- ރޭޓިންގެ ސަބަބުން އިތުބާރު ބޮޑުވޭ
- ބޮޑެތި މަޝްރޫއުތަކަށް އެހީލިބޭ
- ކްރެޑިޓް ރޭޓިން މަތިކުރަން ފިޔަވަޅު އަޅަން ޖެހޭ
ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަ ތަކަށް ރާއްޖޭގެ އިގްތިސާދީ ހާލަތު އެނގޭނެ "މިނިވަން ގޮތެއް" މިއަދާ ހަމައަށް ވެސް ނެތެވެ. ނަމަވެސް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް "ސޮވެރިން ކްރެޑިޓް ރޭޓިން" އެއް މިވަނީ މުޅި ދުނިޔެއަށް އާއްމު ކުރަން ފަށާފަ އެވެ. މީގެ ސަބަބުން ލިބޭނީ ކޮން ފައިދާއެއް ހެޔެވެ؟ ކްރެޑިޓް ރޭޓިންގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
"މިއީ ރާއްޖޭގެ މުސްތަގުބަލަކަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް. ކްރެޑިޓް ރޭޓިންގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އިތުރު ޔަގީންކަމެއް ލިިބިގެންދާނެ،" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "އަވަސް" އަށް ވިދާޅުވި އެވެ.
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ތިން ވަނަ ފަރާތެއް މެދުވެރިކޮށް ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލުގެ މުހިންމު މައުލޫމާތުތައް ދުނިޔެ އަށް އާއްމު ކުރަން ފެށުން، ވެގެން ގޮސްފައިވަނީ ވިޔަފާރީގެ މުޅި މާހައުލުގައި ތިބި ފަރާތްތަކާއި ބޭރުގެ ބްރޭންޑްތަކުގެ އިތުބާރު ބޮޑު ވެގެންދާނެ ކަމަކަށެވެ.
ކްރެޑިޓް ރޭޓިންއަކީ އިންވެސްޓްމަންޓަކާއި އެކަށޭނަ ފައިނޭންޝަލް އަގު ދެނެގަތުމަށް ބޭނުން ކުރާ މިންގަނޑެކެވެ. އަދި މި ފަދަ ރޭޓިންއެއް ނެތުމުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކުރުމަށާއި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެ ގެނައުމަށް ވަނީ ހުރަސް އެޅިފަ އެވެ.
ރާއްޖެ އަށް ގިނަ އަދަދެއްގެ އިންވެސްޓްމަންޓް ގެނައުމުގައި ކާމިޔާބުތަކެއް ހޯދާފައިވާ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ މިއީ ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި، މިއީ އަދި ފެށުމެއް ކަމަށެވެ.
"މިކަމަކީ އަޅުގަނޑުމެން ނުހަނު އެދި އެދި ތިބި ކަމެއް. މިއީ އަދި ފެށުމެއް މި ކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު މިހާރަށްވުރެ ވެސް ބޮޑު ވާނެ،" މެދުއިރުމައްޗާއި ސިންގަޕޫރުގެ އިންވެސްޓްމަންޓްތައް ކާމިޔާބުކަމާއެކު ރާއްޖެ ގެނެސްފައިވާ ޖަނާހު ވިދާޅުވި އެވެ.
