ދުނިޔެ

"ބަޣާވާތް" ކުރި ކަމަށް ތުހުމަތުކޮށް ރޫސަފްގެ ސަޕޯޓަރުން މުޒާހަރާއަށް

Sep 6, 2016

ބްރެޒިލްގެ ރައީސް ކަމުގައި ހުންނެވި ދިލްމާ ރޫސަފްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގައި ރައީސް ކަމުން ދުރުކުރުމުން ރައީސް ކަމުގެ މަގާމާ ހަވާލުވި ކުރީ ނައިބު ރައީސް މިޝޭލް ޓެމާގެ މައްޗަށް "ބަޣާވާތް" ކުރި ކަމުގެ ތުހުމަތުކޮށް ރޫސަފްގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.

އިއްޔެ އާއި ރޭ ވެސް ރޫސެފްއަށް ތާއީދު ކުރާ އެތައް ހާސް ބަޔަކު ވަނީ މަގުތައްމަތީގައި މުޒާހަރާކޮށްފަ އެވެ. އެމީހުން ބުނަނީ ރޫސަފް މަގާމުން ދުރުކުރުމުގައި އެންމެ އިސްކޮށް ހުންނެވީ ނައިބު ރައީސް ކަމަށެވެ.

"އަހަރެމެން ބަޣާވާތުގެ ރައީސް އަކަށް މަރުހަބާއެއް ނުކިޔާނަން" ރިއޯޑީޖެނީރިއޯގެ މަގުތަކަށް ނުކުތް ރޫސަފްގެ ސަޕޯޓަރުން ގޮވަމުން ދިޔައެވެ.

ސައުޕޯލޯ ގައި އެކަނިވެސް 50000 ވުރެ ގިނަ މީހުން ވަނީ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނިކުމެ އަޑު އުފުލާފައެވެ. މީގެ އިތުރުން ކޫޓިބާގެ މަގުތަކަށް ވެސް އެތައްހާސް ބަޔަކު އެއްވެ މުޒާހަރާ ކުރި އެވެ.

ޖޫން މަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް ކަމުގެ މަސްއޫލިއްޔަތުތަކުން ރޫސަފް ސަސްޕެންޑްކޮށްފަ އެވެ. ރޫސެފްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓް ނަގައި އޭނާ މަގާމުން ދުރުކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

ޖޫން މަހު ރޫސެފް ވިދާޅުވެފައިވަނީ އޭނާއާ ދެކޮޅަށް "ބަޣާވާތް" ރާވަމުން ގެންދާ ކަމަށެވެ. އޭގެ ފަހުން މިއަދާ ހަމަޔަށްވެސް ބްރެޒިލްގެ ސިޔާސީ މަސްރަހު ފެންނަނީ ވަރަށް ހޫނު ކޮށެވެ.