ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗުގައި އަސަދުﷲ އަބްދުﷲ (އަސައްކޮ) ކާމިޔާބު ކުރި ހެޓްރިކުން، ބަނގްލަދޭޝް ގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ރާއްޖެ ކުރި ހޯދައިފިއެވެ.
ތިން ލަނޑު ޖަހައި އަސައްކޮ ހެޓްރިކް ހެދިއިރު، ދިވެހި ޓީމަށް އަނެއް ދެ ލަނޑު ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕް) އާއި އިސްމާއިލް އީސާއެވެ.
ރާއްޖޭގެ އަމިއްލަ ދަނޑުގައި ދިވެހި ސަޕޯޓަރުންނަށްވުރެ ބަނގާޅު ސަޕޯޓަރުން ގިނަކޮށްލާފައި އޮތް މި މެޗްގައި ރާއްޖޭގެ ފަސް ލަނޑުވެސް ފެނިގެން ދިޔައީ މެޗުގެ ދެ ވަނަ ހާފުގައެވެ.
މެޗަށް ނިކުތުމުގެ ކުރިން ބަނގާޅު ކޯޗް ޓޮމް ސެއިންޓްފިޓް އެންމެ ބޮޑަށް ދެއްކި ވާހަކަ އަކީ އެންމެ ފަހުން ކުޅުނު މެޗްތަކުގައި ބަންގާޅު ކޮޅަށް ގިނަ ގޯލްތަކެއް ވަދެފައިވުމުން، މިމެޗްގައި ނަތީޖާ ފަރަގު ކުޑަ ކުރުމަށް އިސްކަންދޭނެ ވާހަކައެވެ. ނަމަވެސް ރާއްޖެ އަތުންވެސް ފަސް ލަނޑުގެ ބޮޑު ލީޑަކުން ބަލިވުމުން މީ ބަނގުލަދޭޝްގެ ކޯޗް ކަމާ ނިމިދިޔަ އޯގަސްޓް މަހު ހަވާލުވި ސެއިންޓްފިޓަށް ކުރިމަތިވާނެ ބޮޑު ޕްރެޝަރެކެވެ.
މެޗްގެ 52 މިނެޓްގައި ރާއްޖެއަށް ލީޑް ނަގައިދިނީވެސް، އަސައްކޮއެވެ. އޭނާ މިލަނޑު ކާމިޔާބު ކުރީ އަހްމަދު އަބްދުﷲ (ލިލީ) ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
އޭގެ ހަ މިނެޓް ފަހުން ރާއްޖެއަށް ލީޑް ފުޅާ ކޮށްދިނީވެސް އަސަދުﷲ އެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
މެޗްގެ 78 ވަނަ މިނެޓްގައި ރާއްޖޭގެ ތިން ވަނަ ލަނޑު ހަމްޕް ކާމިޔާބު ކުރިއިރު، އެ ލަނޑުޖަހަން ފުރުސަތު ތަނަވަސްކޮށްދިނީވެސް ކެޕްޓަން ދަގަނޑޭއެވެ.
މެޗްގެ 81 ވަނަ މިނެޓްގައި އަސަދުﷲ ހެޓްރިކް ހެދީ ފުރަތަމަ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސްކޮށްދިން ލިލީ ތަނަވަސްކޮށްދިން ފުރުސަތކުންނެވެ.
ރާއްޖޭގެ ފަސް ވަނަ ލަނޑު ދަގަނޑޭގެ ބަދަލުގައި ކުޅެން އެރި އިސްމާއިލް އީސާ ކާމިޔާބު ކުރީ މެޗްގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ހަތަރު މިނެޓްގެ ތެރެއިން ދެ ވަނަ މިނެޓްގައެވެ.