ސިނަ މާލެ ބްރިޖް

"ބްރިޖްގެ މަސައްކަތް ދަނީ ޝެޑިއުލަށްވުރެ ހަލުއިކޮށް"

  • ފައިސާގެ މައްސަލައެއް ނެތް
  • މަސައްކަތް ދަނީ ޝެޑިއުލާ އެއްގޮތަށް
  • މަސައްކަތް ދެ މަސް ކުރިން ނިމޭނެ

މާލެ އާއި ހުޅުލެ ގުޅުވައިދޭ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ތަވާލުކޮށްފައިވާ ޝެޑިއުލަށް ވުރެ ވެސް ބާރަށް ކުރިޔަށްދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން މަހަކު އެއްފަހަރު ބާއްވާ ސިލްސިލާ ނިއުސް ކޮންފަރެންސުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް ފެށުމަށް ބޭނުންވާ ވަގުތީ ޕްލެޓްފޯމްތަކުގެ މާލެއާވީ ކޮޅުގެ މަސައްކަތް ނިމި ހުޅުލެއާވީކޮޅުގެ މަސައްކަތުގެ 82 ޕަސެންޓް ނިމިފައިވާ ކަމަށާއި، މި މަޝްރޫއަކީ ޗައިނާ އާއި ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ މަޝްރޫއެއް ކަމަށެވެ.

"އެހެން އެއްވެސް އިންފްރާސްޓަކްޗާ މަޝްރޫއެއް ކުރިއަށް ނުދާހާ ބާރު މިނުގައި ދެ ގައުމުގެ ލެވަލްގައި ވެސް ނުދެވޭހާ އަހަމިއްޔަތުކަން ވަނީ ދެވިފައި،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ ހުޅުމާލެ ބްރިޖުގެ މަސައްކަތް "މަޑު ޖެހިފައިވާ" ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މިފަދަ ވާހަކަތަކުގައި ޒައްރެއްގެ މިންވަރު ވެސް ހަގީގަތް ނެތް ކަމަށެވެ.

"ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ވެސް އަޅުގަނޑުމެންނާ ބައްދަލުވެ ވިދާޅުވި އެ ބޭފުޅުންވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި އެހީދީގެން މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށް. ނަމަވެސް ކަންކަން އަވަސް ކުރުމަށް ކުރާ ކަންކަމަށް ބަލާއިރު ވެސް މުޅި ދުނިޔޭގައި އެ ބޭފުޅުން [ޗައިނާ] އިން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ހުޅުލެ-މާލެ ބްރިޖަށް ކަމަށް ވިދާޅުވި،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖުގެ ފައުންޑޭޝަން އެޅުމަށް ބޭނުންވާ ސްޓީލް ހޮޅިތަކުގެ ތެރެއިން ހަ ހޮޅިއެއް ޖެހިފައިވާ ކަމަށާއި، ނިމިގެންދިޔަ ހަފުތާގައިވެސް އެ މަސައްކަތް ކުރި ކަމަށެވެ.

"ގާއިމް ކުރަން ޖެހޭ ވަގުތީ ޕްލެޓްފޯމްތަކާއި ސްޓްރެޝަލް ބްރިޖުގެ ހުރިހާ މަސައްކަތް ނިމިފައި،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖްގެ މިންތައް

  • ބްރިޖުގެ ޖުމްލަ ދިގުމިން: ދެ ކިލޯމީޓަރު
  • ފުޅާމިނުގައި: 20.3 މީޓަރު
  • ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ: ދެ ލޭން
  • ސައިކަލް، ހިނގާ މީހުން، ބައިސްކަލް ދުއްވަން ލޭންއެއް
  • ބްރިޖްގެ ޖުމްލަ އަގު: 200 މިލިއަން ޑޮލަރު
  • މަސައްކަތް ނިންމާނީ: 30 މަސް ދުވަހުން

މިނިސްޓަރު މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް ކުރިއަށްދާއިރު، ވަގުތީ ޕްލެޓްފޯމްގެ މެދުގައި ގުޅުވާނުލައި ހުރީ މި މަސައްކަތް ކުރާ ފްލޯޓާއިން ބާޖާއި ކްރޭވް މޫވްކުރަން ބޭނުންވާ ޖާގަ އެކަނި ކަމަށެވެ.

