ދިވެހި ސިނަމާ

އީދުގައި ވެސް އެންމެ ހާއްސަ އަދަދަކީ "4426"

Sep 6, 2016

ސަބަބަކީ ޑައިރެކްޓަރު ފާތިމަތު ނަހުލާ އާއި އޭނާގެ ބިރުވެރި ފިލްމު "ފޯފޯޓޫސިކްސް" އެވެ.

ކެތްތެރިކަމެއް ނެތި މި ފިލްމަށް އިންތިޒާރު ކުރަނީ ނަމަ، އީދުގެ މަޖަލާއި ފޯރީގެ ތެރެއަށް ގެއްލުނަސް "4426" ގެ ޓިކެޓް ބުކްކޮށް ނިންމާލަން ޖެހޭނެ އެވެ. ފިލްމުގެ ޓިކެޓްތައް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ބުކް ކުރުމަށް ހުޅުވާލާއިރު ފުރަތަމަ ޝޯ އަށް ޓިކެޓް ވިއްކަނީ 200ރ. ގެ ރޭޓުންނެވެ.

ޕްރިމިއާ ނައިޓަށް ފަހު 100ރ. އަށް އޮލިމްޕަހުން މި ފިލްމު ބަލައިލެވޭނެ އެވެ. ފާތިމަތު ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓްކުރާ މި ފިލްމު ޕްރިމިއާ ކުރާނީ އަންނަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

މިއީ ނަހުލާގެ ފިލްމީ ކެރިއަރުގައި އޭނާ ގެނެސްދޭ ފުރަތަމަ ބިރުވެރި ފިލްމެވެ. އަދި ބުނެވޭ ގޮތުން ނަމަ އޭނާގެ އެންމެ ބުރަ މަސައްކަތް ވެސްމެ އެވެ.

ގިނަ އަދަދެއްގެ މުހިންމު ތަރިން ފެނިގެންދާ މި ފިލްމުގެ ލީޑް ރޯލުން މަރިޔަމް އައްޒަ އާއި މުހައްމަދު ޖުމައްޔިލްގެ އިތުރުން އިބްރާހިމް ޖުމައިހް ފަދަ ޒުވާން މޫނުތައް ފާހަގަކޮށްލެވެ އެވެ. މި އެންމެން ވެސް ބުނަމުން ގެންދަނީ އެމީހުންގެ ފިލްމީ ހަޔާތުގެ އެންމެ ބޮޑު އެއް މަސައްކަތަށް "4426" ވާނެ ކަމަށެވެ.

"ސުޕަހިޓް" ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ނަހުލާ މި ފިލްމާ އެކު އެނބުރި އަންނަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެވެ. އޭނާ އެންމެފަހުން ޑައިރެކްޓްކޮށް ބެލުންތެރިންނާ ހަމަ އަށް ގެނެސްދިން ފިލްމަކީ 2009 ވަނަ އަހަރުގެ "ޔޫސުފް" އެވެ.

ނަހުލާގެ ފިލްމުތަކުން އާންމުކޮށް ފެންނަ މަޝްހޫރު މޫނު، ޔޫސުފް ޝަފީއު އާއި ޝީލާ ނަޖީބު މި ފިލްމުން ވެސް ފެނިގެންދާނެ އެވެ.