އިނގިރޭސީންނާއި ޕާކިސްތާނު ކުޅުނު އެއްދުވަހުގެ ފަސް މެޗުގެ މުޅި ސީރީސް ކާމިޔާބު ކުރަން ލިބުނު ފުރުސަތު ޕާކިސްތާނުގެ ބެޓްސްމަނުންގެ މޮޅު ކުޅުމާއެކު އިނގިރޭސީންނަށް ގެއްލިއްޖެ އެވެ.
ފުރަތަމަ ހަތަރު މެޗު ކާމިޔާބުކުރި އިނގިރޭސީން ރޭ ބަލިވީ ހަތަރު ވިކްޓުންނެވެ. ފުރަތަމަ ކުޅެން އަރާ އިންގްލޭންޑަށް 50 އޯވަރުގެ ތެރޭގައި ހެދުނީ ނުވަ ވިކެޓަށް 302 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 87 ލަނޑު ހެދި ޖެސަން ރޯއީ އެވެ.
ޕާކިސްތާން މެޗު ކާމިޔާބުކުރީ 48 އޯވަރުގެ ތެރޭގައި 304 ލަނޑު ހަދައިގެންނެވެ. އެންމެ މުހިންމު ދައުރެއް އަދާކުރި ދެ ބެޓްސްމަނުންނަކީ 90 ލަނޑު ޖެހި ޝަފްރާޒް އަހުމަދާއި 77 ލަނޑު ހެދި ޝުއައިބް މާލިކެވެ. މި ދެ ކުޅުންތެރިންގެ ސްޕީޑް އިނގިރޭސި ޓީމަށް މި މެޗުގައި ހިފަހައްޓާލަން އުނދަގޫވިއިރު ޕާކިސްތާނަށް މެޗު ފަސޭހަވީ ވެސް މި ޕާޓްނާޝިޕުގައި ހެދި 163 ލަނޑުންނެވެ.
މި މެޗުގައި އިނގިރޭސި އުކުންތެރިންނަށްވުރެ ރަނގަޅަށް ޕާކިސްތާނުން އުކާފައިވާކަން ވެސް ފާހަގަ ކުރެވުނެވެ. ހާއްސަކޮށް ހަތަރު ވިކެޓް ނެގި ހަސަން އަލީ އާއި ތިން ވިކެޓްގެ ނެތި މުހައްމަދު އާމިރު ފާހަގަ ކުރެވުނެވެ.
މި މެޗުގައި އިނގިރޭސި އުކުންތެރިންގެ ތެރެއިން ލިއަމް ޑޯސަން އުކި އަށް އޯވަރުގައި ޕާކިސްތާނުން 70 ލަނޑު ހެދި އެވެ. ނަމަވެސް އިނގިރޭސި ކެޕްޓަން އެއިން މޯގަން ބުނީ ބައެއް ކުޅުންތެރިންނަށް ރެސްޓް ދިނުމަށްފަހު ޑޯސަން އަށް ދީފައިވާ ފުރުސަތުގައި ދެއްކި ކުޅުމާމެދު އެކަމާ ހިތާމަނުކުރާ ކަމަށެވެ. އަދި މިއީ ގައުމީ ޓީމަށް ހޭނިލުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި މުޅި ސީރީސް ކާމިޔާބުކުރެވުނުނަމަ ވަރަށް އުފާވީސް ކަމަށާއި އެކަމަކު ވެސް ފުރަތަމަ ހަތަރު މެޗު ކާމިޔާބުކޮށް ތަށި ލިބުމަކީ ވެސް އެހާމެ އުފާވެރި ހަނދާނަކަށްވާނެ ކަމަށެވެ.