ކްރެޑިޓް ރޭޓިންއަކީ ކޮބާ؟
"ސޮވެރިން ކްރެޑިޓް ރޭޓިން" އަކީ އިންވެސްޓް ކުރުމާއި ވިޔަފާރި ކުރުމުގައި ގައުމެއްގައި އޮތް ގޮން ޖެހުންތަކާއި ރިސްކް ދެނެގަތުމަށް އެއް ކުރެވޭ މުހިންމު މައުލޫމާތު ތަކެވެ. މި ރޭޓިން އިން އެނގެނީ ގައުމުގައި އިންވެސްޓްމަންޓް ކުރުމަށް އޮތް ރިސްކު ފަދަ މައުލޫމާތު ތިން ވަނަ ފަރާތަކުން ހަމަހަމަ ގޮތެއްގައި ބެލުމަށްފަހު ހާމަ ކުރާ މިންގަނޑެކެވެ. މިހެންކަމުން ސޮވެރިން ކްރެޑިޓް ރޭޓިން ވެގެން ދަނީ ބައިނަލްއަގްވާމީ މާލީ އިދާރާތަކަށާއި ބޮޑެތި އިންވެސްޓަރުން އިތުބާރުކުރާ އަދި މާލީ ނިންމުންތައް ނިންމުމުގައި ބަލާ މުހިންމު އެއް މިންގަނޑަށެވެ. ވަކިން ހާއްސަގޮތެއްގައި، ކްރެޑިޓް ރޭޓިންއަކީ އެ އިންވެސްޓްމަންޓަކާއި އެކަށޭނަ ފައިނޭންޝަލް އަގު ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ.
"ދެހާސް އަށެއްގައި ހަވާލުވި ސަރުކާރު އޮތްއިރު ރާއްޖޭގައި ބޮޑު ދަރަންޏެއް އޮތް. ދަރަނި ދައްކާނެ ހަރުދަނާ ސިޔާސަތު ތަކެއް ވެސް. އެހެންވެ ބޮޑެތި މަޝްރޫއުތަކެއް ވެސް ނެތް. ނަމަވެސް މިހާރު މިވަނީ ބޮޑެތި މަޝްރޫއުތައް ގެނެވި މާތްﷲގެ އިރާދުފުޅާއެކު މަސައްކަތް ފެށިފައި،" ސައީދު ވިދާޅުވި އެވެ.
ކްރެޑިޓް ރޭޓިންގައި ބަލާ ކަންތައްތައް
- ދައުލަތުގެ މާލީ އަދި ދަރަނީގެ ސިޔާސަތު
- އިޤްތިސާދީ ދުޅަހެޔޮކަން
- ދައުލަތުގެ އިދާރީ ނިޒާމުގެ ހަރުދަނާކަން
- ސިޔާސީ މާހައުލުގެ ހަމަޖެހުން
"ކުރިން ޖެހިލުންވި ކަމެއް"
މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް ކްރެޑިޓް ރޭޓިންގެ މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން ރޭޓިންގެ މައުލޫމާތު އާއްމު ކޮށްފައެއް ނުވެ އެވެ. މީގެ ސަބަބުތަކެއް ވެސްވެ އެވެ. އެއް ސަބަބަކީ މާލީ ގޮތުން އެކަށީގެންވާ ސިޔާސަތެއް ނެތުމެވެ. އެކަމަށް ޖެހިލުންވުމެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ މި ކަމުން އެނގެނީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ މާލީ ސިޔާސަތުތައް ހަރުދަނާކަން ކަމަށެވެ. އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ދެ ފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެކަން ކުރުމަށް ކުރުމަކީ މީގެ އެއް އަމާޒެވެ.
"ދެހާސް އަށެއްގައި ހަވާލުވި ސަރުކާރު އޮތްއިރު ރާއްޖޭގައި ބޮޑު ދަރަންޏެއް އޮތް. ދަރަނި ދައްކާނެ ހަރުދަނާ ސިޔާސަތު ތަކެއް ވެސް. އެހެންވެ ބޮޑެތި މަޝްރޫއުތަކެއް ވެސް ނެތް. ނަމަވެސް މިހާރު މިވަނީ ބޮޑެތި މަޝްރޫއުތައް ގެނެވި މާތްﷲގެ އިރާދުފުޅާއެކު މަސައްކަތް ފެށިފައި،" ސައީދު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު މުހައްމަދު މުނައްވަރު "އަވަސް" އަށް ވިދާޅުވީ ކްރެޑިޓް ރޭޓިންގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ދުރު މުސްތަގުބަލުގައި ކަމަށެވެ.
