ރާއްޖެ ކުޅިވަރު

ވޮލީ އިންތިހާބު މި މަހު 29ގައި. ކުރިމަތިލާން ހުޅުވާލައިފި

މައްސަލަަބޮޑުވެގެން ބާތިލްކުރި ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު މި މަހުގެ 29ގައި ބާއްވަން ނިންމައި، ކުރިމަތިލާން ހުޅުވާލައިފި އެވެ.

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އެދެންޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 22 ވަނަ ދުވަހެވެ.

މި އަހަރު ކުރީކޮޅު ބޭއްވި ވޮލީ އިންތިހާބު ހޯމް މިނިސްޓްރީން ބާތިލްކުރީ އެއިންތިހާބުގައި މައްސަލަތަކެއް ހުރިކަމަށް ބަލާފަ އެވެ. މި ގޮތުން ގަވާއިދާ ހިލާފަށް ބައެއް ކުލަބުތަކަށް ވޯޓުލާން ފުރުސަތުދީފައިވުން އިންތިހާބުގައި ނާކާމިޔާބުވި ޑީއާރިުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)ގެ ޓީމުން ވަނީ ފާހަގަކޮށްފަ އެވެ.

ކާނަލްއާ ވާދަކޮށް ވޮލީ އިންތިހާބު ފާއިތުވެދިޔަ ދެ ދައުރުގެ ރައީސް މުހައްމަދު ރިޔާޒް ކާމިޔާބުކުރެއްވީ ދެ ބުރަށް ވޯޓުލައިގެން ވެސް އެއްވަރުވުމުން އެކްސްކޯ މެމްބަރުންގެ މެދުގައި ވޯޓުލައިގެންނެވެ.

މި އިންތިހާބުގެ މައްސަަލަ މިހާބޮޑަށް ގޯސްވެ، އަލުން އިންތިހާބު ބާއްވަން މިޖެހުނީ އެސޯސިއޭޝަނުގެ ވެރިންނާއި އިދާރީ ހިންގުންތެރިން ދެ ބައިވެ، ދެ ޓީމަކަށް މަސައްކަތް ކުރަން ފެށުމުންނެވެ.

މިއިންތިހާބު ބޭއްވުމަށް ޖަމިއްޔާތަކުގެ ރަޖިސްޓްރާ އެކުލަވާލާފައިވާ ފަސް މެމްބަރުންގެ ކޮމިޓީގައި ހިމެނިވަޑައިވަޑައިގަންނަވީ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް އާއި ހޯމް މިނިސްޓްރީގެ ފަރާތުން މޫސާ ރަމީޒާއި ކުރީގެ ފީފާ ރެފްރީ އަލީ ސަލީމާއި ގައުމީ ފުޓްބޯޅަ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބާއި އާމިނަތު ނަބީލާ އިބްރާހީމް ނަސީރެވެ.

ހޯމް މިނިސްޓްރީން ބުނީ މި ކޮމިޓީ އަށް އެހީތެރިވެދިނުމަށް އިންތިހާބުގައި ވާދަނުކުރާ ވޮލީ އެސޯސިއޭޝަނުގެ މެމްބަރަކު ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށެވެ.