ވިޔަފާރި

ކަނޑު އުޅަނދު ފަހަރު އިންޝުއަ ކުރަން އެލައިޑަށް

Aug 29, 2016
1
  • ލިބޭ ގެއްލުމުގެ ޖުމްލަ ބަދަލު ލިބޭ
  • ޖެނުއަރީ އެކަކުން ފެށިގެން ލާޒިމް ކުރޭ
  • ރާއްޖޭގައި 14،000 ގިނަ އުޅަނދު

ކަނޑު ދަތުރުފަތުރުގެ ގާނޫނުން ލާޒިމްކުރާ ކަނޑުގައި ދުއްވާ އުޅަނދު ފަހަރު އިންޝުއަ ކުރަން އެލައިޑް އިންޝުއަރެންސް ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

ސްޓެލްކޯ މީޑިން ރޫމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެލައިޑްގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް އެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަބްދުރަޝީދު ނާޒިފް އެވެ.

މި ރަސްމިއްޔާތުގައި ނާފިޒު ވިދާޅުވީ އެލައިޑް އިންޝުއަރެންސާއެކު މަސައްކަތް ކުރަން ނިންމީ ދެ ފަހަރެއްގެ މަތިން މި ހިދުމަތް ދިނުމަށް އިއުލާނު ކުރުމަށްފަހު، އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅީ އެ ކުންފުނި ކަމަށްވާތީ ކަމަށެވެ.

"ހިތަށް އަރާފާނެ ރާއްޖޭގައި އެހެނިހެން އާ ކުންފުނިތައް ވެސް އެބަހުއްޓޭ. އެލައިޑް ހޮވުމުގައި ބެލިން މުޅިރާއްޖޭގައި މިކަން ކޮށްދެވެނީ ކޮން ބަޔަކަށްތޯ؟ މިކަން އެންމެ ރަނޅަށް ކުރެވޭނީ ކޮން ފަރާތަކަށްތޯ؟ ހަމައެއާއެކު ބެލުން އިންޝުއަރެންސުގެ ހިދުމަތް ފޯރުކޮށްދީފައި ހުރި ކުންފުނިތައް ބެލިން. ރާއްޖޭގައި މިވަގުތު އިންޝުއަރެންސުގެ ހިދުމަތް ދޭ ގިނަ ކުންފުނިތަކަކީ މުޅިރާއްޖޭގައި ހިދުމަތް ދެވޭނެ ގާބިލްކަން ހުރި ކުންފުނިތަކެއް ނޫން،" ނާފިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެލައިޑާއެކު އެއްބަސްވެފައިވަނީ ފަސް އަހަރުގެ މުއްދަތައް ކަމަށާއި، އެލައިޑުން ދޭނީ "ޓޯޓަލް"ގެ "ހަލް އެންޑް މެޝިނަރީ" ޕޮލިސީ ކަމަށެވެ.

"މި އިންޝުއަރެންސް [ޓޯޓަލް ލޮސް ހަލް އެންޑް މެޝިނަރީ] ނަގަން ޖެހޭނީ އެލައިޑުން. މިއީ މަޖުބޫރު މާއްދާއެއް. ނަމަވެސް މުދާ އިންޝުއަރެންސް ނެގިދާނެ އަގު ހެޔޮކޮށް ލިބޭ ތަނަކުން،" ނާފިޒު ވިދާޅުވި އެވެ.

މި ރަސްމިއްޔާތައް ފަހު ބޭއްވި ނިއުސް ކޮންފަރެންސުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެލައިޑް އިންޝުއަރެންސުގެ މެނޭޖިން ޑިރެކްޓަރު އަމީލް ވިދާޅުވީ މި ޕޮލިސީގެ އަންނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން މި އިންޝުއަރެންސްގެ ހިދުމަތް ފެށުމާއެކު، އޮންލައިންކޮށް ނެގޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އައިޓީ ޓީމުން މިދަނީ ތައްޔާރުވަމުން. އޮންލައިންކޮށް އިންޝުއަރެންސް ނަގައި ލެވޭނެ. މި އިންޝުއަރެންސް ހިދުމަތް ދޭނީ ޕާޓްނަރުންގެ ގޮތުގައި އެސްޓީއޯ، ބީއެމްއެލް ފަދަ ކުންފުނިތައް ހިމެނޭ،" އަމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އިންޝުއަރެންސް ޕޮލިސީގެ ދަށުން އޮޑިއަށް ލިބޭ ހުރިހާ ގެއްލުމަކަށް ބަދަލު ލިބޭނެ ކަމަށެވެ.

"މިއީ ޓީއެލްއޯ [ޓޯޓަލް ލޮސް] ޕޮލިސީއެއް. ގެއްލުން ވެދާނެތީ ކުރާ ހަރަދު [ސެލްވޭޖް] ވެސް ކަވަރުވާނެ. އެންމެ މުހިންމުކަމަކީ އުޅަނދަށް ޓޯޓަލް ލޮސްވީމަ ބަދަލު ލިބުން. އެއްކޮށް ގެއްލުންވާ ހާލަތްތަކުގައި މަސައްކަތް ކުރާ ފަރާތުގެ އަތްމަތި ވެސް ހުސްވޭ،" އަމީލް ވިދާޅުވި އެވެ.

ރާއްޖޭގައި 14،000 އަށްވުރެ ގިނަ ކަނޑު އުޅަނދު ހުންނައިރު، މި އިންޝުއަރެންސަށް ޕްރިމިއަމްގެ ގޮތުގައިދައްކަން ޖެހެނީ އަހަރު 0.6 ޕަސެންޓެވެ.