ވިޔަފާރި

200 މިލިއަން ރުފިޔާގެ ދަމާސް "ވަން އެވެނިއު" ތައާރަފްކޮށްފި

Sep 5, 2016
  • މިއީ ލަގްޒަރީ އެޕާޓްމަންޓްތަކެއް
  • ބުކިންއަށް ވަނީ މިހާރު ހުޅުވާލާފައި
  • 95 އެޕާޓްމަންޓް ހިމެނޭ

ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އިންވެސްޓްކޮށްގެން، "ދަމާސް" އިން ހުޅުމާލޭގައި ތަރައްގީކުރާ "ވަން އެވެނިއު" އެޕާޓްމަންޓް ތައާރަފުކޮށް، ދުރާލާ ބުކިން އަށް ހުޅުވާލައިފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ދަމާސްގެ "ވަން އެވެނިއު" ތައާރަފުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ހުޅުމާލެ ފެރީޓާމިނަލް ކައިރީގައި އަތިރި މައްޗަށްވާ ގޮތަށް ހުޅުވާލާފައިވާ މި 95 އެޕާޓްމަންޓުތައް ތަރައްގީ ކުރަނީ ދެ ޓަވަރަށް ވާ ގޮތަށެވެ. މި ގޮތުން މިތަނުގައި އެއް ކޮޓަރީގެ 13 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 26 އެޕާޓްމަންޓް އަދި ތިން ކޮޓަރީގެ 52 އެޕާޓްމަންޓުގެ އިތުރުން ހަތަރު ޕެންތް ހައުސް ހިމެނެ އެވެ.

ނަމަވެސް، މި އެޕާޓްމަންޓުތަކުގެ އަގު އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

"ވަން އެވެނިއު" ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަމާސްގެ ޑިރެކްޓަރު ޒަޔާން ސޯލިހު ވިދާޅުވީ ދަމާސް އިން ބޭނުންވަނީ ފެންވަރު ރަނގަޅު ގެދޮރުގެ ހިދުމަތެއް ދިނުމަށް ކަމަށާއި، އެ ކުންފުނިން ކުރަނީ މި މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެނަކީ ކަސްޓަމަރުންގެ އިތުބާރާއެކު ބަރޯސާ ވެގެން މަސައްކަތް ކުރާ ކުންފުންޏެއް. އަޅުގަނޑުމެން ރިއަލް އެސްޓޭޓް އިންޑަސްޓްރީއަށްވަނީ ވެސް މި އަސާސް ހިތުގައި ލައިގެން. ރާއްޖޭގައި ހައުސިންގެ ނީޑެއް އޮތުމުން ރައްޔިތުންނަށް އެފޯޑަބަލް ހައުސްއެއް ފޯރުކޮށް ދިނުމަށް،" ޒަޔާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބަކީ ކަސްޓަމަރުންގެ އިތުބާރު ކަމަށެވެ. އަދި އެކަން އެ ކުންފުނިން ދަމަހައްޓާނެ ކަމަށް ޒަޔާން ވިދާޅުވި އެވެ.

"ވަން އެވެނިއު އަކީ މިތަނުގައި އުޅޭ ފަރާތްތަކަށް ހުރިހާ ވަސީލަތްތަކެއް ގެނެސް ދިނުން. އެންމެ ގިނަ ވަގުތު ހޭދަ ކުރީ ހިތް ފަސޭހަ ޑިޒައިނެއް ގެނެސް ދިނުމަށް،" ޒަޔާން ވިދާޅުވި އެވެ.

ދަމާސްގެ "ވަން އެވެނިއު" ތަރައްގީ ކުރަނީ ގާތްގަނޑަކަށް 25،000 އަކަފޫޓުގެ ޖާގަ ހިމެނޭ ގޮތަށެވެ. މިތަނަށް ދުރާލާ ބުކިން ހެއްދުމަށް ވަނީ ހުޅުވާލާފަ އެވެ. ދަމާސްގެ މި އެޕާޓްމަންޓްތައް ނިންމުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ އެވެ.