ރާއްޖެ ކުޅިވަރު

ކުޅުދުއްފުށީ ސަޕޯޓަރުން ގައުމީ ޖޯޝުން ފުރިފައި

Aug 29, 2016
1

ކުޅުދުއްދުށީގައި އެކަނި ތައްޔާރު ކުރާ ހާލު ފޮޅިއަކީ އަނގަޔަށް މީރު އެއްޗެކެވެ. އެއީ ކުޅުދުއްފުއްޓަށް ހާއްސަ އެއްޗެކެވެ. އެ ރަށުގެ ހާލު ފޮޅިއާ އެއް ހަމައިގައި އެރަށަށް މިވަނީ ހާއްސަ އެހެން ޝަރަފެއް މިހާރު ލިބިފަ އެވެ.

މިހާރު ކުރިއަށްދާ މިނިވަން ޗެމްޕިއަންޝިޕްގައި އާދަޔާ ހިލާފް ސަޕޯޓެއްދިން ހދ. ކުޅުދުއްދުށީގެ ސަޕޯޓަރުންގެ ވާހަކަ މުޅި ރާއްޖެއަށް މަޝްހޫރުވެގެން ދިޔައީ ހާލު ފޮޅިއާ އެއް ދަރަޖައިގަ އެވެ. ކުޅުދުއްދުށީ ސަޕޯޓަރުންގެ ވާހަކައަކީ ދިވެހި ފުޓްބޯޅައިގެ ކޮމިޔުނިޓީގެ މެދު މިހާރު މަގުބޫލު ވާހަކައެކެވެ. ކުޅުދުއްފުށިން ފެނުނު ސަޕޯޓު ދިވެހި ފުޓްބޯޅައިގެ ކޮމިޔުނިޓީން ވަނީ ބަލައިގެންފަ އެވެ.

ކުޅުދުއްފުށިން ފެނުނު ސަޕޯޓް ފާހަގަކޮށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވަނީ ދިވެހިންނަށް ފުޓްބޯޅައިގައި ލިބުނު އެންމެ ބޮޑު ކާމިޔާބު ހޯދި ޓީމާައި މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗަށް ކުޅުދުއްދުށިން 220 ސަޕޯޓަރުން މާލެ ގެނެސްފަ އެވެ. މީ ރާއްޖޭގެ ފުޓްބޯޅާގައި އާ މަންޒަރެކެވެ. ގައުމީ ޓީމަށް ޓަކައި، ރާއްޖޭގެ އުތުރުގައި އޮތް އެންމެ އާބަދީ ބޮޑު ރަށުން ވެރިރަށަށް ޖަމާވުމަކީ އާ ކަމެކެވެ.

ކުޅުދުފުށިން ދަނޑަށް ވަންނަ އަދަދު 380 އަށް ވުރެ މަތި

މިއަދު މާލެ އައި ސަޕޯޓަރުންގެ ޓީމުގައި ހިމެނެނީ 220 މީހުންނެވެ. މާލޭގައި އުޅޭ ކުޅުދުއްފުށީގެ ރައްޔިތުންގެ ތެރެއިން، 150 ހާ މީހުން އެ ޓީމާއެކު ދަނޑަށް ވާންނާނެ ކަމަށް ކުޅުދުއްދުށީ ސަޕޯޓަރުންގެ ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަބްދުރަޝީދު (އަބުސީ) ބުންޏެވެ. ދަނޑަށް ވަންދަން ބޭނުން ކުރާ، ހެޑް ބޭންޑް ފަދަ ސަޕޯޓް ކުރަން ބޭނުންވާ އެއްޗިހި ހޯދާފައިވަނީ ކުޅުދުއްދުށީ ސަޕޯޓަރުން އަމިއްލައަށެވެ.

"ސަޕޯޓް ކުރާނީ ގޯލްޑް ޓީމަށް، ހާއްސަ ވާނީ ގައުމު"

މިރޭ ދަނޑަށް ވަންނަ ކުޅުދުއްފުށީ ސަޕޯޓަރުން ތިބެނީ ސާފް ޗެމްޕޮއަންޝިޕް ކާމިޔާބު ކުރި ޓީމު ބޭނުންކުރި ރަތް ޖޯޒީގަ އެވެ.

"އަޅުގަނޑުމެން ތިބޭނީ ރަން މެޑަލް ހޯދި ޓީމުގެ ކުލައިގައި، އަޅުގަނޑުމެން ސަޕޯޓް ކުރާނީ އެ ޓީމަށް، ހަމަ އެޔާއެކު ގައުމީ ޓީމުވެސް އަޅުގަނޑުމެންނަށް މުހިންމު. ކޮންމެ ޓީމަކަށް ސަޕޯޓް ކުރި ނަމަވެސް އަޅުގަނޑުމެންނަށް ހާއްސަ ވާނީ ދިވެހި ގައުމު" އަބްސީ ބުންޏެވެ.

ކުޅުދުއްދުށީގެ ސްޓައިލުން ދަނޑު ގުގުމާލާނެ

ޔަގީނުންވެސް ކުޅުދުއްދުށީ ސަޕޯޓަރުންނަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ސަޕޯޓަރުންގެ ކޮމިޔުނިޓީ އެވެ. ކުޅުދުއްފުށީ ސަޕޯޓަރުންގެ ވާހަކަ މިހާ ގަދަވެގެން ވެސް އުޅެނީ ސަޕޯޓަރުން ސަޕޯޓް ކުރުމުގައި ގެންގުޅޭ ހާއްސަ ސްޓައިލްގެ ސަބަބުންނެވެ. އެ ސްޓައިލާ އެންމެ ގާތް ކުރާ ސްޓައިލްއެއް އެންމެ ފަހުން ފެނިފައިވަނީ މިފަހަރު ޔޫރޯގެ ކްއާޓާ ފައިނަލަށް ދަތުރު ކުރި ކުޑަކުޑަ އައިސްލެންޑް ޓީމުގެ ސަޕޯޓަރުންގެ ފަރާތުންނެވެ. ނަމަވެސް ކުޅުދުއްފުށީ ސަޕޯޓަރުން އެ ސްޓައިލް ބޭނުން ކުރަނީ ބަދަލުތަކާއެކު އަމިއްލަ ސްޓައިލްއަކަށެވެ. ދިވެހި ފުޓްބޯޅައިގެ ކޮމިޔުނިޓީގެ ބަހުން ނަމަ "ކުޅުދުއްދުށީ ސްޓައިލް" އެވެ.

ކުޅުދުއްދުށީ ސަޕޯޓަރުންގެ ސްޓައިލް ދިވެހި ފުޓްބޯޅައިގެ ސަޕޯޓަރުންގެ ބްރޭންޑަކަށްވެ، ރާއްޖޭގެ އެންމެ ބޮޑު ދަނޑުން، މިރޭ ފެނިގެންދާނެ އެވެ.

އަބުސީގެ ބުނީ "ކުޅުދުއްފުށީގެ ސަޕޯޓަރުންގެ ހާއްސަ ސްޓައިލުން މިރޭ ގައުމީ ފުޓްބޯޅަ ދަނޑު ގުގުމާލާނެ" ކަމަށެވެ. ވަޅުޖެހިފައިވާ ދިވެހި ފުޓްބޯޅަ ފޯރީގެ އިންޖީނު ހަލުވި ކުރުމަށް އެފްއޭއެމް އިން ދަނޑަށް ގެންނަނީ ކުޅުދުއްދުށީ މަރުކާ އެވެ. ކުޅުދުއްފުށީގެ ސަޕޯޓަރުންނަށް ސާބާހާއި އައްސަރިބަހެވެ.