ތިލަމާލެ ބްރިޖް

ދިވެހިން މާޔޫސްކޮށް ނުލާނެ، ތާވަލަށް ތިލަމާލެ ބްރިޖް ނިމޭނެ: އެފްކޮންސް

އިންޑިއާގެ މުމްބާއީ އިން: އަހުމަދު ހަމީދު އާދަމް
Jun 2, 2022
6

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އެޅުމަށް ހަމަޖެހިފައިވާ ތިލަމާލެ ބްރިޖު ގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް އިން ދީފި އެވެ. އެ ކުންފުނިން އެ ޔަގީންކަން ދީފައިވަނީ އިންޑިއާގައި ތިބި ދިވެހި ނޫސްވެރިންނާއެކު ބޭއްވި ބައްދަލްވުމުގައެވެ.

ޖުމްލަ 16 މީޑިއާއެއްގެ 19 ނޫސްވެރިންނާއެކު ކުރިއަށް ގެންދިޔަ ބައްދަލްވުމުގައި އެފްކޮންސް އިން ވަނީ އެ ކުންފުނީގެ ގާބިލްކަން ހުރި މިންވަރާއި ކުރަމުންދާ އަދި ކޮށް ނިންމާފައިވާ މަސައްކަތްތަކުގެ ވަރަށް ތަފްސީލް ޕްރެޒެންޓޭޝަންތައް ދައްކާލާފައެވެ. އަދި ކުންފުނީގެ އެންމެ އިސްވެރީން ވަނީ ނޫސްވެރިންނަށް މައުލޫމާތު ދީ ދިވެހި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

އެފްކޮންސް އިން ބުނީ އެއީ ބްރިޖު އެޅުމުގެ މަސައްކަތުގެ ތަޖުރިބާ ހުރި އަދި އެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި ތިލަމާލެ ބްރިޖުގެ މަސައްކަތް މިހާރު އޮތް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ދޭ ކަމަށެވެ.

"ޕްްރޮޖެކްތަކަށް ކަނޑައަޅާފައިވާ ވަގުތަށް މަސައްކަތް ނިންމުމުގެ ސަތޭކަ ޕަސެންޓް ޓްރެކް ރެކޯޑް އޮތް ކުންފުންޏެއް މިއީ. ދިވެހީންނަށްވެސް ދޭން އޮތީ އެ ޔަގީންކަން. އެ މެސެޖު ފޯރުކޮށްދޭން ބޭނުންވަނީ،" ދިވެހި ނޫސްވެރިންގެ ކިބައިން އެފްކޮންސް ގެ ޑިރެކްޓަރު އޮފް އޮޕަރޭޝަން އާރްވީއާރް ކިޝޯރު އެދިވަޑައިގަތެވެ.

ތިލަމާލެ ބްރިޖު ނިންމަން ތާވަލުކޮށްފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެހެން ކަމުން މުޅި ޕްރޮޖެކްޓަށް ތަފާތު ތިން ތާރީހެއް އެބައޮތެވެ.

މާލެ އާއި ވިލިމާލެ ގުޅުވާލުމަކީ ފުރަތަމަ ފިޔަވައްސެވެ. އެފްކޮންސް އިން ބުނީ އަންނަ އަހަރުގެ ޖުލައިގެ ނިޔަލަށް އެ ފިޔަވަހީގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. ޔަގީނުންވެސް އޮގަސްޓް 15 ގެ ނިޔަލަށް ބްރިޖުގެ އެބައި ދިވެހީން ބޭނުން ކުރަން ފަށާނެ ކަމަށެވެ. އަދި ދެވަނަ ފިޔަވަހި ކަމަށްވާ ވިލިމާލެ އާއި ގުޅިފަޅު ގުޅާލުން 2023ގެ ނިޔަލަށް ނިންމާނެ ކަމަށެވެ. އެއީ އަންނަ އަހަރުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށެވެ.

މީގެ އިތުރުން ގުޅިފަޅާއި ތިލަފުށި ގުޅާލާ ބިޔަ މަޝްރޫއުގެ ނިންމުން 2024 ގެ ނޮވެންބަރަށް މުޅީން ފުރިހަމަވެގެން ދާނެ ކަމަށެވެ.

މީގެ ކުރީން އާންމުކޮށްފައިވާ ބައެއް ވީޑިއޯތަކާއި ކުރެހުންތައް ހިމަނައިގެން ވަރަށް ތަފްސީލު ޕްރެޒެންޓޭޝަނެއްވެސް އެ ކުންފުނިން ވަނީ ދައްކާލާފައެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި ތަރައްގީގެ އެންމެ ބޮޑު އަދި އެންމެ ތަފާތު އެއް ޕްރޮޖެކްޓަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތެވެ. އެ މަސައްކަތް ކަނޑައެޅި ތާރީހަށް ނިމި ބޭނުން ކުރަން ފެށުމަކީ އެހާތަނަށް ދިވެހީންނަށް ހާއްސަކޮށް މާލެ ސަރަހައްދުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ސަރުކާރަށް ހާސިލު ކުރެވުނު ވަރަށް ބޮޑު ކާމިޔާބެއްވެސް މެއެވެ.

