ހަބަރު

ފެން ނުހިނދި ތިން ދުވަސްވާ ހަނދާން ނެތިއްޖެ: މުއިއްޒު

Sep 1, 2016
1
  • ކުރިން ފެން ހިނދެނީ ތިން ދުވަހުން
  • މިހާރު 45 މިނެޓުން
  • މަގުތައް ހެދުމުން އިތުރަށް އަވަސް ވާނެ

މާލެއަށް ވާރޭ ވެހިލާއިރަށް މީގެ ކުރިން ތިން ދުވަސް ވަންދެން ފެން ނުހިނދި އޮންނަ ކަމަށާއި، ނަމަވެސް މިހާރު އެ ހަނދާންތައް ނެތިގެން ހިނގައްޖެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލާގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މިހާރު ބޯކޮށް ވާރޭ ވެހުމުން ފެން ހިނދެން ތިން ހަތަރު ދުވަސް ނުނަގާ ކަމަށާއި އެއް ގަޑިއިރާއި 45 މިނެޓާ ދެމެދުގެ ވަގުތެއްގައި މިހާރު ފެން ހިނދޭ ކަމަށެވެ. އަދި އަލަށް މާލޭގެ މަގުތަކަށް ގެންނަ ބަދަލުތަކުގެ ސަބުބުން ފެން ހިނދުން އަވަސް ވެގެންދާނެ ކަމަށެވެ.

"މިހާރު ދެތިން ގަޑިއިރު އެންމެ ގިނަވެގެން ފެން ބޮޑުވެފައި އޮންނާނީ. މިދިޔަ ތިން ދުވަހު 93 މިލިމީޓަރުގެ ވާރޭ ވެހުނުއިރު ފެންގަނޑު އެގޮތަކަށް ވެސް ހެދިފައެއް ނޯވޭ. މިހާރު 45 މިނެޓުގެ ތެރޭގައި ފެން ހިނދޭ. ކުރީގަ ވިއްޔާ ތިން ދުވަސް ވަންދެއް ފެން އޮވޭ. ނަމަވެސް މިހާރު މިގޮތަށް ފެން ހެދިފައި އޮންނަ ހަނދާން ބައެއް މީހުންގެ ނެތް. އެ ހަނދާން ނައްތާލި މީހުން [ވާރޭ ކޮޅެއް ވެހިލާއިރަށް] ފޮޓޯ ނަގަނީ ހެދޭ ފެންގަނޑު ހޯދަނީ، އެކަމަށް [އަޅުގަނޑު]ތަރުހީބު ދެން،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ނިމުމުން ފެން ބޮޑުވުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.

"މާލޭގެ މަގުތައް ހެދިގެންދާއިރު، އަޑި ގުޑަން އޮންނަ މަގުތަކަށްވެސް ބޮޑު ހައްލެއް ލިބިގެންދާނެ. އެނގިވަޑައި ގަންނަވާނެ ފަދައިން ސްޓޯމް ވޯޓާ ޑްރެނޭޖް ސިސްޓަމްގެ ދެ މަޝްރޫއެއް ހިންގިއްޖެ. ތިންވަނަ މަޝްރޫއުގެ މަސައްކަތް ވަނީ އެމްޑަމްލިޔުއެސީއާ ހަވާލު ކުރެވިފައި،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތިންވަނަ މަޝްރޫއުގައި ހިމެނެނީ އެންމެ ބޮޑަށް ފެން ހެދޭ މާފަންދު ސަހަރާއިން މާފަންނު މަދަރުސާއާ ހަމައަށް އޮންނަ ސަރަހައްދާއި ކަނބާއައިސާރަނި ހިނގުމުން އިރަށް އޮންނަ މަގާއި ބުރުޒުމަގުގެ ވަކި ސަރައްދެއްގައި ޕަންޕް ބެހެއްޓުން ކަމަށެވެ.

"ޕަންޕް ގާއިމް ކުރީމަ 45 މިނެޓުން ފެން ހިނދޭ މަގުތަކުގައި ފެން ހިނދުން އަވަސް ވާނެ. މިހާރު ކަނބާއައިސާ ރަންނި ހިނގުމާއި އަމީީނީމަގާއި މި އޮންނަނީ ތިރިކޮށް. އެހެންވެ އެތެރޭގައި ހުރި މަގުތަކުން ފެން މި އަންނަނީ. އެހެންވެ އެތެރޭގައި ހުރި މަގުތަކުގައި އިތުރު ލޭޔާއެއް ލީމަ މިކަން ރަނގަޅު ވާނެ،" މުއިއްޒު ވިދާޅުވި އެވެ.