ކަނޑުމަތީގެ ހާދިސާ

އިންޖީނު ހުއްޓުނު ލޯންޗެއްގައި ތިބި ދަރިވަރުންތަކަކާއި މުދައްރިސުންތަކެއް ސަލާމަތްކޮށްފި

Sep 4, 2016

ގއ. ވިލިނގިލިން ސްކޫލު ކުދިންނާ މުދައްރިސުން ގޮވައިގެން ދާންދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗުގެ އިންޖީނު މައްސަލަ ޖެހި ކަނޑުމެދަށް ހުއްޓިފައި ވަނިކޮށް ފުލުހުން ގޮސް އެލޯންޗްގައި ތިބި ދަރިވަރުންނާއި މުދައްރިސުން ސަލާމާތްކޮށް ރައްކާތެރިކަމާއެކު ވިލިނގިއްޔަށް ގެނެސްދީފި އެވެ.

ފުލުހުން ބުނީ މިރޭ އިރުއޮއްސި 6:45 އެހާކަންހާއިރު އެ ހާދިސާ ހިނގިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުން ލޯންޗްގައި ގޮސް އިންޖީނު މައްސަލަ ޖެހިފައިވާ ލޯންޗްގައި ތިބި ދަރިވަރުންނާއި މުދައްރިސުން ސަލާމަތްކޮށްފައިވާ ކަމަށާއި އޭރު ލޯންޗުގެ އިންޖީނު ހުއްޓުނުތާ ގިނަ އިރު ނުވާ ކަމަށެވެ.

ދާންދޫ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން އެހެން ލޯންޗެއްގައި ދާންދުއަށް ދިއުމުގެ މަސައްކަތް ކުރަމުންދާއިރު، އިންޖީނުގެ ގިއަރު މައްސަލަޖެހުނު ލޯންޗް ވެސް ވަނީ ރައްކާތެރިކަމާއެކު ވިލިނގިލީ ފަޅުތެރެއަށް ވައްދާފަ އެވެ.

މި ދުވަސްވަރު ރާއްޖެއަށް މޫސުން ގޯސް އިރު ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އެދެމުންނެވެ.