ބްރިޖު އެޅުމުގައި ޗައިނާގެ ކުންފުނިތަކަށް އޮތީ ކާމިޔާބު ތާރީހެވެ. ނަމަވެސް އެފަދަ މަސައްކަތެއް އިންޑިއާގެ ކުންފުންޏަކަށް ކުރެވޭނެތޯ ސުވާލު އުފައްދާ ބައެއް މީހުން އުޅެއެވެ. އެ ސުވާލުތައް ދިވެހި ނޫސްވެރީން ހުށައެޅިއެވެ. އެ ސުވާލުތަކަށް ޖަވާބުދޭން އެފްކޮންސް އިން ފުރަތަމަވެސް ފެށީ ކުންފުނި އުފެދުނު ތާރީހުންނެވެ. އަދި މިދިޔަ ދިގު މުއްދަތުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލުންނެވެ. 1959 ގައި އުފެދުނު އަދި މިއަދު އިންޑިއާގައި މި ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ކުންފުނިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 150 ބްރިޖު އެޅުމުގެ މަސައްކަތް ކޮށްފައެވެ.

އެއްގަމާއި ކަނޑާއި ކޯރުގައިވެސް ބްރިޖު އެޅުމުގެ ތަޖުރިބާ އެ ކުންފުނީގައި އެބަހުއްޓެވެ. އެފަދަ މަަސައްކަތަކަށް އެންމެ އެކަށޭނަ ޒަމާނީ ވަސީލަތްތަކާއި އެހާމެ ވަރުގަދަ ތަޖުރިބާ ކާރުންގެ ޓީމެއްވެސް އެބައޮތެވެ. އެ ހުރިހާ ތަފްސީލެއް ދިނެވެ.

ބްރިޖު މަސައްކަތަށް މާހިރުންނާއި މުވައްޒިފުންގެ ބޮޑު ޓީމެއް

އެފްކޮންސް އިން ބުނި ގޮތުގައި ތިލަމާލެ ބްރިޖުގެ މަސައްކަތަށް މިހާރުވެސް ރާއްޖޭގައި 500 ވުރެ ގިނަ މުވައްޒިފުން ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި 88 އިންޖިނިއަރުން ހިމެނެއެވެ. އަދި އަހަރު ނިމޭއިރު ބްރިޖުގެ މަސައްކަތު ފޯސް 1،227 އަށް އަރާނެ އެވެ. އިންޖިނިއަރުންގެ އަދަދު 164 އަށް އަރާނެ އެވެ.

އޭގެ ތެރޭގައި މި ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އިންޖިނިއަރުން ވެސް ހިމެނެއެވެ.

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް މިހާރު އޮތީ ފެށިއެވެ. ވަގުތީ ސައިޓްތައް ގާއިމު ކުރުމުގެ މަސައްކަތް އެބަ ހިނގައެވެ. ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތްގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ. އޮކްޓޫބަރަށް މުޅި ސާވޭ ނިންމާލެވޭނެ އެވެ. އަދި ވަގުތީ ބްރިޖުގެ މަސައްކަތް ފެށުން އޮތީ ދާދި ގާތުގައެވެ.

ބްރިޖުގެ މަސައްކަތުގައި ކޮންސަލްޓަންޓުންނާއި އިންޖިނިއަރުން އަދި އެކްސްޕާޓުންގެ ގޮތުގައި އިންޑިއާގެ އިތުރުން ތުރުކީ އާއި ޖަރުމަނު އަދި އޮސްޓްރޭލިއާގެ ބޭފުޅުން ތިއްބަވާނެ އެވެ. އެ ޕޮއިންޓް އެފްކޮންސް އިން ގުޅުވާލަނީ ބްރިޖުގެ ކޮލިޓީއާމެދު އޮތް އިތުބާރު ކަށަވަރު ކޮށް ދިނުމަށެވެ.

ކުންފުނިން ބުނި ގޮތުގައި ތިލަމާލެ ބްރިޖް ވެގެންދާނީ 120 އަހަރުގެ ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ފެންވަރުގެ ބްރިޖަކަށެވެ.

ތިލަމާލެ ބްރިޖު އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. ބްރިޖު ހެދުމުގެ މަސައްކަތާއި ކަމާ ގުޅޭ ސޭވާ ތަކާއި ދިރާސާތައް ވެސް ހަދަނީ އެފްކޯންސް ކުންފުނިންނެވެ.

ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.