ދިވެހި އިންޑިއާގެ ގުޅުން

"އިންޑިއާ އައުޓް" ޖިނާއީ ކުށަކަށް ހެދޭތަ؟

ދިވެހިންނަކީ އެއްވެސް އިރަކު ގައުމުތަކާ ދިމާކޮށްގެން އުޅުނު ބައެއް ނޫނެވެ. އެކަމަކު ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރާނަމަ ދިވެހިން އެކަމާ ދެކޮޅަށް ތެދުވާނެ އެވެ. މުޒާހަރާކޮށް އަޑުވެސް އުފުލާނެ އެވެ. އިސްތިއުފާ އަށް ގޮވަންޖެހޭ ބޭފުޅުންގެ އިސްތިއުފާ އަށް ގޮވައި، ބޭރުކުރަން ޖެހޭ މީހުން "އައުޓް" ކުރަން ވެސް ގޮވާނެ އެވެ. ދިވެހިންގެ މާޒީން އެ މަންޒަރު ފެންނަން އެބައޮތެވެ. އެ ނަޒަރުން ވިސްނާލާއިރު ގައުމީ މަސްލަހަތަކީ ކޮބައިކަން ދިވެހިންނަށް އެނގެ އެވެ. ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަންކަމަކީ ކޮބައިކަން ދެނެގަތުމުގައި ދިވެހިން ފަރިތަ އެވެ. އެހެންކަމުން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަންކަން ސަރުކާރުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ބޭނުންވާހާ ގޮތަކަށް ގާނޫނުތައް ހަދާ މާނަކުރުމުގެ ފުރުސަތެއް ނެތެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކާއި ވަކިވަކި ސިޔާސީ ބޭފުޅުންނާއި ބައެއް ނޫސްތަކުން ކެނޑިނޭޅި ތުހުމަތުކުރި އެވެ. އެ ތުހުމަތު ދޮގު ކުުރުމުގައި ސަރުކާރުގެ އިސްވެރިން އެތައް ވާހަކަތަކެއް ދެއްކި އެވެ. ރައްޔިތުން ކެނޑިނޭޅި ކުރަމުން ދިޔަ މުޒާހަރަތަކުގެ ސަބަބުން ކުރިމަތިވި ފިއްތުއްތަކާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބި ކަމަށް ފަހުން އިއުތިރާފް ވެފަ އެވެ. އެކަމަކު އެކަން ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯދައިގެނެއް ނޫނެވެ. އިންޑިއާ ސިފައިންނާ އެކު އަސްކަރީ ކަންތައްތަކެއް ހިމެނޭ އެއްބަސްވުންތަކެއް ހަދާފައިވަނީ ވެސް މަޖިލީހަށް ނޭނގި އެވެ. ބޭރުގެ އަސްކަރިއްޔާ އަކަށް ރާއްޖެއިން ބައެއްދޭނަމަ ނުވަތަ ބޭރުގެ އަސްކަރިއްޔާއެއް ރާއްޖޭގައި ތިބޭނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުން ހޯދައިގެން ކަމަށް ގާނޫނުއަސާސީގައި ލިޔެފައިވެ އެވެ.

އެ މަގުން ސަރުކާރު ކުރިއަށް ނުދިއުމަކީ ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. ބޭރުގެ އަސްކަރިއްޔާއާ އެކު އެއްބަސްވުންތަކެއް ހަދައި މިއަދާ ހަމައަށް ވެސް އެ އެއްބަސްވުންތައް ފޮރުވައިގެން ތިބުމަކީ ދިވެހިންގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލުކުރުމުގެ ފުރުސަތު ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވެ އެވެ. ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން ކުރިއަށް ގެންދަންޖެހޭ އިޖުރައާތްތައް ފުރިހަމަ ނުކޮށް އަސްކަރީ އެއްބަސްވުންތަކެއް ހަދައި އެ އެއްބަސްވުންތައް ސިއްރުކުރުމަކީ ދިވެހިން އެކަމާ ދެކޮޅަށް އަޑުއުފުލާނެ ކަންކަމެވެ. އިންޑިއާ އައުޓް ފެށިގެން އައީ ކުރިން މި ފާހަގަކުރި ގޮތަށް އެއްބަސްވުންތައް ހެދިފައި ނުވާތީއާއި އެއްބަސްވުންތައް ސިއްރުކުރުމުންނެވެ. އެހެންކަމުން އިންޑިއާ އައުޓް ކެމްޕޭނަކީ ސަރުކާރުން އަމަލުުކުރި ގޮތެއްގެ ސަބަބުން ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވަން އުފެދިގެން ދިޔަ ހަރަކާތެއް ކަމަށް ބުނާނެ ހަމަތަކެއް އެބަހުއްޓެވެ.

