ރާއްޖެ ކުޅިވަރު

ދިވެހި ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ރަނގަޅު: ގައުމީ ކޯޗް

އަންނަ އަންގާރަ ދުވަހު ލާއޯސްއާ ދެކޮޅަށް ނުކުންނައިރު ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓް ރަނގަޅުވުން ކަމަށް ގައުމީ ކޯޗު ޑަރެން ސްޓެވާޓް ބުނެފި އެވެ.

"ކުޅުންތެރިންގެ މަސައްކަތާ މެދު އަހަރެން ސުވާލެއްވެސް ނެތް، ބަންގާޅު މެޗަށް ފަހު (ލާއޯސްއާ ދެކޮޅަށް ކުޅެން) އޮތް މެޗަކީ ރާއްޖެއަށް މޮޅުވާން މަޖުބޫރު މެޗެއް، ކުޅުންތެރިން ތިބީ އެކަމަށް ފޯކަސްކޮށްގެން. އެންމެ ސީނިއާ ކުޅުންތެރިންނާ ހިސާބުން ފެށިގެން އެންމެ ޒުވާން ކުޅުންތެރިންނާ ހަމަޔަށް މަސައްކަތުގައި ރަނގަޅު ކޮމިޓްމެންޓެއްދޭ،" ސްޓެވާޓް ބުންޏެވެ.

މާދަމާ ރޭ ބަނގްލަދޭޝްއާ ދެކޮޅަށް ކުޅެ މެޗް ސްޓެވާޓް ދެކެނީ ލޯއޯސްއާ ދެކޮޅަށް ކުޅެ މެޗަށް ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށެވެ. އޭނާގެ ހުރިހާ ފޯކަސްއެއް ލާއޯސް މެޗަށް ހުރި ނަމަވެސް ބަނުފުލަދޭޝް މެޗަށް އޮތް ސަމާލުކަން ކުޑަ ނުކުރާނެ ކަމަށް ސްޓެވާޓް ބުންޏެވެ.

"ފްރެންޑްލީ މެޗަކަށް ވިޔަސް މިއީ ވާދަވެރި މެޗެއް. މިމެޗުގައިވެސް ރަނގަޅު ކާމިޔާބެއް ހޯދުމަށް ކުޅުންތެރިން ވިސްނާނެ. އެއީ ލާއޯސް މެޗާ ކުރިމަތިލާއިރު އިތުރަށް ލިބޭނެ ހިތްވަރެއް" ސްޓެވާޓް ބުންޏެވެ.

ރާއްޖޭގެ ކޯޗް ކަމާ އެންމެ ފަހުން ހަވާލުވި ދެކޯޗުންވެސް އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން ވަނީ ބަލިވެފަ އެވެ. ކޯޗް ކަމާ ހަވާލުވެގެން މާދަމާ ރޭ ފުރަތަމަ މެޗަށް ނިކުންނައިރު އެއީ އޭނާއަށް ޕްރެޝަރެއްތޯ ސުވަލު ކުރުމުން ސްޓޭވާޓް ބުނީ ނޫން ކަމަށެވެ.