ދުނިޔެ

ހައްޖު މޫސުމަށް ސައުދީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

ހައްޖު މޫސުމާ ގުޅިގެން ސައުދި އަރަބިއްޔާގެ މައްކާގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފި އެވެ. މިިދިޔަ އަހަރުގެ ހައްޖު މޫސުމުގައި ހަރަމްފުޅުގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 769 ހައްޖުވެރިން ވަނީ މަރުވެފަ އެވެ.

ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އިލެކްޓްރޯނިކް ބްރޭސްލެޓްތައް އަދި ކެމެރާތައް ބޭނުންކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ގިނަ އަދަދެއްގެ ކެމެރާ މިހާރުވަނީ މަސްޖިދުލް ހަރަމްގައި ހަރުކޮށްފައި ކަމަށްވެ އެވެ. އަދި މީގެ އިތުރުން ހައްދު ފަހަނައަޅާފައިވާ ފަރާތްތަކުން ދީފާނެ ޖާނުން ފިދާވުމުގެ ހަމަލާތަކަށްވެސް ތައްޔާރުވެފައިވާ ކަމަށްވެ އެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައިވެސް ވަނީ މަދީނާގެ ކައިރީގައި ޖާނުން ފިދާވުމުގެ ހަމަލާއެއްދީ ހަތަރު މީހުން މަރާލާފަ އެވެ.

ސަލަމާތީ ކަންކަން ވަރުގަދަ ކުރުމަށް ސައުދިއަރަބިއްޔާއިން ގއުފައްދާފައިވާ ހައްޖު މިޝަންތަކުގެ އަދަދުތައްވެސް ވަނީ އިތުރުކޮށްފަ އެވެ. ކޮންމެ ގައުމަކުން ވަކިވަކި ހައްޖު މިޝަންތައް އުފައްދާފައިވާއިރު އެ މިޝަންތަކުގައި ތިބޭނީ އެގައުމުގެ އޮފިޝަލުންނެވެ.

ހައްޖުގެ އަޅުކަން އަންނަ ހުކުރު ދުވަހު ފެށޭއިރު ދުނިޔޭގެ އެކިކަންކޮޅުތަކުން ދެ މިލިއަނެއްހާ މީހުން ހައްޖުގެ އަޅުކަމަށް މައްކާއަށް ދާނެ އެވެ. މިދިޔަ އަހަރު ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ފުރުޅާލާ ހިނގި މި އެކްސިޑެންޓަކީ ފަހުގެ ތާރީހެއްގައި ހަރަމްފުޅުގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ.

ސައުދީގެ ބައެއް ނޫސްތަކުން ބުނާގޮތުގައި މައްކާގެ ޑިވެލޮޕްމަންޓް އޮތޯރިޓީތަކުން މިދިޔަ މަހު ވަނީ ޖަމްރާއަށް ހިލައުކަން ދާން ހާއްސަ އިލެކްޓްރޯނިކް މަގުތަކެއް ހަދާފައި ކަމަށެވެ. އަދި ހައްޖުވެރިންގެ އަތުގައި އަޅާ ބްރޭސްލެޓް ބޭނުންކޮށްގެން ދާ މިސްރާބު މުއައްސަސާތަކަށް ދެނެގަނެވޭނެ ކަމަށެވެ. އަދި އޭރަށް މާބޮޑަށް ބައިބޯވާން އުޅޭނަމަ ކުރީބައިގައި އެކަމަށް އިންޒާރުދީ ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ކަމަށެވެ.