ސަރުކާރަށް ގާނޫނީ އިމުގެ ތެރެއިން ބާރުތަކެއް ލިބިދޭއިރު ދިވެހިރާއްޖެ އަކީ ދައުލަތެއްގެ ސިފަ ފުރިހަމަވާ މިނިވަން ގައުމަކަށްވީތީ މި ފަސްގަނޑުގައި ތިބޭނެ މީހުންނާއި ބޭރުކުރަންޖެހޭ މީހުން ނިންމުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު ދިވެހިންނަށް ވެސް ލިބިގެންވެ އެވެ. އެކަމަށް ހުރަސް އަޅައި ބައިނަލްއަގްވާމީ ގާނޫނެއް މުއާހަދާއެއް ނޯންނާނެ އެވެ. ގާނޫނުއަސާސީއާ ގާނޫނުތައް ވެސް އެކުލަވާލާފައި ހުރީ އެ މަގަށެވެ. ދިވެހިން ހިތްހަމަނުޖެހޭ ކަންކަމުގައި ބަސްބުނެ ހިޔާލުފާޅުކުރުމުގެ ހައްގު ގާނޫނުއަސާސީގައި އޮތީ ކަށަވަރުކޮށްދީފަ އެވެ. ގާނޫނުއަަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާ އެކު ފިކުރުކުރުމާއި، އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ.

ދިވެހި ސަރުކާރުން ގާނޫނީ އިމުގެ ބޭރުން ހިންގާ ކަންކަމަށް ސަރުކާރު ޖަވާބުދާރީކުރުވަން ދިވެހި ރައްޔިތުން ބަސް ބުނަމުން އެއީ ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކެއް ކަމަށް ބަލައި ޖިނާއީ ކުށަކަށް ހެދުމުގެ މަސައްކަތް މަޖިލީހާއި ސަރުކާރުން އެ ވަނީ ފަށާފަ އެވެ. ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލްގެ ނަމުގައި ބިލެއް މިހާރު އެވަނީ ޑްރާފްޓް ވެސް ކޮށްފަ އެވެ. އެ ބިލްގައިވާ ފަދަ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބެއްގެ ގޮތުގައި 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމާއި، ހަމަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ޖަލަށް ލުން ވެސް އޮތީ ހިމަނާފަ އެެވެ.