"މިހާރުވެސް ރެއާއި ދުވާލު ކުރިއަށްދޭ. އަޅުގަނޑުމެންނަށް އެއްގަމުގައި ލޮނުޒިޔާރަތް ކޮޅުގައި ތިބެގެން ބަލާއިރު މިހާރު ހިނގާ މަސައްކަތަކެއް ނުފެންނާނެ. ކުރީގައި ވިއްޔާ ފެނޭ ވަގުތީ ބްރިޖް ހަދަމުންދާތަން. ބްރިޖުން ބޭރަށް ޕްލެޓްފޯމް ވެސް [ދެކުނު ފަރާތައް] ނެރޭނެ. އެތަނުގައި ތިބެގެން ތަނބުތައް ޖަހާނެ. މިތަން މާލޭގައި ތިބެގެން ނުފެނިދާނެ،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖްގެ މުހިންމު އުސްއަލިތައް

  • - ބްރިޖްގެ ދިގުމިނުގައި ދެ ކިލޯމީޓަރު
  • - ފުޅާމިނުގައި 20.3 މީޓަރު
  • - އުޅަނދުތައް ދުއްވުމަށާއި ހިނގާ މީހުންނަށް ހާއްސަ ލޭން ހުންނާނެ
  • - ބްރިޖްގެ އަގަކީ 200 މިލިއަން ޑޮލަރު
  • - ބްރިޖްގެ މަސައްކަތް ކުރަނީ ޗައިނާގެ ސީސީސީސީ
  • - ބްރިޖް ބޭނުން ކުރަން ފަށާނީ ޖޫން 2018 ގައި
  • - ސައިކަލް ދުއްވަން ދެ ލޭން އޮންނާނެ
  • - ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް

ތިން މަހަށް ރޭވިފައިވާ މަސައްކަތްތައް

  • 26 ހޮޅިއެއް ޖަހާނެ (ހަ ހޮޅިޖަހައިފި)
  • 11 ޕްލެޓްފޯމްގެ މަސައްކަތް ކުރެވޭނެ
  • ޕައިލް ކޮންކްރީޓިން މަސައްކަތް ކުރިއަށްދާނެ
  • އެކްރޮޕޮޑްސްތައް ހަދަން ފެށޭނެ

މިނިސްޓަރު މުއިއްޒު ވިދާޅުވީ ވަގުތީ ބްރިޖުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.

"ބްރިޖުގެ ހުޅުލޭ ކޮޅުގައި ހުންނާނެ އެކްރޮޕޮޑްސް [ބޮޑުހިލަ ތަކެއް] ހުޅުލޭގައި ހުރި ބިމުގައި އެކްރޮޕޮޑަސްތައް ހެދެން ފެށޭނެ. އޭރުން ހުޅުލޭ ކޮޅުން ގުޅޭ ބްރިޖުގެ މަސައްކަތް ކުރިއަށް ދާނެ،" މުއިއްޒު ވިދާޅުވި އެވެ.

"ފައިސާގެ އެއްވެސް މައްސަލައެއް ނެތް"

ހުޅުލެ- މާލެ ބްރިޖުގެ މަސައްކަތަކީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ މި މަސައްކަތަކީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއް ދީފައިވާ މަސައްކަަތެއް ކަމަށެވެ.

"ސޮއިކުރަން ޖެހޭ ހުރިހާ އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައި. އެގްޒިމް ބޭންކުގެ ފައިނޭންސް ވަނީ ހަމަޖެހިފައި. އަނެއްކާ ފުރަތަމަ ފައިސާ ދައްކަން ޖެހެނީ ސަރުކާރުން އެ ފައިސާވެސް ވަނީ ދައްކާ ނިންމާފައި. އެހެންްވީމަ އެއްވެސް ދަތިކަމެއް ނެތް އިރާދުކުރެއްވިއްޔާ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ މުއްދަތަށްވުރެ އަވަހަށް ނިންމާލެވޭނެ ކަމަށެވެ.

"ދެހާސް އަށާރަ ސެޕްޓެމްބަރު މަހު ނިންމަން އޮތީ. ނަމަވެސް ކޮންޓްރެކްޓާގެ ކޮމިޓްމަންޓެއް އެބައޮތް ދެ މަސް ކުރިން ނިމާލާނެ ކަމަށް،. އުންމީދަކީ ޖުލައި 26 އަށް ނިމޭނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.