ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ދަށް ޑިވިޝަންތައް ހަރުދަނާ ކުރުމަކީ އެންމެ މުހިންމު އެއް ފިޔަވަޅެވެ. ފުޓްބޯޅަ ފޯރިގަދަ ކުރުމަށް އެންމެ ބޮޑެތި އިންވެސްޓްތަކެއް ކުރަމުންދާ އޭޝިއާގެ ގައުމުތަކުން ވެސް އެ ގައުމުތަކުގެ ދަށް ޑިވިޝަން ފުޓްބޯޅަ މުބާރާތް ހަރުދަނާ ކުރުމަށް އިސްކަންދެ އެވެ. އެއް މެލޭޝިއާ އާއި ޔޫއޭއީ އަދި ޖަޕާން ފަދަ ގައުމުތަކުގައި އޮތް މޮޑެލް އެވެ. ދެވަނަ ޑިވިޝަން މާކެޓްކޮށް، މުބާރާތުގައި ވާދަ ކުރާ ކުލަބުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އިސްކަންދެއެވެ.
ދެ ވަނަ ޑިވިޝަންގައި ވާދަ ކުރާ ކޮންމެ ކުލަބަށް އެއް ލައްކަ ރުފިޔާ ދިނުމަށް އެފްއޭއެމް އިން މިއަހަރު ފާސް ކުރި ބަޖެޓްގައި ވެއެވެ. ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް އެފްއޭއެމްގެ ބަޖެޓްގައި ކަނޑައަޅާފައިވަނީ 1.2 މިލިއަން ރުފިޔާ އެވެ.
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ހަރުދަނާ ކޮށް ފެންވަރު ރަނގަޅު މުބާރާތަކަށް ހެދުމަށް އެފްއޭއެމް އާއެކު އެމްޓީސީސީ އޮތީ ތައްޔަރަށެވެ. މިއަދު އެފްއޭއެމްއާއެކު ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސްޕޮންސާޝިޕް އެއްބަސްވުމުގައި އެމްޓީސީސީ ވަނީ ސޮއިކޮށްފަ އެވެ.
"ދެ ވަނަ ޑިވިޝަން ފުޓްބޯޅަ ފުޓްބޯޅަ މުބާރާތް ހަރުދަނާ ކޮށް ފޯރިގަދަ ކުރުމަށް އެމްޓީސީގެ ފަރާތުން އެންމެ ފުރިހަމައަށް އެއްބާރުލުން ދޭނެ" ކަމަށް އެމްޓީސީސީގެ މީޑީއާ ކޯޑިނޭޓާ އައިޝަތު ރީމާ ވިދާޅުވިއެވެ.
އެފްއޭއެމްއާއެކު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ހަރުދަނާ ކޮށް ފޯރިގަދަ ކުރުމަށްޓަކައި ކުރެވޭ މަސައްކަތް ކާމިޔާބު ވެގެންދާނެ ކަމުގެ ފުރިހަމަ އުންމީދު އެމްޓީސީސީއަށް އެބޮއޮތެވެ. މީއީ ރާއްޖޭގެ ފުޓްބޯޅާ އެހެން ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް އެމްޓީސީސީ އިން ގަބޫލު ކުރެއެވެ.
"މި އެއްބަސްވުމުގެ ސަބަބުން ދިވެހި ފުޓްބޯޅާއަށް ފައިދާ ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް" ރީމާ ވިދާޅުވިއެވެ.