ދުނިޔެ

ފޭސް ޓްރާސްޕްލާންޓް ހެދި ފުރަތަމަ މީހާ ކެންސަރު ބަލީގައި މަރުވެއްޖެ

ދުނިޔޭގައި ފުރަތަމަ ފަހަރަށް ފޭސް ޓްރާންސްޕްލާންޓް ހެދި މީހާ ކެންސަރު ބަލީގައި މަރުވެއްޖެ އެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ފޭސް ޓްރާންސްޕްލާންޓް ހެދީ 2005 ވަނަ އަހަރު އެވެ. އެއީ ފްރާންސްގެ އަންހެނެއް ކަމަށްވާ އިޒަބެލެ އެވެ. އޭނާ މަރުވިއިރު އުމުރަކީ 49 އަހަރެވެ.

ދެހާސް ފަސް ވަނަ އަހަރު އެ އަންހެން މީހާއަށް އާ ނޭފަތަކާއި އަނގައެއް ޑޮކްޓަރުން ވަނީ އޭނާގެ މޫނުގައި އިންދައިދީފަ އެވެ. އޭނާ މި އޮޕަރޭޝަން ކުރީ އޭނާގެ ޕެޓް ކުއްތާ ދިން ހަމަލާއެއްގައި މޫނަށް އައި އުނިކަމުގެ ސަބަބުންނެވެ.

ނަމަވެސް އިމިއުނޯސަޕްރެސެންޓް ޑްރަގް މާ ގިނަ ބޭނުން ކުރުމާ ގުޅިގެން އޭނާގެ ހަށިގަނޑު ބަލިކޮަށި ކޮށްލައި ކެންސަރު އޭނާގެ ގައިން ފެނުނެވެ. އިމިއުނޯސަޕްރެޝަން ޑްރަގަކީ ގުނަވަންތައް ޓްރާންސްޕްލާންޓް ކުރުމަށް ބޭހެއްގެ ގޮތުގައި ބޭނުންކޮށް އުޅޭ ޑްރަގެކެވެ.

އޭނާގެ ސާޖަރީ ހެދި ހޮސްޕިޓަލުން މިއަދު ބުނެފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ މިދިޔަ އޭޕްރީލް މަހު ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އެވެ. އޭނާގެ މަރުވިކަން ހާމަކުރުން ލަސްކުރީ، ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އާއިލާއިން އެގޮތަށް އެދުމުގެ މަތިންނެވެ. އޭނާގެ މަރާ ގުޅޭ ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައިނުވާއިރު އޭނާ މަރުވާން ދިމާވީ ފޭސް ޓްރާންސްޕްލާންޓްގެ ސަބަބުން ކަމެއް ވެސް ބުނެފައެއް ނުވެ އެވެ.

އޭނާ ކުރިން ދީފައިވާ އިންޓަވިއެއްގައި ބުނެފައިވާ ގޮތުގައި، އޭނާ ކުއްތާ ހަމަލާދިނީ އޭނާ އަމިއްލައަށް މަރުވާން މަސައްކަތްތަކެއް ކުރުމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ނިދާ ބޭސްތަކެއް ކެއުމަށްފަހު ސްވިމިން ޕޫލެއް ކައިރީ ކުއްތާ ގޮވައިގެން އޭނާ އޮއްވާ ހެނެތުނީ އެވެ. ކުއްތާގެ ފަރާތުން އަނިޔާވީ އޭނާ ހޭއެރުވުމަށް ކުއްތާ ކުރި މަސަައްކަތުގެ ތެރެއިން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުތަކުގައި ގިނަ ފޭސް ޓްރާންސްޕްލާންޓްތަކެއް އެކި ގައުމުތަކުގަިއ ވަނީ ހަދާފަ އެވެ. އެގޮތުން އެމެރިކާ، ސްޕެއިން، ތުރުކީ، ޗައިނާ އަދި ޕޯލެންޑްގައި ވެސް ފޭސް ޓްރާންސްޕްލާންޓް ހަދާފައިވެ އެވެ.