ވިޔަފާރި

އިމާރާތް ކުރުން އިތުރުވުމުން ދައްކުވައި ދެނީ އިގްތިސާދީ ކުރިއެރުން: މުއިއްޒު

Sep 5, 2016
5

ރާއްޖޭގައި އިމާރާތް ކުރުން އިތުރުވަމުން ދައްކުވައިދެނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދަމާސް "ވަން އެވެނިއު" ތައާރަފު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ މަސައްކަތްތައް އިތުރުވަމުން ދިއުމުން އެނގެނީ އިގްތިސާދު ކުރިއަރައިގެންދާ ކަން ކަމަށެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާ ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ވެރިކަމާ ރައީސް ޔާމީން ހަވާލުވުމަށް ފަހު މަސީ [އިމާރާތް ކުރުމުގެ ޖަމިއްޔާ] އާ ގުޅިގެން ކުރި މަސައްކަތްތަކެއް މި ދާއިރާވަނީ ކުރިއަރައިގެން ގޮސްފަ. އެ މަނިކުފާނުގެ މެނިފެސްޓޯގައި މަސައްކަތްތައް ކުރިއަށް ގެންދިއުމާއި އިމާރާތް ކުރުމުގެ ދާއިރާ ކޮޅަށް ޖެހުމަށް މަސައްކަތް ކުރެއްވި. މީގެ ނަތީޖާއެއްގެ ދަށުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވަނީ ކުރިއަރައިގެން ގޮސްފަ،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ވިދާޅުވީ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ އެތައް ގުނައެއް އިތުރުވެގެން ދިޔުމުގެ ސަބަބުން ޖީޑީޕީއަށް ނޫނީ ގައުމުގެ އުފެއްދުންތެރިކަމަށް އޭގެ ހެޔޮ އަސަރު ކުރަމުން އަންނަ ކަމަށެވެ.

"މިކަން އެނގޭ ކުރެހުންތައް ހުށަހަޅަމުންދާ ވަރާއި އިމާރާތްތައް ކުރެވެމުންދާ ވަރުން ވެސް އެނގޭ. އިމާރާތް ކުރުމަށް ހުއްދައަށް އެދެމުންދާ ވަރާއި އިމާރާތްތައް ނިންމުމަށް އެދޭވަމުންވެސް. އެހެންވީމަ މިފަދަ ދަނޑިވަޅެއްގައި ޕްރައިވެޓް ސެކްޓާ އިން މަސައްކަތް ކުރުމަކީ މަރުހަބާ ކިޔާނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބޭނުންވަނީ ގައުމު ކުރިއަރައި، ތަރައްގީ ވެގެންދާތަން ބެލުމަށް ކަމަށެވެ.

"ސަރުކާރާއި އަމިއްލަ ފަރާތްތަކާއި މުއްސަސާތައް ގުޅިގެން އާނބަސް ކިޔައިގެން ދާން ބޭނުންވަނީ. ގައުމު ކުރިއަރުވަން އިތުރު ކަންތައްތަކެއް ވަގުތު ދޭވޭކަށްނެތް،" މުއިއްޒު ވިދާޅުވި އެވެ.