ސާފް ޗެމްޕިއަންޝިޕް 2008 ކާމިޔާބު ކުރި ކުރީގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު ހާއްސަ މެޗު 1-0އިން ގައުމީ ފުޓްބޯޅަ ޓީމު މިރޭ ކާމިޔާބުކޮށްފި އެވެ.
ސްޕޭނާއި ބާސެލޯނާގެ ޒަވީ ހަނާންޑޭޒް އާއި އާޖެންޓީނާގެ ޑިފެންޑަރު ރޮބާޓޯ އަޔާލާ ޝަރަފުވެރިކޮށްދެއްވި މެޗުގެ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފުގައި އިމްރާން ނަޝީދު އެވެ.
ފީފާގެ ކުރީގެ ރެފްރީ ރިޔާޒް ރަޝީދާއި އަލީ ސަލީމާއި އަހުމަދު އަމީޒް ރެފްރީކަން ކުރި މި މެޗުގެ ހާފުގައި އަޔާލާ ވަނީ ގައުމީ ޖާޒީގައި ތަށި ހޯދީ ޓީމުގެ ފަހަތް ބަލަހައްޓައިފަ އެވެ. ހާފެއް 35 މިނިޓަށް ކުޅުނު މި މެޗުގައި އޭނާ ކުޅެން ނުކުތީ ޑިފެންޑަރު ސޮބާހު މުހައްމަދުގެ ބަދަލުގަ އެވެ.
މި މެޗުގެ އިންޓަވަލް ގަޑީގައި ޒަވީ އާއު އަޔާލާ ވަނީ އެދެމީހުން ސޮއިކޮށްފައިވާ ބޯޅަތަކެއް ދަނޑަށް ނުކުމެ ސަޕޯޓަރުންނަށް ބަހާފަ އެވެ. އަދި އިންޓަވަލް ވަގުތުގައި އެދެމީހުންނަށް ޝުކުރު އަދާކޮށް އެފްއޭއެމުން ހަދިޔާދިނެވެ. އަދި ތަށި ހޯދައިދިން ކޯޗު ޖޯސެފް ޔަންކޭގެ އަގުވަޒަން ކުރުމުގެ ގޮތުން އެފްއޭއެމުގެ ހާއްސަ އިނާމް ވެސް ކޯޗަށް ހަދިޔާކުރީ ގައުމީ ފުޓްބޯޅަ އިދާރާގެ ރައީސް އަހުމަދު ތޯރިގު އެވެ.
މި މެޗަށް ފަހު ގައުމ ޓީމު ދެން ތައްޔާރުވާނީ ބުދަ ދުވަހު ބަނގްލަދޭޝްއާ އެކު ވާދަކުރަންޖެހޭ މެޗަށެވެ. އެ މެޗަށް ފަހު އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ނުކުންނާނީ ލާއޯސްއާ ދެކޮޅަށެވެ.