އޭޝިއަންކަޕް ކޮލިފައިން އިން ޖާގަ ހޯދުމަށް، މިއަންނަ އަންގާރަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ލާއޯސްއިން ވަނީ ވަރުގަދައަށް ތައްޔާރުވެފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖްކަޕްގައި ލާއޯސް ވަނީ ރާއްޖެ އަތުން 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފަ އެވެ. ތަފާތު ބޮޑު ނަތިޖާގެ އެ ހިތި ހަނދާންތައް ލާއޯސްގެ ފުޓްބޯޅާއިގައި އަދިވެސް ހަރުލާ ހުންނާނެއެވެ. އެހެންވެ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ލާއޯސްއިން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ އެވެ.
ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް އޭޝިއާގައި ދެ ވަނަ އަށް އެންމެ ރަނގަޅު ޓްރެއިނިން ވަސީލަތްތައް ހިމެނޭ ގަތަރުގައި އެޓީމުން ވަނީ ގާތް ގަނޑަކަށް 14 ދުވަހުގެ ޓްރެއިނިން ފުރިހަމަކޮށްފަ އެވެ
އިންޑިއާ އަތުންވެސް ތަފާތު ބޮޑުކޮށް ބަލިވި ލާއޯސް އިން، ޕްރިލިމިނަރީ ބުރުގެ ތިން ވަނަ ބުރުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ ލާއޯސްގެ މަރުގެ މެޗެވެ. ރާއްޖެއެކޭ އެއްފަދައިން އެ ގައުމުންވެސް ރާއްޖޭގެ މެޗް ދެކެނީ ކޮންމެހެން މޮޅުވާން މަޖުބޫރު މެޗެއްގެ ގޮތުގަ އެވެ.
އެހެންވެ ރަހުމަތްތެރިކަމުގެ މެޗް ކުޅުމަށް އެޓީމުން އިހްތިޔާރު ކުރީ އެޝިއާގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އެއީ ރާއްޖެއާ ދެކޮޅަށް ކުޅުންތެރިން ހާނާ ލުމަށެވެ. ސައުދީއާ ދެކޮޅަށް ދެ މެޗް ކުޅެން ރޭވި ނަމަވެސް، ދެ ވަނަ މެޗް ކުޅެން ސައުދީން ބޭނުން ނުވުމުން ލާއޯސް އިން ވަނީ ގަތަރު ލީގްގައި ވާދަ ކުރާ އަލް އަރާޔަން އެފްސީއާ ދެކޮޅަށް ކުޅެފަ އެވެ. ގަތަރުގެ ދޯހާގެ އަލް އަރަބީ ސްޓޭޑިއަމްގައިސައުދީއާ ދެކޮޅަށް ކުޅުނު މެޗް 4-0 ން އެޓީމު ބަލިވި ނަމަވެސް އެ މެޗްގެ ތަޖުރިބާއަކީ އެޓީމަށް މުހިންމު އެއްޗެކެވެ. އަރާޔަންއާ ދެކޮޅަށް ލާއޯސް ޓީމު ކުޅުނު މެޗް ބަލިވީ 1-0 ންނެވެ.
"އަހަންނަށް އެންގޭ އެޓީމުން ސައުދި އަރަބިއްޔާއާ ދެކޮޅަށް ވަރުގަދަ މެޗއް ކުޅުނު ކަން. އަހަރެން ރާއްޖޭގެ ކޯޗް ކަމާ ހަވާލުވީވެސް ލާއޯސް މެޗާ ދެމެދަށް ވަރަށް ވަގުތު ކުޑަ ވާނެ ކަން އެނގި. ރާއްޖޭގައި ހުރި ވަސީލަތްތަކުން އްހަރެމެން އެންމެ ފުރިހަމައަށް މެޗަށް ތައްޔާރުވާނަން،" ގައުމީ ކޯޗް ސްޓެވާޓް ބުންޏެވެ.