްޖެ ފަދަ އިންޑިޔާގެ އަވަށްޓެރި ގައުމުތަކަށް ގެއްލިފައިވާ "ޖަވާހިރެ" ގެ ގޮތުގައި ބެލިދާނެ އެވެ. ނަމަވެސް ސުވާލަކީ މި "ޖަވާހިރު" ހޯދަން ރާއްޖެއަށް ކަށީގެންވާ މަސައްކަތް ކުރެވޭބާ އެވެ؟

"އިންޑިޔާ މާކެޓަކީ ވަރަށް ބޮޑު މާކެޓެއް. އެ މާކެޓު މިހާރަށް ވުރެ ފުޅާކުރަން ވަރަށް މަސައްކަތް ކުރަން ޖެހޭ. މި މަސައްކަތް ކޮށްގެން ދިވެހިންގެ ބްރޭންޑް ގެނެވިދާނެ،" އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް (އަޓާ) ގެ ރައީސް ޔޫސުފު ރިފްއަތު (ކެޕިޓަޕް ޓްރެވަލް ރިފްއަތު) ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް އިންޑިޔާ އިން ރާއްޖެ އަށް ޒިޔާރަތް ކުރީ 28،716 ޓޫރިސްޓުންނެވެ. މި އަހަރުގެ މި މުއްދަތުގައި އެ ގައުމުން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 34،884 އަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 21.5 ޕަސެންޓުގެ ކުރިއެރުމެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު 3،376 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ނަމަވެސް މި އަހަރުގެ ޖުލައި މަހު ޒިޔާރަތްކުރީ 4،783 މީހުންނެވެ. މިއީ 41.7 ޕަސެންޓް އިތުރު އަދަދެކެވެ.

އަހަރުން އަހަރަށް ބަލާއިރު މި މާކެޓު ފުޅާވަމުންދާ ގޮތް އެނގެ އެވެ، އަންދާޒާ ކުރެވެ އެވެ؛ ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން 2010 ވަނަ އަހަރު އިންޑިޔާ އިން ރާއްޖެ އަށް 25،756 ޒިޔާރަތް ކުރިއިރު 2011 ވަނަ އަހަރު މި އަދަދު ވަނީ 30،978 އަށް އިތުރުވެފަ އެވެ. މިއީ 20 ޕަސެންޓް އިތުރުވުމެވެ. އަދި 2012 ވަނަ އަހަރު 31،722 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު 2013 ވަނަ އަހަރު 38،014 މިއީ ގާތްގަނޑަކަށް 19 ޕަސެންޓް އިތުރުވުމެވެ. އަދި މިދިޔަ އަހަރުގެ މި އަދަދު ވަނީ 50،000 އަށް އަރާފަ އެވެ.

ހިސާބުތައް މިގޮތަށް ހުރުމުން އެނގެނީ އިންޑިޔާގައި ރާއްޖޭގެ ޓޫރިޒަމަށް ރަނުގެ ފުރުސަތު ތަކެއް އެބަހުރި ކަމެވެ. ނަމަވެސް ސުވާލަކީ 20 މިލިއަން މީހުން ބޭރަށް ދަތުރުކުރާ މާކެޓު ރާއްޖެއަށް ފުޅާ ކުރުމަށް އެކަށީގެންވާ މަސައްކަތް ތަކެއް ކުރެވޭ ބާ އެވެ؟ ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރާ އެމްއެމްޕީއާރުސީން މި އަހަރު ވަނީ އިންޑިޔާގެ ހަތަރު ސިޓީ އަކަށް ހާއްސަކޮށް ރޯޑް ޝޯވް ތަކެއް ބާއްވާފަ އެވެ. އަދި އިތުރު މަސައްކަތް ތަކެއް ކުރުމަށް ވެސް އެމްއެމްޕީއާރުސީން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި މަސައްކަތުން ނުފުދެ އެވެ. ބަޖެޓް ނެތްނަމަ އެކަން ވާނެ ގޮތެއް ހޯދައިގެން ނަމަވެސް، މި މުހިންމު މާކެޓުގައި "އަތްލާން" ޖެހެ އެވެ. ސަބަބަކީ ކޮބާ ހެއްޔެވެ؟

ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޑްޓް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ މިދިޔަ އަހަރު އިންޑިޔާ އިން ރާއްޖެ އަށް އައިސްފައިވަނީ ބައިލައްކަ އެއްހާ ޓޫރިސްޓުން ކަމަށާއި، މިއީ އެ ގައުމުގެ މާކެޓަށް ބަލާއިރު މަދު އަދަދެއް ކަމަށެވެ.

"އިންޑިޔާ މާކެޓު ހޯދުމަށް އެހެން ގައުމުތަކުން ގިނަ މަސައްކަތްތަކެއް ކުރޭ. މިސާލަކަށް ސްރީލަންކާ. ސްރީލަންކާގެ ޓޫރިޒަމް އިޝްތިހާރު މުންބާއީ ފަދަ ގައުމުތަކުގެ ބަސްތަކުގައި ވެސް އެބަހުރި. މޮރިޝަސް އަށް ބަލާއިރު އެ ގައުމަށް އިންޑިޔާ އިން އެކަނި ވެސް އެއްލައްކަ ޓޫރިސްޓުން އާދެ. އެހެންވެ ރާއްޖެ އަށް މިއަށްވުރެ ރަނގަޅު ކުރެވެން ޖެހޭ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިޔާ ރާއްޖެއާ ކައިރިވުމުން މިކަމުގެ ފައިދާ ނެގިދާނެ ކަމަށާއި، އެކަން ކުރުމަށް ހިތްވަރު ކުރަން ޖެހޭ ކަމަށެވެ.

"ހަގީގަތުގައި އިންޑިޔާގައި ރާއްޖޭގެ ހުރިހާ މާކެޓަކަށް ވާވަރަށް މީހުން އެ ބަތިބި. ގެސްޓް ހައުސް މާކެޓަށް އަންނާނެ މީހުން ވެސް އެބަތިބި. ހައި އެންޑް މީހުން ވެސް. ނަމަވެސް އެ މީހުންނަށް ރީޗް ވާން މަސައްކަތްތަކެއް ކުރަން ޖެހޭ،" އަބްދުﷲ ވިދާޅުވި އެވެ.

ރާއްޖޭގެ ގެސްޓް ހައުސް މާކެޓު އިސްތިހާރު ކުރުމުގެ މަސައްކަތްކުރާ ގެޓްވޭސް މޯލްޑިވްސްގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރު ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ އިންޑިޔާ މާކެޓަކީ ރަނގަޅު ފުރުސަތުތަކެއް އޮތް މާކެޓެއް ކަމަށާއި، ހިސާބުތައް ވެސް ދައްކަނީ މިގޮތަށް ކަމަށެވެ. އަދި އިންޑިޔާގެ މާކެޓުން އެހެން ގައުމުތަކަށް ގިނަ އަދަދެއްގެ ޓޫރިސްޓުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގެ މާކެޓުން މި ފެންނަނީ ކުޑަ ކުރި އެރުމެއް. ނަމަވެސް އެހެން ގައުމުތަކުން މަސައްކަތްތަކެއް ކުރަމުންދާތީ އޭގެ ކުރި އެރުން ފެނޭ،" ސަނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިޔާގެ ފިލްމުތައް ރާއްޖޭގައި ނެގޭނެ ގޮތްތަކެއް ވެއްޖެނަމަ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، މި މަސައްކަތް ބޮލީވުޑާ ގުޅިގެން އެހެން ގައުމުތަކުން ކުރާ ކަމަށެވެ.

"އައިސްލޭންޑުގައި ނަގާފައި އެބަހުރި ދިލްވާލޭ ފަދަ ފިލްމްތައް. މީގެ ސަބަބުން އިންޑިޔާގެ ގިނަ ބަޔަކު މިހާރު އައިސް ލޭންޑަށް ދަތުރުކުރޭ،" ސަނީ ވިދާޅުވި އެވެ.

