އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކްރެޓަރީ، އަހްމަދު މަރުޒޫގް އިސްނަންގަވައިގެން ފައްޓަވާފައިވާ، 'ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް' ގެ ފުރަތަމަ ކުންފުންޏަކަށް އުރީދޫ ވެއްޖެ އެވެ.
'ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް'ގެ ބައިވެރިޔަކަށް ވުމަށް އިއްޔެ ރަސްމީކޮށް ފެއްޓެވުމުން، ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސްގެ ފުރަތަމަ ޕާޓްނަރެއް ކަމުގައި ވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.
'ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް' އަކީ އޮލިމްޕިކް ކޮމިޓީގެ އެތުލީޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމަށް އެހީތެރިވުމަށް، މަރުޒޫގްގެ އިސްނެންގެވުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ.
ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސް ޕްރޮގްރާމުގައި އުރީދޫ ބައިވެރިވުމަށް، މަރޭ ވަނީ އުރީދޫގެ ސީއީއޯ ވިކްރަމަ ސިންހްއަށް ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސްގެ ރަމްޒީ ބެޓަންއެއް އަރުވާފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އުރީދޫގެ ސީއީއޯ ވިދާޅުވީ ޕާޓްނާސް ފޯ އެމްވީ ސްޕޯޓްސްގެ ދަށުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެތުލީޓުން ޓްރެއިން ކުރުމުގެ ސްކޮލާޝިޕް ޕްރޮގްރާމަށް އެހީތެރިވެދެއްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޒުވާނުން ބާރުވެރި ކުރުމަށް ކުޅިވަރަކީ އެންމެ މުހިންމު މަސައްކަތް ކަމަށެވެ.
"ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހެއްގެ ދަރިއަކީ ޑޮކްޓަރަކަށްވާން އިންޖިނިއަރަކަށްވާން، ނަމަވެސް މަރުޒޫގްގެ މަސައްކަތުން ބެލެނިވެރިންގެ ވިސްނުން ބަދަލުވާން ފަށައި. މިހާރު ބެލެނިވެރިން ބޭނުންވޭ އެމީހުންގެ ދަރިންނަކީ މޮޅު ސްޕޯޓްސް މަނަކަށް ހެދުމަށް ވެސް" އުރީދޫގެ ސީއީއޯ ވިކްރަމަ ސިންހް ވިދާޅުވި އެވެ.
މަރޭ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އޮލިމްޕިކް ކޮމިޓީގެ ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ރާއްޖެއިން ބޭރުގައި ޓްރެއިނިން ހަދާ ކުދިންގެ އަދަދު 32 އަށް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެއް އެތުލީޓަކަށް އުރީދޫއިން ސްޕޮންސަ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޮލިމްޕިކް ކޮމިޓީގެ ސްކޮލާޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި މިހާރު ޓްރެއިނިން ހަދަމުން ގެންދަނީ ހަތް އެތުލީޓުންނެވެ.
މިރަސްމިއްޔާތުގައި އުރީދޫ ސީއީއޯ ވިކްރަމަ ސިންހް ވަނީ މަރޭ އިސްނަންގަވައިގެން ފެއްޓެވި ޓްރޭން ވިތް އެމްވީ ޗޭމްޕްސް ޕްރޮގްރާމް ކުރިއަށް ގެންދާތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން މަރޭއަށް ރަމްޒީ ބެޓަންއެއް އަރުވާފަ އެވެ.