އޭއެފްސީ ކަޕްގެ ގުރޫޕް އީގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނައިރު، މެޗު ފަސޭހަނުކުރާނެ ކަމަށް އިންޑިއާގެ ބެންގަލޫރު އެފްސީގެ ކޯޗު އޭޝްލީ ވެސްޓްވުޑް ބުނެފި އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ ވާހަކަދައްކަމުން އިނގިރޭސިވިލާތުގެ ވެސްޓްވުޑް ބުނީ މާޒިޔާއާ ބެހޭ މާ ގިނަ މައުލޫމަތެއް ނޭނގުނު ނަމަވެސް، އިންޑިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބެންގަލޫރު އެފްސީ އިން މެޗު ފަސޭހަނުކުރާނެ ކަމަށެވެ.
"އަހަރެމެންނަކަށް ނޭނގޭ މާޒިޔާއާ ބެހޭ މާ ގިނަ މައުލޫމާތެއް. ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް މާޒިޔާގައި ތިބިކަން އެނގޭ. އަދި ސްޕެއިންގެ ފޯވަޑަކާއި ބަލްގޭރިއާގެ ޑިފެންޑަރެއް އަދި ޖަޕާންގެ މިޑްފީލްޑަރެއް އެ ޓީމުގައި ތިބިކަން އެނގޭ،" މިދިޔަ ސީޒަންގެ އިންޑިއާ ލީގު ބެންގަލޫރަށް ކާމިޔާބުކޮށްދިން ވެސްޓްވުޑް ބުންޏެވެ. "މާޒިޔާ އަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ކްލަބުކަން ޔަގީން. އަހަރެމެންނާ އެ ޓީމުން ރަނގަޅު ވާދައެއް ކުރާނެ ކަމަށް ގަބޫލްކުރެވެނީ."
ދެހާސް ތޭރަ ވަނަ އަހަރު އުފެދުނު ބެންގަލޫރު އެފްސީ އަކީ މި ވަގުތު އިންޑިއާގައި އޮތް އެންމެ ވަރުގަދަ އެއް ކްލަބެވެ. އެ ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އާއި ގައުމީ ޓީމުގެ ފޯވަޑް ރޮބިން ސިންގާއި އޮސްޓްރޭލިއާގެ ފޯވަޑް ޝޯން ރޫނީ ހިމެނެ އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މާޒިޔާއާ ހިލާފަށް މީގެ ކުރިން ބެންގަލޫރަށް އޭއެފްސީ ކަޕްގެ ތަޖުރިބާއެއް ލިބިފައި ނެތް ނަމަވެސް، "ތަޖުރިބާ އިން ކުރާނެ ފައިދާއެއް ނެތް" ކަމަށެވެ.
"އިންޑިއާގެ އެންމެ ވަރުގަދަ އެއް ޓީމަ ދެކޮޅަށް ކުޅުމުގެ ފުުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް. ބެންގަލޫރް ޓީމު މީގެ ކުރިން އޭއެފްސީ ކަޕްގައި ނުކުޅުނު ނަމަވެސް، އެ ޓީމުގައި ވަރަށް މޮޅެތި ކުޅުންތެރިންތަކެއް އެބަތިބި. ތަޖުރިބާ އިން ކުރާނެ ފައިދާއެއް ނެތް،" ސުޒޭން ބުންޏެވެ.
ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މާޒިޔާ އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ފަށާނީ މިރޭ 1900ގަ އެވެ. -- ގޯލް ޑޮޓް ކޮމް