ސިނަމާލެ ބްރިޖްގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެކަން އަންގައި މެސެޖު ފޮނުވަން ތައްޔާރުވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ މިފަދަ މެސެޖެއް ފޮނުވަން ފެށީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ.
ބްރިޖުގައި ބާރަށް ދުއްވާނަމަ ފޮނުވާ އިންޒާރުގެ މެސެޖު އިބާރާތް ކުރެވިފައި އޮންނާނެ ގޮތްވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ ބްރިޖްގައި ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ، އެ އުޅަނދެއް ދުއްވި ބާރުމިން އެނގޭ ގޮތަށް އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ފޯނަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވާނެ ކަމަށެވެ.
އުޅަނދު ދުއްވި ބާރުމިނާއި ލޭން ބަދަލުކުރިކަން ފުލުހުން ދެނެގަންނަނީ ސިނަމާލެ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމަރާތައް މެދުވެރިކޮށެވެ.
"މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވައިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް އުޅަނދު ނުދުއްވުމަށް ދަންނަވަމެވެ،" ފުލުހުން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.
ސިނަމާލެ ބްރިޖުގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ދެނެގަނެ މެސެޖުކުރަން ފުލުހުން ތައްޔާރުވަމުން މިދަނީ ބްރިޖުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވެ ނުރައްކާވާން ފަށާފައިވަނިކޮށެވެ.