ވިޔަފާރި

އާއަަހަރު ސޯޝަލް ހައުސިންގެ ގިނަ މަޝްރޫއުތަކެއް ފަށަނީ

އަންނަ އަަހަރު ސޯޝަލް ހައުސިންގެ ގިނަ މަޝްރޫއު ތަކެއް ފެށިގެންދާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ. "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ މިހާރު މެދު ފަންތިއާއި މަތީ ފަންތީގެ ހައުސިން ޔުނިޓުތަކެއްގެ މަސައްކަތް ފެށިގެން ދިޔަނަަވެސް، އަންނަ އަހަރު ސޯޝަލް ހައުސިންގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

"ސޯޝަލް ހައުސިންއަށް ސަރުކާރުން އެންމެ އިސްކަން ދެނީ. މީގެ ހެއްކެއް ހުޅުމާލޭގައި 704 ހައުސިން ޔުނިޓު ގާތްގަނޑަކަށް ނިމިފައި އެވަނީ، އިންސްޕެކްޝަން މަސައްކަތް މިދަނީ. އަދި އަތޮޅު ތެރޭގައި ދެކުނުގެ ގިނަ ރަށްތަކުގައި 700 އަށްވުރެ ގިނަ ފްލެޓް ގާތްގަނޑަކަށް ނިމެމުން އެ ދަނީ. ތިނަދޫ، އައްޑޫގައި ނިމިއްޖެ. ކުރިއަށް އޮތް ދެ މަސް ތެރޭގައި މާޗް މަހާ ހަމަ އަށް ދާއިރު އައްޑޫ، ފުވައްމުލައް، ގއ. ވިލިނގިލި، އަދި ގއ. ހޯޑެއްދޫގައި ހައުސިން ޔުނިޓުތައް ނިމޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 15،000 ހައުސިން ޔުނިޓު އެޅުމަށް ހަވާލުކޮށްފައިވާ ކަމަށާއި، އެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

"ދެހާސް ސަތާރައިގެ ބަޖެޓުގައި އަތޮޅު ތަކުގެ ތެރޭގައި ސޯޝަލް ހައުސިން މަޝްރޫއެއް ހިންގަން އެބައޮތް ބަޖެޓުކޮށްފަ. ތަފާތު އަށް ރަށެއްގައި 600 ހައުސިން ޔުނިޓު އަޅާނަން. އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް ސޮއި ކުރެވިގެންދާނެ. އެންމެ ބޮޑު އިސްކަމެއް މި ދެވެނީ ސޯޝަލް ހައުސިންއަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މެދުފަންތި އާއި މަތީ ފަންތީގެ ފަރާތްތަކަށް ފްލެޓުތަކެއް ތައާރަފު ކުރަނީ، ސޯޝަލް ހައުސިންގެ ޑިމާންޑް ދަށް ކުރަން ކަމަށެވެ.

"މެދުފަންތި އާއި މަތީ ފަންތީގެ ހައުސިންއަށް ފުރުސަތު ނުލިބޭނަމަ އެ މީހުންވެސް އަންނާނީ ސޯޝަލް ހައުސިންއަށް. އައިމަ ވާގޮތަކީ ސޯޝަލް ހައުސިން ލިބޭ މީހުންނަށް ފުރުސަތު ކުޑަވަނީ. އެހެންވެ މީޑިއަމް އާއި ހައި އެންޑް ހައުސިންގެ ފުރުސަތު އިތުރު ކުރަނީ. ހުރިހާ ކެޓަގަރީގައި ވެސް އުޅޭ ހައުސިން. އެއްތަން ގެނެފައި ދެވަނަ ތަނެއް ގަންނަން ބޭނުންވާ މީހުންވެސް އެބަތިބި އާއިލާ ބޮޑުވުމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ގެދޮރުގެ ދަތިކަން ކުރި މީހުންނަށް އެކަށީގެންވާ ގޮތެއް ހަމަޖައްސައި ދިނުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ އަދަދެއްގެ ފްލެޓު އެޅުމުގެ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެތެރޭގައި މިހާރު އެންމެ ގަދައަށް ކުރިއަށް ދަނީ ތަންކޮޅެއް މަތީ ފަންތީގެ ހައުސިން މަޝްރޫއުތަކެވެ. މިގޮތުން ގިނަ އަދަދެއްގެ ކުންފުނިތަކުން ވަނީ މަސައްކަތް ފަށާފަ އެވެ.