ރާއްޖެ ކުޅިވަރު

އެމްބީއޭގެ އިންތިހާބު ބާއްވަން ހޯމް މިނިސްޓްރީގެ ކޮމިޓީއެއް

Sep 3, 2016

ދައުރު ހަމަވީއިރުވެސް އިންތިހާބު ނުބޭއްވުނު ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އިންތިހާބު ކުރިއަށް ގެންދަން، ހޯމް މިނިސްޓްރީ އިން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު އޮލިމްޕިކް ކޮމިޓީ އިން އެމްބީއޭ އިންތިހާބު ބާއްވަން ތައްޔާރުވެފައި ވަނިކޮށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އިންތިހާބު ނުބާއްވަން ހޯމް މިނިސްޓްރީ އިން ވަނީ އަންގައިފަ އެވެ.

މާޗް މަހު ބޭއްވި ވޮލީބޯޅަ އެސީސިއޭޝަންގެ އިންތިހާބު ވެސް މައްސަލަ ޖެހުމުން އަލުން އިންތިހާބު، ބޭއްވުމަށްވެސް މިފަދަ ކޮމިޓީއަކާ ހޯމް މިނިސްޓރީން ހަވާލު ކުރި އެވެ.

އެމްބީއޭގެ އިންތިހާބަށް ސްޕޯޓްސް ކޮމިޝަނަރާއި އޮލިމްޕިކް ކޮމިޓީން އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އޮލިމްޕިކް ކޮމިޓީގެ ނައިބުރައީސް މުހައްމަދު އަބްދު ސައްތާރު ވިދާޅުވީ، އެމްބީއޭ ގެ އިންތިހާބު ބޭއްވުމަށް ތައްޔާރުވެފައި ވަނިކޮށް އިންތިހާބު މަޑު ޖައްސާލުމަށް ހޯމް މިނިސްޓްރީން އޭރު އެންގުމުން އެމަސައްކަތް މަޑު ޖައްސާލާފައިވާ ކަމަށެވެ. އެ އިންތިހާބު ވެސް ކުރިއަށް ގެންދަން، ހޯމް މިނިސްޓްރީއިން ކޮމިޓީއެއް އެކުލަވާލި ޚަބަރު ލިބިފައިވާ ކަމަށް ސައްތާރު ވިދާޅުވި އެވެ.

އެމްބީއޭގެ ދައުރު ހަމަވެފައިވަނީ ޖުލައި މަހު 15 ވަނަ ދުވަހު އެވެ. އެމްބީއޭގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ އެމްއާރްޑީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓާ އަހްމަދު މަމްދޫހް (މަންޑޭ) އާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާންއެވެ.

ވީއޭއެމްގެ އިންތިހާބު ކުރިއަން ގެންދަން ހޯމް މިނިސްޓރީން ކޮމިޓީއެއް އެކުލަވާލައިފައިވަނީ، މިދިޔަ މަހުގެ 18 ވަނަ ދުވަހު އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ހޯމް މިނިސްޓްރީން އަންގައި 30 ދުވަހުގެ މުއްދަތެއް ދީފައިވަނިކޮށެވެ.

ހޯމް މިނިސްޓރީން އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ސްޕޯޓްސް ކައުންސިލްގެ މެންބަރު އިބްރާހިމް އިސްމާއިލް އާއި އިބްރާހިމް މޫސާ ރަމީޒު އާއި އަލީ ސަލީމް އާއި އަހްމަދު ޝަކީބުގެ އިތުރުން އަލްއުސްތާޒާ އާމިނަތު ނަބީލާ އިބްރާހިމް ނާޞިރެވެ. މީގެ ތެރެއިން އިބްރަހިމް އިސްމާއިލަކީ އެމްބީއޭގެ އިންތިހާބަށް ސްޕޯޓްސް ކޮމިޝަނަރުންނާއި އޮލިމްޕިކް ކޮމިޓީއަށް އެކުލަވާލި ކޮމިތީގައިވެސް ހިމެނިވަޑައިގަންވާ ބޭފުޅެކެވެ.