ހަބަރު

ރާއްޖޭގެ ފުރަތަމަ ކްރެޑިޓް ރޭޓިން: ދަރަނި ދެއްކުމުގެ ގާބިލްކަން އެބަހުރި

Sep 3, 2016
2
  • ދަރަނި ބޮޑުވާ މައްސަލަ ފާހަގަ ކުރި
  • އިގްތިސާދު ފުޅާކުރުމަށް އިސްކަން ދޭން ޖެހޭ
  • އަގުހެޔޮކޮށް ލޯނު ލިބުން ފަސޭހަވާނެ

ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު އަންގައިދޭ، ސޮވެރިން ކްރެޑިޓް ރޭޓިން އެއް ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ. ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީތަކުގެ ތެރޭގައި ހިމެނޭ "މޫޑީސް އިންވެސްޓްމަންޓް ސާވިސް"އިން އިއްޔެގެ ވަގުތެއްގައި އާންމު ކުރި ކްރިޓިޑް ރޭޓިންގައި ރާއްޖެ އަށް ލިބުނީ "ބީ-2" ރޭޓިން އެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކާއި ކުދި އިގްތިސާދުތައް ހިމެނޭ މި ރޭޓިން ރާއްޖެއަށް ދީފައި ވަނީ، ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދުވެލި މެދުރާސްތާގައި ރަނގަޅު ރޭޓެއްގައި ކުރިއަރާނެކަމަށް ލަފާކޮށްފަ އެވެ. ނަމަވެސް އިގްތިސާދީ ދުވެލި ދެމެހެއްޓެނިވި މަގަކަށް ގެންދިއުމަށްޓަކައި އިގްތިސާދު ފުޅާކޮށް ސިނާއަތްތައް އިތުރުކުރުމުގެ މުހިންމުކަން މޫޑީސްއިން ފާހަގަ ކުރެ އެވެ. ސަރުކާރުން ފަށާފައިވާ، ބޮޑެތި އުމްރާނީ މަޝްރޫއުތަކާ އެކު ރާއްޖޭގެ ދަރަނި އިތުރުވަމުން ދާކަން ފާހަގަ ކުރަމުން، މޫޑީސްއިން ބުނެފައި ވަނީ، ދަރަނި ނެގުމާއި އަނބުރާ ދެއްކުމުގެ ގާބިލިއްޔަތުކަން ދިވެހި ސަރުކާރުގައި އެބަހުރިކަމަށެވެ.

"މި ސަރުކާރުން ގެންނަމުންދާ އިޤްތިޞާދީ ހެޔޮބަދަލު ތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ތަސައްވަރު ރަނގަޅުވެ، ރާއްޖެއަށް ލިބިފައިމިވަނީ މިކަން ދައްކުވައިދޭ ރޭޓިންގއެއްކަން ފާހަގަކުރަމެވެ،" ރޭޓިންއާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ، ކްރިޑިޓް ރޭޓިންގެ ސަބަބުން، ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް ބޭނުންވާ ފައިނޭންސް ހޯދުމަށް މަގުފަހިވެ، ފައިނޭންސިންއަށް ހިނގާ ހަރަދު މިހާރަށްވުރެ ކުޑަވެގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގެ މާލީ ބާޒާރުގައި ވިއްކާ ބޮންޑާއި ސުކޫކް ފަދަ ޑެޓް އިންސްޓްރުމަންޓް ތަކަށްވެސް ކްރެޑިޓް ރޭޓިންއެއް ލިބި، ބައިނަލްއަގުވާމީ ބާޒާރުން ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެކަމަށް ވެސް ފިނޭންސުން ބުންޏެވެ.

"މި މިނިސްޓްރީން ޔަޤީންކުރާ ގޮތުގައި، މީގެ ސަބަބުން ސަރުކާރުން ފަށްޓަވާފައިވާ އިޤްތިސާދީ އެޖެންޑާއަށް ބޭނުންވާ ފައިނޭންސިންގ އާއި އަމިއްލަ ކުންފުނިތަކުގެ ފަރާތުން ކުރާ ބޮޑެތި އިންވެސްޓްމަންޓް ތަކަށް ހެޔޮއަގެއްގައި ފައިނޭންސިންގ ލިބުމުގެ މަގު ފަހިވެގެންދާނެ،" ފިނޭންސް އިން ބުންޏެވެ. "މިއީ، ރާއްޖޭގެ މާލީ ސިނާއަތު ތަރައްގީ ކުރުމަށްޓަކައި ރައީސް ޔާމީން ފަށްޓަވާފައިވާ މަސައްކަތްތަކުގެ އެއް ބޮޅެވެ."

