ދުނިޔެ

ނިއުކުލިއާ އިއްތިހާދުގެ މެންބަރުކަން އިންޑިއާއަށް ދޭން ޖަޕާނުން ތާއީދުކޮށްފި

Sep 5, 2016

އަވަށްޓެރި އިންޑިއާ އަށް ނިއުކްލިއަ އިއްތިހާދު ނުވަތަ ނިއުކްލިއަ ސަޕްލައިސް ގުރޫޕް(އެންއެސްޖީ) މެންބަރުކަން ދޭން ޗައިނާއިން ދެކޮޅު ހެދި ނަމަވެސް ޖަޕާނުން ރުހުން ދީފިއެވެ.

މިއަހަރު ޖުލައި މަހު ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި ބޭއްވި އެންއެސްޖީގެ ބައްދަލުވުމުގައި އިންޑިއާއަށް އެންއެސްޖީގެ މެންބަރުކަން ދޭން އެޖެންޑާ ކުރި ނަމަވެސް ޗައިނާގެ ނުރުހުމާއެކު އެ ފުރުސަތު އިންޑިއާ އަށް ގެއްލުނެވެ. ސޯލްގެ ބައްދަލުވުމަށްފަހު ޖަޕާނުން ވަނީ އިންޑިއާއަށް އެންއެސްޖީގެ މެންބަރުކަން ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ފުރަތަމަ ފަހަރަށް އިއްޔަ ވިދާޅުވެފައެވެ.

"އަހަރެމެން މިތިބީ އިންޑިއާ އަށް އެންއެސްޖީގެ މެންބަރުކަން ހޯދުމަށް ކުރާ މަސައްކަތުގައި އެއްބާރުުން ދޭން. އަހަރެމެން ގަބޫލު ކުރަނީ އިންޑިއާ މެންބަރުކަން ދިނުމުން، ނިއުކްލިއާ ރައްކާތެރި ކުރުމުގެ މަސައްކަތައްވެސް ލިބޭނެ ބާރެއް" ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ޔަޝޫހިސާ ކަވަމޫރާ ވިދާޅުވިއެވެ.

ކަވަމޫރާ ވިދާޅުވީ ޗައިނާއިން އިންޑިއާ އަށް މެންބަރުކަން ދޭން ހުށަހަޅާ މައްސަލަ ހުއްޓުވަން މަސައްކަތް ކުރިކަން އެންމެންނަށްވެސް އެނގޭ ކަމަށާއި ނަމަވެސް އެކަމާ ބެހޭގޮތުން ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

"ނަމަވެސް އެންމެ މުހިންމު ކަމަކީ އިންޑިއާ އަށް މެންބަރުކަން ދޭ މައްސަލައިގައި އެއްބަސްވުމަށް އައުން. އަހަރެމެން މިމަސައްކަތް ކުރަނީ އެކަމަށް" ކަވަމޫރާ ވިދާޅުވިއެވެ.

ކަވަމޫރާ ވިދާޅުވީ އިންޑިއާ އަށް އެންއެސްޖީގެ މެންބަރުކަން ދިނުމުގެ ކުރިން ނިއުކްލިއަ ފެތުރުނަ ނުދިނުމުގެ އެއްބަސްވުމެ މުއާހަދާ ސޮއި ކުރުމަށް އިންޑިއާ އަށް ބާރު އަޅުއްވާނެ ކަމަށެވެ.