އެމެރިކާގެ ރައީސް ބަރަކު އޮބާމަށް ނިސްބަތްކޮށް ހުތުރު ބަހެއް ފިލިޕީންސްގެ ރައީސް ރޮޑްރިގޭ ޑިޔުޓްރޭޓް ބޭނުން ކުރައްވައި މުހާތަބު ކުރެއްވުމުން އޮބާމާ ފިލިޕީންސަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރައްވައިފި އެވެ.
ޗައިނާގައި ކުރިއަށް ދިޔަ "ޖީ 20" ސަމިޓް ނިންމެވުމަށްފަހު އޮބާމާ ފިލިޕީންސަށް ވަޑައިގަތުމަށް ކުރިން އޮތީ ހަމަޖައްސަވާފައެވެ.
ޖޫން މަހު 30 ވަނަ ދުވަހު ފިލިޕީންސްގެ ރައީސް ކަމާ ހަވާލުވި ޑިޔުޓްރޭޓް އޮބާމާއަށް ނިސްބަތް ކުރައްވާ ނަހަލާލު ދަރިއެކޭ ވިދާޅުވީ، ފިލިޕީންސްގައި މަސްތުވާތަކެތި ވިއްކާ މީހުންނަށް މަރުގެ އަދަބު ދިނުމާއި ތަފާތު ބޮޑެތި ކުށް ކުރާ މީހުންނަށް ހަރުކަށި އަދަބު ދެމުން ގެންދާތީ، އެމެރިކާއިން އެކަމާ ކަންވޮޑުވުން ފާޅު ކުރުމުންނެވެ.
ތަފާސް ހިސާބު ތައް ދައްކާ ގޮތުން ޖޫން 30 ން ފެށިގެން މިހާތަނަށް ފިލިޕީންސްގެ ފުލުހުން ހިންގާ އެންޓި ޑުރަގު އޮޕަރޭޝަންގެ ދަށުން 2400 މީހުން ވަނީ މަރާލާފައެވެ.
ޑިޔުޓްރޭޓް އެހެން ވިދާޅުވުމުން އޮބާމާ ވަނީ ޑިޔުޓްރޭޓްއާ ބައްދަލު ކުރުމުގެ ބޭނުމެއް އޮތްތޯ އޭނާގެ އަރިހުގައިވާ މުވައްޒިފުންގެ ކިބައިން ސުވާލު ކުރައްވާފަ އެވެ. އަދި ވިދާޅުވީ ޑިޔުޓްރޭޓް އަކީ "ދެއްކުންތެރި" މީހެއް ކަމަށެވެ.
"އަހަރެން އަބަދުވެސް ބަލަން ބައްދަލުވުމެއް ބޭއްވުމުގެ ކުރިން އެ ބައްދަލުވުމަކީ އަހަންނަށް ބޭނުންތެރި ބައްދަލުވުމެއްތޯ" ޖީ 20 ސަމިޓަށް ވަޑައިގެން ޗައިނާގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވިއެވެ.