ފުޓްބޯޅައިގައި މިހާރުގެ ދިވެހިން ކޮންމެ ފަހަރަކުވެސް ބޭނުން ވަނީ ރަން މެޑަލްއެވެ. ތައްޓެވެ. ނަމަވެސް ރާއްޖެއަށް ފުޓްބޯޅައިގައި ރަން މެޑަލް ހޯދައިދިން ކޯޗް ސޮލަވާކިއާގެ ޖޯސެފް ޔަންކޭޒްގެ ބަސް ތަފާތެވެ. ކޯޗްގެ ނަޒުރުގައި ކޮންމެ ފަހަރަކު ރަން މެޑަލް ނުލިބިދާނެ އެވެ. އެކަމަކު އެކަމަށް ގަދަ އަޅައި ހިތްވަރު ކުރަން ޖެހެއެވެ.
ރާއްޖޭގެ ކޯޗެއްގެ ގޮތުގައި ޔަންކޭޒް ދެ ފަހަރެއްގެ މަތިން ހޭދަ ކުރި ދުވަސްތަކުގައި އޭނާގެ ކޯޗިން ފިލޯސަފީން ފެންނަން އޮތީ ވެސް މި އިރުޝާދެވެ. މި ނަސޭހަތާއި އިލްތިމާސެވެ. ސާފްޗެމްޕިއަންޝިޕަށް ޔަންކޭޒް ރާއްޖެ ގޮވައިގެން އެންމެ ފުރަތަމަ ނިކުތީ 2003 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތުގެ ފައިނަލުގައި ބަނގުލަދޭޝްގެ ސުގަތަދާތަ ސްޓޭޑިއަމްގައި އެ ގައުމު އަތުން ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެން 5-3 އިންނެވެ. އެއީ 1992 ވަނަ އަހަރު ސަރަހައްދީ މުބާރާތުން ރިހި މެޑަލް ހޯދިފަހުން، ރަން ތަށީގައި އަތް ލުމަށް ދިވެހި އެންމެ ބޮޑަށް އުންމީދު ކުރި ފަހަރެވެ. ނަމަވެސް ފައިނަލްގައި ނާކާމިޔާބުވެ ދިވެހިންގެ އެ އުންމީދު ފުރިހަމަކޮށް ނުދެވި ޔަންކޭޒް ރާއްޖެ ދޫކޮށް ފުރައިގެން ދިޔައީ އެވެ.
ނަމަވެސް ދިވެހިންނާ މެދު، ދިވެހި ފުޓްބޯޅައާ މެދު ޔަންކޭޒްގެ ހިތުގައި ލޯތްބާއި ގަދަރު ފަނޑުވެގެން ނުދެއެވެ. އެކަން އެނގެނީ ދެ ވަނަ ފަހަރުވެސް އޭނާގެ އެހީތެރިކަން ހޯދަން ދިވެހިން އެދުމުން އޭނާގެ އަތް ދިވެހިންނާ ދިމާލަށް ދިއްކޮށްލުމުންނެވެ. ދެހާސް އަށް ވަނަ އަހަރު ރާއްޖެ އާއި އަވަށްޓެރި ސްރީ ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ދިވެހިން ނިކުތީ ޔަންކޭޒްއާއެކު އެވެ. ދެ ވަނަ ފަހަރަށް ރާއްޖޭގެ ކޯޗް ކަމާ އޭނާ ހަވާލުވީ 2003 ވަނަ އަހަރުގެ ފައިނަލްގެ ނާކާމިޔާބު ހަދާން ކުރަމުން، އެ ނަތީޖާއިން ހިތްވަރު ހޯދައިގެންނެވެ. އާ ހިތްވަރަކާއެކު އާ ޖޯޝަކާއެކު، "މީ އަހަރެމްންގެ ފަހަރޭ" ބުނެ ދިވެހިންނަށް ސާފް ޗެމްޕޮއަންޝިޕްގެ ކާމިޔާބު ކޮށްދިނުމުގެ އަޒުމުގަ އެވެ. އެ އަޒުމު ރާއްޖެއަށް ހާސިލުކޮށްދީ ސިޔާސީ ހަލަބޮލި މާހައުލުގެ ތެރެއިން ޔަންކޭ ދިވެހިން ހިނިތުންކޮށް ފޮޅުވާލައިދީފަ އެވެ.