މިބިލާ އެކު ސަރުކާރަށް އިތުރު ފާޑުކިޔުންތަކާއި އިތުރު ފިއްތުތަކާ ސަރުކާރަށް މިވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވި ގޮތުގައ ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތާ ދެކޮޅަށް އަޑުއުފުލުން ޖިނާއީ ކުށަކަށް ނުހެދޭނެ އެެވެ. އދ.ގެ ދީނީ އަދި ފިކުރީ މިނިވަން ކަމާ ބެހޭ ހާއްސަ މަންދޫބުގެ މަގާމުގައި ވެސް ހުންނެވި ޑރ. ޝަހީދު ވިދާޅުވީ އެ ބިލް ތަންފީޒު ކުރުމަށް މަސައްކަތް ނުކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ހާރިޖީ ސިޔާސަތާއި އިންޑިއާއާ ގުޅޭ ސިޔާސަތަށް ފާޑު ކިޔުން ޖިނާއީ ކުށަކަށް ނުހެދޭނެ،" ޝަހީދު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން، ގާނޫނެއް ހަދައިގެން ހުއްޓުވޭނެ ކަމަށް ސަރުކާރުން ދެކޭ ނަމަ އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް އެމްއެންޕީގެ ނާއިބު ރައީސް އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހްމަދު އުޝާމް ވެސް ގަބޫލުކުރައްވަ އެވެ. ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ އުޝާމް ވިދާޅުވީ އެހެން ހަދާ ގާނޫނަކުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން އުޅުމުގެ ބަދަލުގައި ރައްޔިތުން ޝައްކު އުފައްދާ އެއްބަސްވުންތައް ސިއްރުނުކޮށް ވީހާވެސް ބޮޑަށް ކަންކަން ހާމަކުރާނަމަ އިންޑިއާ އައުޓް ކެމްޕޭން ފަދަ ހަރަކާތްތައް އުފެދިގެން ނުދާނެ ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފްގެ ވާހަކަ ހުރި ގޮތުން ސަރުކާރުން މިހާރު އެކުލަވާލާފައިވާ ބިލަށް އެ ބޭފުޅުން އަމަލެއް ނުކުރާނެ އެވެ. އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅުގެ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގާނޫނެއް ހަދަން ސަރުކާރަށް ޖެހުމުން ދޭހަވަނީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ފެއްޓެވި ކެމްޕޭނާ ދެކޮޅަށް ސަރުކާރުން ކުރި ހުރިހާ ކަމެއް ފެއިލް ވެއްޖެ މިންވަރު ކަމަށެވެ.

"ދެން ކުޅެން ޖެހޭނީ ޑިފެންސަށް. ބޭރުގެ އަސްކަރީ ބަޔަކު ތިބުމާ ދެކޮޅަށް މަސައްކަތް ނުހުއްޓުވޭނެ." އާދަމް ޝަރީފް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި ގައުމީ ސަލާމަތަށް ނުރައްކާ ވުމަކީ ކޮބައިންކަން އޮތީ ސާފުކޮށް ބުނެދީފަ އެވެ. އެކަމަށް އިތުރު ގާނޫނެއް ނުވަތަ އިތުރު ތަރުޖަމާ އެއް ބޭނުމެއް ނުވެ އެވެ. އެގޮތުން އެ މާއްދާގައި ބުނެފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވުން ކަމަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނަ އަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށެވެ. މީގެތެރޭގައި ޓެރަރިސްޓް ހަމަލާތަކާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް ހިމެނެ އެވެ. އެހެންނަމަވެސް ރައްޔިތުންނަށް ލިބިދޭ ގާނޫނީ ހައްގުތައް ބޭނުންކޮށްގެން އެކި ކަންކަމަށް ތާއީދުކުރުމަށް ނުވަތަ އިންކާރު ކުރުމަށް ގާނޫނާ ހިލާފު ނުވެ ހިންގާ ސުލްހަވެރި ހަރަކާތްތައް އެ މާނައިގެ ތެރޭގައި ނުހިމެނޭނެ ކަމުގައިވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ކުރާ ފަދަ ހާލަތެއް އަދި ފެންނަން ނެތް ހަރަކާތަކަށް އަމާޒުކޮށް އެ ހަރަކާތުގެ ތެރެއިން ކުރިއަށްދާ ކަންކަން ޖިނާއީ ކުށަކަށް ހެދުމަށް މަސައްކަތް ކުރުމަކީ މަޖިލީހާއި ސަރުކާރުގެ ވަގުތު ނަގާލުމެވެ. އެފަދަ ގާނޫނަކަށް ބަޔަކު އަމަލުކޮށްފާނެ ކަމުގެ ސުވާލުތައް ހުރިއިރު އެފަދަ ގާނޫނެއްގެ މަގުސަދު ހާސިލްވާނެ މިންވަރަކާ މެދު ވެސް ސުވާލު އުފެދެ އެވެ. ސޯޝަލް މީޑިއާއި ޑިޖިޓަލް ވަސީލަތްތައް ތަރައްގީވެފައި ހުރި ގޮތަށް ބަލާއިރު އިންޑިއާ އައުޓް ފަދަ ހަރަކާތްތައް ޖިނާއީ ކުށަކަށް ހަދައި ހުއްޓުވަން މަސައްކަތް ކުރުމަކީ ކުރާ ބޭކާރު މަސައްކަތެކެވެ.