ވެމްކޯ

ކަރުދާސް ރީސައިކަލްކޮށް އެކްސްޕޯޓް ކުރަން ވެމްކޯއިން މަޝްވަރާ ފަށައިފި

ރާއްޖޭގައި އުކާލާ ކަރުދާސް ރީސައިކަލްކޮށް އެކްސްޕޯޓް ކުރުމަށް ބަޔަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފުއާދު މިއަދު ވިދާޅުވެއްޖެ އެވެ. ފުއާދު މިހެން ވިދާޅުވި އިރު މިއަދު ވަނީ ކަރުދާސް ރީސައިކަލް ކުރުމަށް ރާއްޖޭގެ ޕްރިންޓިން ކުންފުނި، އެމް ސެވަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ވެމްކޯގެ "ފަރުދީ ޒިންމާ" ގެ ނަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ އެންމެ ގިނައިން ކަރުދާސް އުކާލާ އެއްކުންފުނި، އެމް ސެވަންއާއެކު ސޮއި ކުރުމަކީ ރީސައިކްލިންއަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށާއި ވެމްކޯގެ އާ ކޮންސެޕްޓުގެ ތެރެއިން ރީސައިކަލްކޮށް އެކްސްޕޯޓު ކުރަން ރާވައިފަވާ ކަމަށެވެ. އަދި ވިދާޅުވީ އެކަން ކުރާނީ ސިނާއީ ރަށް، ތިލަފުށީގައި ކަރުދާސް ރައްކާކޮށް ބަޔަކާއެކު ޕާޓްނާޝިޕްގެ އުސޫލުން ކަމަށެވެ. -- މަޝްވަރާ ކުރަމުން އަންނަ ބައެއް ފުއާދު ވިދާޅެއް ނުވެ އެވެ. --

"އަޅުގަނޑު ދެކޭ ގޮތުގައި އުކާލެވޭ ކުނީގެ ތެރެއިން ކަރުދާހަކީ ވަރަށް ބޮޑު އަދަދެއް. އަޅުގަނޑުމެން މިއަދު މި ފެށި ކަރުދާސް ރީސައިކަލް ކުރުމުގެ މަސައްކަތަށް ދައުވަތު ދެން ސަރުކާރުގެ އޮފީސްތަކާއި މިނިސްޓްރީތަކާއި ސަރުކާރުން ހިނގާ ކުންފުނިތަކާއި ސްކޫލުތަކާއި އިޖްތިމާއީ ޖަމިއްޔާތަކަށާއި ރިސޯޓުތަކަށް ވެސް. އެ ފަރާތްތަކުން މީގައި ބައިވެރިވުމުން ރާއްޖޭގައި އުކާލާ ހުރިހާ ކަރުދާހަކީ ރީސައިކަލް ކުރެވޭނެ ކަރުދާހަކަށް ހެދޭނެ މަސައްކަތް ކުރިޔަށް ގެންދެވޭނެ،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ މިއަހަރު ދިރާސީ އަހަރު ނިމުމުން ސްކޫލުތަކުން އުކާލާ ހުރިހާ ފޮތްތަކެއް ސްކޫލުތައް މެދުވެރިކޮށް ރީސައިކަލް ކުރެވޭނެ ގޮތެއް ހަދަން ނިންމާފައިވާ ކަމަށާއި ކުރިޔަށް އޮތްތާ އެ މަސައްކަތް ކޮންމެ އަހަރަކުވެސް ކުރާނެ ކަމަށެވެ. އިތުރަށް ވިދާޅުވީ ރާއްޖޭގައި ކުނީ މައްސަލަ ބޮޑުވެފައިވާ ކުނި ގިނަވަނީ އިސްރާފުގެ ކުރާމިންވަރު ބޮޑުވުމުން ކަމަށާއި އޭގެ ތެރޭގައި ކަރުދާސްވެސް ހިމެނޭ ކަމަށެވެ.

ވެމްކޯއިން މީގެ ކުރިން ވަނީ ޕްލާސްޓިކް ފަދަ ތަކެތިވެސް ރީސައިކަލްކޮށް އެއިން އުފައްދާ ތަކެތި މާލޭގައި ވިއްކަން ނިންމާފަ އެވެ. އަދި ކުނި މެނޭޖު ކުރުމުގެ އިތުރުން ފުޅާ ދާއިރާއެއްގައި އާންމުން އެކަމަށް ހޭލުންތެރި ކުރުމުގެ ކެމްޕޭނެއް ވެސް ފަށާފައި ވެއެވެ. ވެމްކޯގެ މި ކެމްޕޭން ހިންގައި ދެނީ ހައިޕް މީޑީއާއިން ނެވެ.