ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި އެކްސިޑެންޓެއް ހިނގުމުން ސައިކަލް ދުއްވަން އިން މީހާ ފިލައިފި އެވެ.
މިއެކްސިޑެންޓް މިރޭ ހިނގީ ހައިވޭގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެންނެވެ. މިތަނުން އެއް ސައިކަލް ދުއްވަން އިން މީހާ ވަނީ އެކްސިޑެންޓް ހިނގުމާ އެކު ފިލާފަ އެވެ.
މި ދެ ސައިކަލް ޖެހުނު ވަގުތު ފަހަތުން ދުއްވާފައި އައި ކާރެއް ކުއްލިއަކަށް ހުއްޓުމުން ކާރުގެ ފަހަތުން އައި ސައިކަލެއްގައި ތިބި ދެ މީހުންވެސް ކުއްލިއަކަށް ސައިކަލް ހުއްޓަންޖެހުމާ ގުޅިގެން އެ ދެ މީހުންނަށް އަނިޔާވެފައިވާ ކަމަށްވެ އެވެ.
މި ދެ މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. އަދި ފިލައިގެން ދިޔަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެނގިފައިވެ އެވެ.