ވިޔަފާރި

އޭޕީޓީ، އިންޑިޔާ ބައިވެރިވުމާއެކު ސަޓާ އެވޯޑުގެ ހައިބަތު އުފުލިއްޖެ

Sep 6, 2016
  • 200 އަށްވުރެ ގިނަ ނޮމިނޭޝަން
  • ވޯޓުލުން އަންނަ މަހުގެ ފަހަކަށް
  • ސަޓާ އެވޯޑު ބާއްވަނީ ކޮލަމްބޯގައި

ސައުތު އޭޝިއަން ޓްރެވަލް އެވޯޑް (ސަޓާ) އަކީ ދެކުނު އޭޝިޔާ ސަރަހަދަށް ހާއްސަކޮށް ބާއްވާ އެންމެ ބޮޑު އެވޯޑެވެ. އަދި ފުރަތަމަ އެވޯޑެވެ. ނަމަވެސް އެވޯޑުގައި ބައިވެރިވާ ފަރާތްތަކުން އެވޯޑުގެ "ސައިޒު" ދަނީ އެނގެމުންނެވެ. މި ގޮތުން އެންމެ ފަހުން ބައިވެރިވެފައިވަނީ އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް އިން ޓޫރިޒަމް (އޭޕީޓީ، އިންޑިޔާ) އިންނެވެ. މި ޖަމިއްޔާގެ ބައިވެރިވުމާއެކު އެވޯޑުގެ ހައިބަތު މި ވަނީ އިތުރަށް އުފުލިފަ އެވެ.

ސަޓާ އެވޯޑު މިފަހަރު އެންޑޯސްކުރި އޭޕީޓީ، އިންޑިޔާއަކީ އިންޑިޔާގެ ތިންވަނަ އަށް އެންމެ ބޮޑު ޓޫރިޒަމް ޖަމިއްޔާ އެވެ. އަދި މިއީ ދެކުނު އޭޝިޔާ ޓްރެވަލް އެންޑް ޓޫރިޒަމްގައި ބަސް ވިކޭ ޖަމިއްޔާ އެވެ.

ސްރީލަންކާގެ ކޮލަމްބޯގައި އޮންނަ، ސަޓާ އެވޯޑް އިންތިޒާމު ކުރަނީ ރާއްޖޭގެ "ހައިރައިޒް" އިންނެވެ.

އެވޯޑަށް ވޯޓް ދިނުމަށް އޮންލައިން މެދުވެރިކޮށް ހުޅުވައިލުމާއެކު، ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުން އެވޯޑަށް ނޮމިނޭޓްކޮށް، ވޯޓުލުން ވަނީ ފެށިފަ އެވެ. މި އެވޯޑުގައި ރިސޯޓްތަކާއި ގެސްޓް ހައުސްގެ އިތުރުން ސަފާރީތަކާއި ޓްރެވަލް ކުންފުނިތަކަށް ކުރިމަތިލެވެ އެވެ. އެވޯޑަށް 200 އަށްވުރެ ގިނަ ފަރާތުން ނޮމިނޭޓް ކޮށްފައިވެ އެވެ. އެވޯޑަށް ވޯޓުލުން އަންނަ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ސަޓާ އެވޯޑް، 10 ދާއިރާއެއްގެ 39 ގިންތި އަކުން ދޭނެ އެވެ. މި އެވޯޑުގައި ހިމެނޭ "ވިޒިޓާސް ޗޮއިސް" ބައިގެ ނުވަ ގިންތީގެ ތެރެއިން އަށް ގިންތި އަށް ރާއްޖޭގެ ރިސޯޓުތައް ވާދަކުރެ އެވެ. އަދި "ސެލްފް ނޮމިނޭޓް" ބައިގައި ހިމެނޭ 30 ގިންތި އަށް ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓް ވެފައިވެ އެވެ.

ސަޓާ އަށް ނޮމިނޭޓް ކޮށްފައިވާ މަޝްހޫރު ހޮޓެލް ޗެއިންތަކުގެ ތެރޭގައި ހައިޑަރޭ އާއި ޖުމެއިރާ، ޕާކް ހަޔަޓް، ކޮކޯ ކަލެކްޝަން، ވިލާ ގްރޫޕް، ސަން ސިޔާމް، އަދާރަން، ކޮންސްޓެންޓް، އެޓިކަން ސެޕްންސް އާއި ލީލާ ގްރޫޕުގެ އިތުރުން ކިންގްބެރީ، ތާޖް ސަމުންދްރާ، ކާސާ ކަލެކްޝަންފަދަ އެތައް ބްރޭންޑެއް ހިމެނެ އެވެ.

މި އެވޯޑަކީ ސަރަހައްދުގެ ބޮޑެތި ޖަމިއްޔާތައް ކަމަށްވާ ކޮލަމްބޯ ޗެމްބާ އޮފް ކޮމާސް (ސީސީސީ) އާއި ފެޑަރޭޝަން އޮފް ޗެމްބާ އޮފް ކޮމާސް އިން ލަންކާގެ އިތުރުން ކޮންފެޑަރޭޝަން އޮފް ކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ކެޓޯ) އިންޑިޔާ ބަލައިގެންފައިވެ އެވެ.

މީގެ އިތުރުން އިންޑިޔާގެ، އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން (އޭޓީޓީއޯއައި) ހިމެނެ އެވެ. މީގެ އިތުރުން ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާސް ކްލަބް (ކޭއެޗްޖީއެމްސީ) ބަލައިގެންފައިވެ އެވެ. އަދި ރާއްޖޭން މި އެވޯޑު ބަލައިގެންފައިވާ ޖަމިއްޔާތަކުގެ ތެރޭގައި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އަދި ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ހިމެނެ އެވެ.