"ކޯޗްގެ އެ ކާމިޔާބުގެ އެންމެ ބޮޑު ސަބަބަކަށް ވާނެ، އޭގެ ކުރިން ރާއްޖެ އައިސް ރާއްޖޭގެ ފުޓްބޯޅަ ދެނެގެނެވި ޓީމުގެ ޓެކްނިކަލް ޑިސިޕްލިން ހިފަހައްޓައި މުޅި ސްކޮޑް ޓީމެއްގެ ގޮތުގައި ގޮތުގައި އެވެ، މުޅި ޓީމު އެކުގައި ކުރި މަސައްކަތް،" 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ދިވެހިންނަށް އުފުލައިލައިދިން ކެޕްޓަން އައްސަދު އަބްދުލް ގަނީ ބުންޏެވެ.
ޔަންކޭޒް މިއަދުވެސް ދިވެހިންނަށް ދެނީ މި އިރުޝާދެވެ. މެޑަލް ނުލިބޭ ކޮންމެ ފަހަރަކީ ދެން އޮންނަ ކޮންމެ ފަހަރަކަށް އާ ހިތްވަރަކާއެކު ނިކުންނަންވީ ފަހަރެވެ.
"ކޮންމެ ފަހަރަކު ރަން މެޑަލް ނުހޯދިދާނެ. އެކަމަކު އެއިން ކޮންމެ ފަހަރަކު އާ ހިތްވަރަކާއެކު ދެން އޮންނަ ކޮންމެ ފަހަރަކަށް ތައްޔާރުވާންޖެހޭނެ،" ރޭ މެޗަށްފަހު ޔަންކޭޒް ބުންޏެވެ.
އޭރު ތަށި ހޯދި ގިނަ ކުޅުންތެރިން މިއަދު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ. ދިވެހި ގައުމީ ޓީމް ޒުވާން ވެސް ވެއްޖެއެވެ. ނަމަވެސް ރާއްޖޭގެ ފުޓްބޯޅައިގެ ހަޔާތުގައި ފެނުނު އެންމެ ކާމިޔާބު ކޯޗް ޔަންކޭޒްގެ މި އިރުޝާދަކީ މިއަދުވެސް އަދި މާދަމާ ވެސް ދިވެހި ގައުމީ ޓީމަށްޓަކައި އޮތް ބޮޑު ވަސިއްޔަތެކެވެ.
ގައުމީ ޓީމުގެ މިހާރުގެ ކުޅުންތެރިންނަށް އޭރުގެ ގައުމީ ޓީމުގެ ކުޅުންތެރިންގެ މިސާލު ފުދެއެވެ. ރޭ އޭރުގެ ކުޅުންތެރިންނާ ދެކޮޅަށް މިހާރުގެ ކުޅުންތެރިން ކުޅުނު މެޗްގައި ވެސް އެ ޓެކްނިކަލް ޑިސިޕްލިން ފެނިގެން ދިޔައެވެ. ހުދު ޔަންކޭވެސް ވަނި މިހާރުގެ ކުޅުންތެރިންނަށް އެ މެޗްގެ މުހިންމުކަން ސިފަކޮށްފަ އެވެ.
"މީގެ ދެ ދުވަސް ފަހުން [ސެޕްޓެމްބަރު އެއް ވަނަ ދުވަހު] ރާއްޖެ ނިކުންނާނެ ބަނގުލަދޭޝް ޓީމާ ދެކޮޅަށް. އޭގެ ކުރިން އަހަރެންގެ ގޯލްޑް ޓީމާ ދެކޮޅަށް މެޗް ކުޅުމަކީ މިހާރުގެ ކުޅުންތެރިންނަށް ލިބޭނެ ހިތްވަރަކަށް ވެގެންދާނެ،" ޔަންކޭޒް ބުންޏެވެ.