ރާއްޖެ ކުޅިވަރު

ރެޑްބުލް "ކެޗް ދަ ފެރީ" ރޯޑް ރޭސް އަންނަ މަހު

ރެޑްބުލް އިން އިންތިޒާމްކޮށްގެން މިދިޔަ އަހަރު ބޭއްވި "ރެޑް ބުލް ކެޗް ދަ ފެރީ" ރޯޑް ރޭހުގެ ދެވަނަ މުބާރާތް އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

މީގެ ކުރިން ރާއްޖޭގައި ބާއްވާފައިވާ ރޯޑް ރޭސްތަކާ ހިލާފަށް، 12.6 ކިލޯމީޓަރުގެ މި ރޭހުގައި ވާދަކުރާ ބައިވެރިން މާލެ އާއި ހުޅުމާލެ އަދި ވިލިނގިލީގައި މި ރޭހުގެ ބައިތައް ފުރިހަމަކުރަން ޖެހޭނެ އެވެ.

މިދިޔަ އަހަރު ބޭއްވި ފުރަަތަމަ ރެޑްބުލް ކެޗް ދަ ފެރީގެ އެއްވަނަ ހޯދީ ހުސެއިން ފައިހަތެވެ. އަދި އަންހެން ބައިގެ އެއްވަނަ ހޯދީ ސްރީލަންކާގެ ޕެޓްރީސިއާ ގޯމޭޒް އެވެ.

ގދ. ތިނަދޫ އަށް ނިސްބަތްވާ ފައިހަތު ،22، މި އަހަރުގެ މުބާރާތުގައި ވެސް ބައިވެރިވާނެ އެވެ. މިހާރު މުބާރާތަށް ތަމްރީނު ހަދަމުންދާ ފައިހަތުގެ އަމާޒަކީ މި މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކުރުމެވެ.

"އަޅުގަނޑުގެ އަމާޒަކީ މި މުބާރާތް ކާމިޔާބުކުރުން. މިދިޔަ އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރެވުނީ ވަރަށް މަސައްކަތްކޮށްގެން. މިދިޔަ އަހަރަށްވުރެ މި އަހަރުގެ މުބާރާތް އުނދަގޫވާނެ،" ފައިހަތު ބުންޏެވެ. "މި މުބާރާތުގައި ބައިވެރިވާ ކޮންމެ އެތުލީޓެއްގެ އުންމީދަކަށް ވާނީ މުބާރާތް ކާމިޔާބުކުރުން. މިއީ އެެހެން ރޭސްތަކާ މުޅިން ތަފާތު މުބާރާތެއް. ތައްޔާރުވާންޖެހޭ ގޮތް ވެސް ތަފާތު."

"ރަށުގައި ތަމްރީނުތައް ކުރިއަށް ގެންދަން. ރަށުގައި ތަމްރީނު ހަދަން ފަސޭހަ މާލެ އަށްވުރެ. މި ވަގުތު އިންޖަރީއެއްގައި ހުރި ނަމަވެސް، މުބާރާތަށް ފިޓުވެވޭނެ،" ފައިހަތު ބުންޏެވެ.

މިދިޔަ އަހަރު ރެޑްބުލް ކެޗް ދަ ފެރީގެ ޗެމްޕިއަންކަން ހޯދުމާއެކު، ފައިހަތަށް ވަނީ މެންޗެސްޓާގައި އޮތް ރެޑްބުލް ސްޓީޕަލްޗޭސްގައި ވާދަކުރުމުގެ ފުރުސަތު ލިބިފަ އެވެ. އެއީ ފައިހަތަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެކެވެ.

"އެކަހަލަ ފުރުސަތެއް ލިބޭނެ ކަމަށް ކުރިން ހިޔެއް ނުކުރަން. ރެޑްބުލް ކެޗް ދަ ފެރީ އަކީ މި ވަގުތު ދުވުންތެރިންނަށް އެންމެ ބޮޑު އިނާމެއް ލިބޭ މުބާރަތް،" ފައިހަތު ބުންޏެވެ.

މި އަހަރުގެ ރެޑްބުލް ކެޗް ދަ ފެރީގެ އެއްވަނަ ހޯދާ ދުވުންތެރިންނަށް ޑުބާއީގައި މޭ މަހު އޮންނަ ވިންގްސް ފޯ ލައިފް - ވޯލްޑް ރަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މިއީ ސްޕައިނަލް ކޯޑް އަށް ލިބޭ އަނިޔާތަކާ މެދު ހޭލުންތެރިކުރުވުމަށް ވިންގްސް ފޯ ލައިފް އިން އިންތިޒާމްކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި ދުވުމެކެވެ. މިދިޔަ އަހަރު މި ދުވުމަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި ދުވުމުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރަނީ ޗެރިޓީއަށެވެ.

ރެޑްބުލް ކެޗް ދަ ފެރީ އަކީ ދިވެހިރާއްޖޭގެ ދުވުންތެރިންނަށް ހާއްސަކޮށްގެން ރެޑްބުލް އިން ބޭއްވި ފުރަތަމަ އިވެންޓެވެ. މި ރޭހުގައި އެންމެ ހާއްސަކަމަކީ މާލޭ ސިޓީގެ ތިން ސަރަހަދެއްގައި މި ރޭހުގެ ބައިތައް ކުރިއަށް ދިއުމެވެ. މި މުބާރާތުގެ ބައިވެރިން ހުޅުމާލެ އާއި ވިލިނގިއްޔަށް ގެންދަން ހާއްސަ ފެރީތަކެއް އޮންނާނެ އެވެ. އެކަމަކު ކަނޑައަޅައިފައިވާ ވަގުތުކުރިން ބައިވެރިން ފެރީ އަށް އަރައިގެން ނޫނީ، ރޭހުގެ ބައިތައް ފުރިހަމައެއް ނުކުރެވޭނެ އެވެ. އެހެންކަމުން ކަނޑައަޅާފައިވާ ވަގުތަށް ފެރީ އަށް އެރޭނީ މުބާރާތުގެ އެންމެ ފިޓު ދުވުންތެރިންނަށެވެ.