ކްރިޑިޓް ރޭޓިންގައި ބަލާ ކަންކަން

  • ދައުލަތުގެ މާލީ އަދި ދަރަނީގެ ސިޔާސަތު
  • އިޤްތިސާދީ ދުޅަހެޔޮކަން
  • ދައުލަތުގެ އިދާރީ ނިޒާމުގެ ހަރުދަނާކަން
  • ސިޔާސީ މާހައުލުގެ ހަމަޖެހުން

ސޮވެރިން ކްރެޑިޓް ރޭޓިންއަކީ ގައުމެއްގެ ކްރެޑިޓް ރިސްކާއި އިންވެސްޓްމަންޓްގެ މާހައުލު ތިންވަނަ ފަރާތަކުން ހަމަހަމަ ގޮތެއްގައި ބެލުމަށްފަހު ހާމަކުރާ މިންގަނޑެކެވެ. އެހެންކަމުން، ސޮވެރިން ކްރެޑިޓް ރޭޓިން އަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކަށާއި ބޮޑެތި އިންވެސްޓަރުން އިތުބާރުކުރާ އަދި މާލީ ނިންމުންތައް ނިންމުމުގައި ބަލާ މުހިންމު އެއްމިންގަނޑެކެވެ. މީގެ ކުރިން ވެސް ސަރުކާރުން ތަކުން މިފަދަ ރޭޓިން އެއް ހެދުމަށް މަސައްކަތް ކޮށްފައިވެ އެވެ.

ފިނޭންސުން ބުނީ މިފަދަ ރޭޓިންއެއް ނެތުމުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމަށާއި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެ ގެނައުމަށް ހުރަސް އެޅިފައިވާ ކަމަށެވެ. މީގެ ތެރޭގައި، އަމިއްލަ ވިޔަފާރިތަކުން ކުރަން ރާވާ އިންވެސްޓްމަންޓްތަކަށް ފައިސާ އާއި އިންވެސްޓަރުން ހޯދުމަށް ދަތިވާ ކަމަށް ފިނޭންސުން ބުންޏެވެ.

މި ކްރެޑިޓް ރޭޓިންގ ޝާއިޢުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމެވި ނިންމެވުމަކީ ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް ސިޔާސަތުތައް ހާމަކޮށް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދެވުމަށާއި ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށް ދެއްވާ އިސްކަން ދައްކުވައިދޭ ކަމެކެވެ.

ކްރެޑިޓް ރޭޓިންގ އަކީ އެންމެ ފަހަރަކު ކުރެވޭ ކަމެއްނޫން ކަމަށް ފިނޭންސް އިން ބުންޏެވެ. މި ރޭޓިން ދާނީ ކެނޑި ނޭޅި ދިރާސާކުރެވި އެއިރެއްގެ ހާލަތައް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ބަދަލުކުރަމުންނެވެ. ކްރެޑިޓް ރޭޓިން ހެދުމުގައި ބަލާކަންކަން ރަނގަޅު ކުރަމުންދާނަމަ މުސްތަޤުބަލުގައި ރޭޓިންގ މަތިވުމުގެ ފުރުސަތު އޮންނާނެ އެވެ.

ފިނޭންސްއިން ބުނީ، އެ ރޭޓިން ރަނގަޅު ކުރުމަށް ކުރާ އެންމެ ބޮޑު މަސައްކަތަކީ، އިގްތިސާދު ފުޅާކޮށް ޑައިވާސިފައި ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ. މި ރޭޓިންއަކީ ގައުމީ މިންގަނޑެއްކަމުގައި ދެކި، މި މިންގަނޑު ދެމެހެއްޓުމާއި އިތުރަށް ރަނގަޅުކުރުމަށް، ދައުލަތުގެ ހުރިހާ މުއައްސާތަކާއި އަމިއްލަ ވިޔަފާރިތަކާއި، އަދި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް މިމިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.