ކަންކަން ޕްރިޑިކްޓް ކުރުމަކީ އާދަޔާ ހިލާފް ހުނަރެކެވެ. އެއީ ކޮންމެ މީހެއްގެ ކިބައިގައި ހުންނަ ހުނަރެއްވެސް ނޫނެވެ. ތެދެކެވެ. ކަންކަން ހިނގަނީ އިލާހީ އޯޑަރަށެވެ. ލަފާ ކުރާ ގޮތަށް ނުވަތަ ރާވާ ގޮތަށް ހުރިހާ ފަހަރަކު އެކަމެއް ފުރިހަމަ ނުވެދާނެ އެވެ. އެއީ އިންސާނުންގެ އެއްވެސް ކަމެއް 100 ޕަސަންޓް ފުރިހަމަ ނުވާތީ އެވެ. ނަމަވެސް ކަންކަން ލަފާ ކޮށްލާފައި ބުނެ، އެގޮތަށް ކަންކަން ނިމޭނެ ކަމަށް ބުނުމަކީ މީހާގެ ހުނަރުވެރިކަމާއި ކަންކަން ކުރުމުގެ ވައްޓަފާޅީގައި ހަރުދަނާ ކަމެއް ހުރި ކަމުގެ ސިފައެކެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާ ބަނގުލަދޭޝް ވާދަ ކުރި މެޗް ރާއްޖެ މޮޅުވީ 3-1 ން ނެވެ. އެ މެޗްގައި ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއްވެސް ލިބުނެވެ. ނަމަވެސް ނަތީޖާ ފަރަގު ބޮޑެއް ނުކުރެވުނެވެ. ރޭ ރާއްޖެއާ ދެކޮޅަށް ބަނގުލަދޭޝް ކުޅުނު މެޗްގެ ކުރިން ބޭއްވި ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ރާއްޖޭގެ ފޯވަޑް އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް ކުރިމަތި ކުރި ސުވާލަކީ ސާފް ޗެމްޕިއަންޝިޕްގައި ބަނގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗް ގައި ގިނަ ފުރުސަތުތަކެއް ލިބުނު އިރުވެސް ދިވެހި ކުޅުޅުންތެރިނަށް އެ ބޯޅަތައް ރަނގަޅަށް ނިންމައި ނުލެވުމެވެ. އޭނާގެ ޖަވާބު އައީ ވަރަށް ޗެލެންޖިންކޮށެވެ.
"ބަލާ މާދަމާ ރޭ (ރޭ) ގެ މެޗްގައި ފުރުސަތުތައް ތަނަވަސް ކުރާނަން. ގިނަ ލަނޑުތަކެއްވެސް ފެނިގެންދާނެ. މުޅި ޓީމު އޮތީ އެއް ރޫހެއްގައި،" އަސައްކޮގެ ޖަވާބު ވަރަށް ކުރުވެފައި ސާފެވެ.
މެޗްގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ ބަނގާޅު ޓީމެވެ. ދިވެހިންނަށް ވުރެ ގިނައިން ދިވެހި ގައުމީ ދަނޑަށް ބަނގާޅު މީހުން ވަދެ، "ދަނޑު އަތް ދަށު ލައިގެން" ތިބިއިރު، ގިނަ އަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި މޮޅަށް ކުޅެމުން ދިޔަ ބަންގާޅު ޓީމުން، ދިވެހި ޓީމު އަތް ދަށު ލާފާނެހެންވވެސް ހީވި އެވެ.
ނަމަވެސް ދެވަނަ ހާފުގައި ފެނުނު މަންޒަރު ތަފާތެވެ. ދިވެހިންގެ ދަނޑަށް ދިވެހިން އަބަދުވެސް ގަދަ ވާނެ ބުނާހެން، ދަނޑުގައި ސަޕޯޓަރުންގެ ކޮންޓްރޯލް ދިވެހިންނަށް ނެތަސް، ދަނޑު މަތީގައި ކުޅެން ތިބި ދިވެހި ވަންތަ ކުލައިގެ ދިވެހި ޓީމުގެ ކުޅުންތެރިން، މުޅި މެޗްގެ ކޮންޓްރޯލް ހޯދައި ބަނގުލަދޭޝްގެ ޓީމު ރަނގަޅަށްވެސް އަތް ދަށުލީ އެވެ.
މެޗަށް ބަނގުލަދޭޝް ގޮވައިގެން ނިކުތް ބެލްޖިއަމްގެ ޓޮމް ސެއިންޓްފިޓް މެޗަށް ނިކުތް އިރު އެންމެ ބޮޑު އަމާޒަކަށް އޮތީ، އެންމެ ފަހުން ބަނުގުލަދޭޝްއާ ދެކޮޅަށް ކުޅުނު ޓީމުތަކުން ގިނަ އަދަދެއްގެ ލަނޑުތައް ޖަހައިފައިވުމުން ތާފާތު ކުޑަ ކުރުމަށެވެ.
ނަމަވެސް އަސަދުﷲ ގެ ހެޓްރިކާއެކު ބަނގުލަދޭޝްއާ ދެކޮޅަށް ދިވެހިންވެސް މިވަނީ ތަފާތު ބޮޑުކޮށް ފައެވެ. ދިވެހިން ފުރުސަތުވެސް ތަނަވަސްކޮށްފި އެވެ. ތަފާތު ބޮޑުކޮށް މޮޅުވެއްޖެ އެވެ. މިއަހަރު ޖޯޑަން އިން ބަނގުލަދޭޝް ކޮޅަށް އަށް ލަނޑު ޖެހި އެވެ. ޔޫއޭއީ ވެސް ހަ ލަނޑު ޖެހިއެވެ. ތަޖަކިއްސްތާނުންވެސް ހަ ލަނޑު ޖެހިއެވެ. އެންމެ ފަހުންވެސް ރާއްޖެއިންވެސް ބަނގުލަދޭޝް ކޮޅަށް ފަސް ލަނޑު އަޅާލީ އެވެ. އަސައްކޮގެ ބަސް ކިތަންމެ ވަރަކަށްވެސް ފުރިހަމަ ކޮށްފި އެވެ. އެ ޗެލެންޖްގައި ނިކުމެ، ޓީމު އެއް ރޫހެއްގައި ނިކުމެ އެކަން ކާމިޔާބު ކުރީ އެވެ. ސާބަހެވެ! ތިޔަ ހުނަރުވެރިކަމާ މެދު ސުވާލެއްވެސް ނެތެވެ.