ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ފެށުމާ އެކު އެމްޑީޕީގެ މެންބަރުން ފެނުގެ މައްސަލާގައި އަޑު ގަދަކޮށް، ޖަލްސާ އަށް ހުރަސް އެޅުމުން މަޖިލިސް މެދުކަނޑާލައިފި އެވެ.
މަޖިލިސް މެދުކަނޑާލި އިރު ބައެއް މެންބަރުން ގަޔަށް އަތްލައި، ވަރުގަދަ ޒުވާބެއް ވެސް ދިޔައީ ހިނގަމުންނެވެ. އަދި އެމްޑީޕީގެ މެންބަރުން ކަމަށްވާ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ އާދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހުގެ ރައީސްގެ މޭޒު ކައިރިއަށް ވަޑައިގަތެވެ. އަދި މާރިޔާ ވަނީ ގޮނޑި މައްޗަށް ކޮޅަށް އަރާވަޑައިގެންފަ އެވެ.
ޖަލްސާ އަށް ހުރަސް އަޅާފައި ވަނީ އެމްޑަބްލިޔުއެސްސީން މާލެ އަށް ދޫކުރާ ފެން ކެނޑިފައި ވާތީ ކުއްލި މައްސަލައެއް ހުށަހެޅުމާ އެކު އެކަމާ ބެހޭ ގޮތުން މާރިޔާ ވާހަކަ ދެއްކެވުމަށް ފަހުގަ އެވެ. މާރިޔާ ވިދާޅުވީ މާލޭގެ ރައްޔިތުން ފެނަށް ޖެހިފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގައި ފެން ހުރެގެން ޖަލްސާ ކުރިއަށް ގެންދަން ދެކޮޅު ހައްދަވާ ކަމަށެވެ.
މާރިޔާ އެހެން ވިދާޅުވި ނަމަވެސް އެމްޑަބްލިޔުއެސްސީގެ ފެން މަޖިލީހަކަށް ވެސް ނުލިބެ އެވެ. މާރިޔާ އިޝާރާތްކުރައްވާފައި ވަނީ މެންބަރުންގެ މޭޒުމަތީ ހުރި ފެންފުޅިތަކަށެވެ.