"އުންމީދު އާވާނެ ނިޝާން ތަކެއް ފެނޭ!"

އިންޑިޔާގެ މާކެޓު ރާއްޖެއަށް ރަނގަޅު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ވާހަކަ ދައްކާއިރު، މި މާކެޓުން ފެންނަ އުންމީދީ ނިޝާންތަކުގެ ވާހަކަ ވެސް ދައްކަން ޖެހެ އެވެ. މި މާކެޓު މުސްތަގުބަލުގައި ރަނގަޅުވާނެކަމުގެ އެއް ނިޝާނަކީ އިތުރު އެއާލައިންތަކެއްގެ ދަތުރު ފަށަން ތައްޔާރުވަމުން ދިއުމެވެ. މިގޮތުން ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން މިހާރުވަނީ ނިއުދިއްލީ އާއި މުންބާއީ އަދި ރާއްޖެއަށް ފްލައިޓް ބޭއްވުމަށް މަސައްކަތް ފަށާފަ އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ނިއުދިއްލީ އާއި މުންބާއީ އަދި ރާއްޖެއާއި ދެމެދު ގުޅުވާލުމަށް އައިލެންޑް އޭވިއޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އިންޑިޔާއަކީ ވެސް ކުރި އަރަމުން އަންނަ މާކެޓެއް އެހެންވެ އޯވަރޯލްކޮށް ރަނގަޅުވާނެ ކަމަށް މި ބަލަނީ،" ޒަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން މެގަ މޯލްޑިވްސް އިން ވެސް ވަނީ އިންޑިޔާގެ ބައެއް ސިޓީތަކަށް އުދުހުމުގެ ހުއްދަ ލިބިފަ އެވެ. މީގެ އިތުރުން އިންޑިޔާގެ "އިންޑިގޯ" އެއާލައިނުން ވެސް ދަނީ ރާއްޖެއަށް ދަތުރު ފަށަން ތައްޔާރުވަމުންނެވެ. އަދި މީގެ އިތުރުން މި އަހަރު ބޮލީވުޑްގެ މަޝްހޫރު ތަރިން ތަކެއް ރާއްޖެ އައުން ވެސް މިއީ މުސްތަގުބަލަށް ބަލާއިރު ހެޔޮފާލެކެވެ. އަދި މިއާއެކު އެ ގައުމުގެ ބައެއް ތަރިން ކަމަށްވާ "ޕްރަތީކް ބައްބަރު" އާއި މަޝްހޫރު ބަތަލާ "ޖެކްއަލީން ފާނެންޑޭޒް" ރާއްޖޭގެ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެއްސުމަކީ ވެސް އުންމީދު އާވާނެ ކަންކަމެވެ. އެކަމަކު މިވަރުން އަތް އުރާލައިގެން ތިބެވޭކަށް ނެތެވެ.

އިންޑިޔާއަކީ ރާއްޖެ އަށް ބޮޑު މާކެޓެކެވެ. އެހެންވެ މި މާކެޓު ހޯދުމަކީ ރާއްޖެއަށް މުހިންމު ކަމެއްގެ ގޮތުގައި ބަލަން ޖެހެއެވެ. މިކަން ކުރުމަށް ބޮލީވުޑާއެކު ސަރުކާރުން ގުޅުންތައް ގާއިމް ކުރުންވެސް މުހިންމެވެ. އަދި އިންޑިޔާގެ ބޮޑެތި ފިލްމްތައް ރާއްޖޭގައި ފަސޭހައިން ނެގޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހެ އެވެ. މި ފަދަ ފަސޭހަ ގޮތް ތަކެއް ހަމަޖައްސައިފިނަމަ އިންޑިޔާާގައި ގެއްލިފައި އޮތް ދިވެހި ޓޫރިޒަމްގެ "ޖަވާހިރު" ނުހޯދޭންވީ ސަބަބެއް ނެތެވެ.