"މީގެން [ބީ2] އިން ދައްކުވައިދޭނެ ރާއްޖެއަކީ މުސްތަގުބަލަށް އިންވެސްޓް ކުރަން ވެސް ރަނގަޅު މާހައުލެއް އޮތް ތަނެއްކަން،" މުނައްވަރު ވިދާޅުވި އެވެ.
ރާއްޖޭގެ "ބީ-2" ރޭޓިން: ފެށުމެއް!
މޫޑީސް އިންވެސްޓްމަންޓުން ރާއްޖޭގެ މާލީ ދާއިރާ ރޭޓްކުމަށްފަހު ދީފައިވަނީ "ބީ2" އެވެ. މީގެ މާނައަކީ ކޮބައި ހެއްޔެވެ؟
"ބީ2" ގެ މާނައަކީ ރާއްޖޭގައި އިންވެސްޓުކުރުމުގައި ކޮންމެ ވެސް ވަރެއްގެ ރިސްކެއް އޮތް ނަމަވެސް ޖުމްލަ ގޮތެއްގައި ގައުމުގެ ހާލަތު ރަނގަޅު ކަމެވެ. އެހެންވެ ތަރައްގީވަމުން އަންނަ ގައުމުތަކާއި ކުދި އިގްތިސާދުތައް ހިމެނޭ މި ރޭޓިން އެއް ރާއްޖެ އަށް ދިނުމުގެ އެއް ސަބަބަކީ މިއީ އެވެ. ރޭޓިން އަށް ބަލާއިރު މި ސަރަހައްދުން އެންމެ ކުރީގައި އުޅެނީ އިންޑިޔާ އާއި ސްރީލަންކާ އެވެ. އިންޑިޔާ އުޅެނީ އިންވެސްޓްމަންޓަށް އެންމެ ފަހި "ބީއޭއޭ3" ރޭޓިންގަ އެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ "ބީ" އިން ފެށިނަމަވެސް މި ދައުރު ނިމޭއިރު ކްރެޑިޓް ރޭޓިންގައި ރާއްޖޭގެ ދަރަޖަ އެންމެ މަތީ ގައުމަކަށް ވެގެންދާނެ އެވެ.
"ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކާއެކު މި ސަރަހައްދުން ރޭޓިން އެންމެ މަތީ ގައުމަކަށް އިރާދުކުރެއްވިއްޔާ ވާނެ. މިހާރުވެސް ރާއްޖެއަކީ އިންވެސްޓްމަންޓަށް އެންމެ ފަހި އެއް ގައުމު. ރިޓާން އޮފް އިންވެސްޓްމަންޓް އެންމެ އަވަހަށް ލިބޭ ގައުމު،" ސައީދު ވިދާޅުވި އެވެ.
މަސީގެ ރައީސް ޖަނާހު ވިދާޅުވީ "ބީ" އަކީ ރޭޓިން ފަށާ ގައުމަކަށް ބަލާއިރު، ރަނގަޅު މިންވަރެއް ކަމަށެވެ.
ކޮންމެއަކަސް ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް މުހިންމުކަން ބޮޑު "ކްރެޑިޓް ރޭޓިން" މި ވަނީ ޝާއިއު ކުރަން ފަށާފަ އެވެ. މިއީ އެއް ފަހަރު ކޮށްލުމަށްފަހު ނިންމާލާނެ ކަމެއް ނޫނެވެ. މި ރޭޓިން މަތި ކުރުމަށް އިގްތިސާދާއި ރާއްޖޭގެ ވިޔަފާރީގެ މާއުލު އަދި ގައުމުގެ ހަމަޖެހުން މުހިންމު ދައުރެއް އަދާކުރެ އެވެ. މި ބަދަލު ތައް އަންނަނަމަ މާގިނަ ދުވަހެއް ނުވެ، ރާއްޖެ އޮންނާނީ ރޭޓިންގެ އެންމެ މަތީގަ އެވެ.