ހަބަރު

މާލޭގެ 11 މަގެއް އަލުން ހަދައި ފެން ހިންދާ ނިޒާމު ޒަމާނީ ކުރަނީ

Sep 1, 2016
3
  • އެންމެ ފުރަތަމަ ހަދަނީ މަޖީދީ މަގު
  • މަގުތައް އަލުން ލެވަލް ކުރާނެ
  • މަޝްރޫއު ފަށަނީ އީދު ބަންދަށް ފަހު
  • ދުވާލަކު 20 ގަޑިއިރު މަސައްކަތް ކުރާނެ

މާލޭގެ 11 މަގެއް އަލުން ހަދައި ފެންވަރު ރަނގަޅު ފެން ހިންދާ ނިޒާމެއް އެމަގުތަކުގައި ގާއިމް ކުރުމުުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަހަކު އެއްފަހަރު ހައުސިން މިނިސްޓްރީ އިން ބާއްވަމުން އަންނަ ޕްރެސްކޮންފަރެންސްގެ ދަށުން މިއަދު ބޭއްވި ޕްރެސްގައި، މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ހަދަން ފަށާނީ މަޖީދީ މަގު ކަމަށެވެ. އެގޮތުން އީދު ބަންދަށް ފަހު މަޖީދީ މަގު އަލުން ލެވަލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މަގުން ލެވަލް ކުރުމާ އެކު ފެންވަރު ރަނގަޅު ފެން ހިންދާ ނިޒާމެއް ވެސް ގާއިމް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަގުތައް މިހާރު ހަދާފައިވަނީ ރައީސް މައުމޫނުގެ ސަރުކާރުގައި ގައު އަތުރައިގެން އޭރާ އެންމެ އެކަށީގެންވާ ގޮތަށް. ނަމަވެސް މިދިޔަ ދުވަސްތަކުގައި މެއިންޓެއިން ކުރުމާއި އާބާދީ ބޮޑުވުން އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ ސަބަބުން އޭގެ ޒާތުގައި މަގުތައް ވަނީ ހަލާކުވެފައި،" މުއިއްޒު ވިދާޅުވި އެވެ.

ބޯކޮށް ވާރޭ ވެހޭ ދުވަސްވަރު މާލޭގައި މަގުތަކުގައި ފެން ހެދޭ މައްސަލައަށް އަދިވެސް މުޅިން ހައްލެއް ނުލިބެ އެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑަށް ފެންބޮޑުވާ މަގުތައް ބެލުމަށް ފަހު މި އަހަރުގެ ތެރޭގައި 11 މަގެއް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އެކަމުގެ ސަބަބުން ފެން ހެދޭ މައްސަލައަށް ހައްލުތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މަގުތައް ލެވަލް ކުރުމުގެ މަޝްރޫއުގެ ދަށުން އަލުން ހަދާ މަގުތަކުގައި ކޭބަލް ވަޅުލަން ދެން އެ މަގުތައް ކޮންނަން ނުޖެހޭނެ ކަމަށެވެ. އަދި ކޭބަލް ވަޅުލެވޭނެ އެހެން ނިޒާމުތަކެއް ގާއިމް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މިހުރި ގައުތައް ނަގައި ރީ-ސާވޭސް ކުރާނެ. ބަޖެޓުގައި ވެސް ހަމަޖެހިފައިވާ ކަމެއް މިއީ،" މުއިއްޒު ވިދާޅުވި އެވެ.

މަގު ހަދާއިރު ގެނެވޭނެ ބަދަލުތައް

  • ގައުތައް ނަގައި ރީ-ސާފޭސް ކުރާނެ
  • ދުރުގައި ހޮޅި އަޅައިގެން ކާނުތަކާ ގުޅައިލާނެ
  • ކޭބަލް ޖަންކްޝަންތައް ޕޭވްމަންޓު ލެވަލްތައް ގެންނާނެ
  • ޕޭވްމަންޓް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންކުރެވޭނެ

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކުރާނީ ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކަމަށާއި، މަގުތައް ނިމުމުން ފެން ހިންދުމުގެ ނިޒާމު ވަރުގަދަ ވެގެންދާނެ ކަމަށެވެ.

"ފެން ހިންދުން ރަނގަޅު ވެގެންދާނެ. މި ގެންނަ ބަދަލުތަކާއެކު އާ ޑްރެނޭޖް- ކާނުތައް ހޮޅި އަޅައިގެން ވަޅު ލެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަގުތައް ރީ-ސާފޭސްކޮށް ނިމޭއިރު، ކޭބަލް ވަޅުލާ ގޮތަށްވެސް ބަދަލު އަންނާނެ ކަމަށެވެ.

"މިހާރު ކޭބަލް ޖަންގްޝަންތައް މި ހުންނަނީ ޕޭވްމަންޓުގެ އަޑީގައި. މިހެން ހުރުން މިހާރު އެއްވެސް ކަހަލަ ކޭބަލާ ގުޅުންހުރި ކަމެއް ކުރާނަމަ މިޖެހެނީ ކޮންނަން. ކޮނެގެން ކާތައް ނަގަން. މި ގާތައް އަތުރާއިރު ރަނގަޅަކަށް ނުހުހޭ. ނަމަވެސް މިހާރު މި ކުރާކަމަކީ ޕޭވްމަންޓުގެ ލެވަލްއާ ހަމައަށް ކޭބަލްތައް ފުންކޮށްލަނީ. ނޫނީ އުސްކޮށްލަނީ. މިހެން ހެދުމުން ކޭބަލް ޖަންގްޝަންގެ މަތިގަނޑު ހުންނާނީ ޕޭވްމަންޓް ލެވަލްގައި،" މުއިއްޒު ވިދާޅުވި އެވެ.

"ޑްރެނޭޖް ޓޭންކްތައް ބޮޑުވާނެ. އެހެންވެ ލެވަލް ކުރެވުމުން ފެން ހިންދުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ."

މިނިސްޓަރު ވިދާޅުވީ މީގެ އިތުރުން ގެންނަ ބަދަލުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް ޕޭވްމަންޓްތައް ހެދުން ހިމެނޭ ކަމަށެވެ.މީގެ އިތުރުން އަލިފާން ނިއްވާ ނިޒާމު ވެސް ވަރުގަދަ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފުރަަތަމަ ހަދާނީ މަޖީދީ މަގު

މިނިސްޓަރު ވިދާޅުވީ މަޖީދީ މަގުގެ މަސައްކަތް އީދު ނިމި، އަންނަ މަހުގެ 18 ގައި ފަށާނެ ކަމަށާއި، މަސައްކަތް ދާނީ ނުވަ ބަޔަކަށް ބަހާލައިގެން ކަމަށެވެ.

"މަގު ހަދާނީ ނުވަ ބަޔަކަށް. ބައިތައް ބަންދު ކުރުމުން ދަނީ. މި މަސައްކަތް ދުވާލަކު 20 ގަޑިއިރު ކުރާނެ. ކޮންމެ ބައެއް ނިމޭނީ ދެ ހަފުތާއިން. ފުރަތަމަ ހަދާނީ ޕޭވްމަންޓް. މި މަސައްކަތް ކުރާއިރު ބަންދުވާ ބައިގައި ޕާކް ކުރުން ވެސް އެހެން ތާކަށް ބަދަލު ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.