މަރު

ލަންކާގައި ރޭލެއް ދަށުވެ ދިވެއްސަކު މަރުވެއްޖެ

Sep 3, 2016
9

ސްރީލަންކާގައި ރޭލަކުން ޖެހި ދިވެއްސަކު މަރުވެއްޖެ އެވެ. މިއަދު ހެނދުނު ހިނގި މިހާދިސާގައި މަރުވެފައިވަނީ އުމުރުން ގދ. މަޑަވެލި، އިޒްހާމް މުހައްމަދު، 21 އެވެ. މިހާދިސާ ހިނގާފައިވަނީ ލަންކާގައި ހުންނަ ކޮލަމްބޯ، ހޮޓެލް އޯޝަން ކުރިމަތީގައި ކަމަށްވެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ، އެމްއެންޔޫގައި ކިޔަވަމުން އަންނަ އިޒްހާމް ޗުއްޓީއެއް ހޭދަކޮށްލަން ރަށްޓެހިންތަކަކާ އެކު ލަންކާއަށް ދިޔައީ އިއްޔެ އެވެ. އެ ހާދިސާ ހިނގިތާ އިރުކޮޅެއްގެ ތެރޭގައި ފޭސްބުކްގައި އާންމުވެފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި، އިޒްހާމްގެ ހަށިގަނޑު ރޭލު ދަނގަޑު މަތިން ނަގައި ހުދު ފޮތިގަނޑެއް އަޅާފައި ވަނީ ބާއްވައިފަ އެވެ. އަދި ރޭލު ދަނގަޑު ކައިރީގައި ގިނަ އަދަދެއްގެ ލޭ ވެސް ހުއްޓެވެ.

އެ ހާދިސާ ހިނގި ވަގުތު އިޒްހާމްއާ އެކު ލަންކާ އަށް ދިޔަ ދެ ކުއްޖަކު ވެސް ތިއްބެވެ. އެ ދެ ކުދިން ލަންކާ ފުލުހުން މިހާރު ވަނީ ސުވާލު ކުރުމަށް އެ ސަރަހައްދުން ގެންގޮސްފައި ކަމަށް އެ ސަރަހައްދުގައި ހުރި ދިވެއްސަކު ބުންޏެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އިޒްހާމްގެ ގުނަވަންތައް ވަނީ މިހާދިސާގައި އެކީ ޗިސްޗިސްވެފަ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.