މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މިޑްފީލްޑަރު ޝަންކަރު ސަމްޕިންގިރާޖް ޖެހި ލަނޑާއެކު އޭއެފްސީ ކަޕްގެ ގުރޫޕް އީގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 2-1 އިން ބެންގަލޫރު އެފްސީ އަމިއްލަ ދަނޑުގައި މިރޭ މޮޅުވެއްޖެ އެވެ.
މެޗުގެ ދެވަނަ ހާފުގައި ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ ޖެހި ލަނޑާއެކު ބެންގަލޫރުން ލީޑު ހޯދައިފައިވަނިކޮށް، މެޗުގެ 89 ވަނަ މިނިޓުގައި މާޒިޔާ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ މުހައްމަދު އުމެއިރެވެ.
ދެ ޓީމު އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް، އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމަކުން އޮސްޓްރޭލިއާގެ ފޯވަޑް ޝޯން ރޫނީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޝަންކަރު ވަނީ ބޮލުން ގޯލަށް އަމާޒުކޮށްލައި، ބެންގަލޫރަށް އޭއެފްސީ ކަޕްގައި ފުރަތަމަ މޮޅު ހޯދައިފަ އެެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތައް ފޮނުވާލީ ބެންގަލޫރުންނެވެ. އިނގިރޭސި ޑިފެންޑަރު ޖޯން ޖޯންސަން އާއި ސިއާމް ހަންގަލް ފޮނުވާލި ނުރައްކާތެރި ހަމަލާތައް މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާުފުގެ ކުރީކޮޅު އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން ޗެތުރީ ބޮލުން ފޮނުވާލި ބޯޅައެއް އިމްރާން ވަނީ ދިފާއުކޮށްފަ އެވެ.
އެކަމަކު ދެ ޓީމު ލަނޑެއް ނުޖެހި އެއްވަރުވެފައި ވަނިކޮށް، ދެވަނަ ހާފުގައި ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތު ލިބުނީ މާޒިޔާއަށެވެ. ބެންގަލޫރުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ތިރިތިރިން ފޮނުވާލި ބޯޅަ ދަނޑި ކައރިިން ބޭރަށެވެ.
ބެންގަލޫރުން ލީޑޫ ހޯދީ 67 ވަނަ މިނިޓުގައި ޗެތުރީ ޖެހި ލަނޑުންނެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ބެންގަލޫރުގެ ކުޅުންތެރިއެއް ހުރަސްކޮށްލި ބޯޅަ ޗެތުރީ ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.
އެކަމަކު ބެންގަލޫރުގެ ކުޅުންތެރިއެއް ކުރި ފައުލަކާ ގުޅިގެން މެޗުގެ 88 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އުމެއިރު ވަނީ މާޒިޔާ އަށް މެޗުން ޕޮއިންޓެއްގެ އުންމީދު ހޯދައިދީފަ އެވެ.
މާޒިޔާގެ އަހުމަދު ނާޝިދު (ނާއްޓޭ) ވަނީ ލީޑު ހޯދަން ލިބުނު ރަނުގެ ފުރުސަތެއް ބޭކާރުކޮށްލައިފަ އެވެ. އަހުމަދު އިމާޒް (އާއްކޮ) ޕެނަލްޓީ އޭރިޔާ ތެރެއިން ތިރިތިން ހުރަސްކޮށްލި ބޯޅަ ދިޔައީ ޕެނަލްޓީ އޭރިޔާ ތެރޭގައި މުޅިން ހުސްކޮށްހުރި ނާއްޓޭގެ ފައި ދަށުންނެވެ.
ނާއްޓޭ އަށް ލިބުނު ރަނުގެ ފުރުސަތު ބޭކާރުކޮށްލުމުގެ ނަތީޖާއަކަށްވީ މެޗުގެ އިތުރު ވަގުތުގައި ޝަންކަރު ލަނޑު ޖަހައި، އޭއެފްސީގެ ކްލަބު މުބާރާތެއްގައި ބެންގަލޫރަށް ފުރަތަމަ މޮޅު ހޯދައިދިނުމެވެ.
މި ގުރޫޕްގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ސިންގަޕޫރުގެ ވޯރިއާސް އަތުން އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ މޮޅުވީ 3-1 އިންނެވެ.