ވެމްކޯއިން މާލޭގެ ކުނި އުކާލައި ދިނުމުގެ މަސައްކަތަށް ބޭނުންވާ ވެހިކަލް ގަންނަން ސްރީލަންކާގެ ސެނޮކް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މިއަދު އެންވާރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރަކް ގަންނަން ސެނޮކް ކުންފުންޏާ ހަވާލުކޮށް ވެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފުއާދެވެ. ސެނޮކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެކައުންޓެންޓް ޕްރަބާތް ރުރަމްޕުރަމް އެވެ.
މި އެއްބަސްވުމުގެ ދަށުން 10 ޓްރަކްތައް ތިން މަސް ދުވަހުގެ ތެރޭގައި ވެމްކޯއާ ހަވާލުކުރަން ޖެހެ އެވެ. އެއްބަސްވުމާ އެއްގޮތަށް ވެހިކަލްތައް ލިބުމުން އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން ވެމްކޯއިން ކުނި އުކާލައިދިނުމުގެ ހިދުމަތް ފަށާނެ އެވެ.
ފުއާދު ވިދާޅުވީ މި ޓްރަކްތަކަކީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ކޮމާޝަލް ބިޒްނަސްތަކަށް ހާއްސަކޮށް ބޮޑެތި މަގުތަކުގައި ހުންނަ ގޭބިސީތަކުން ކުނި އުކާލުމުގެ ހިދުމަތްދޭން ގެންނަ ޓްރަކްތަކެއް ކަމަށެވެ. މީގެ އިތުރުން ކުނި އުކާލުމުގެ ނިޒާމަށް ބޭނުންވާ ކޮންޓެއިނާ ޕިކަޕާއި ޓްރައިސައިކަލް ވެސް ގަންނަން ޖެހޭ ކަމަށާއި އެ ތަކެތި ގަތުމުގެ ބިޑިން ޕްރޮސެސް މިހާރު ކުރިއަށްދާ ކަމަށެވެ.
"އަޅުގަނޑުމެން ހިދުމަތްދޭން ގެންގުޅޭ ވެހިކަލްތަކަކީ އީޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ފަރުމާކޮށްފައި ހުންނަ ވެހިކަލްތައް" ފުއާދު ވިދާޅުވި އެވެ.
މާލޭގެ ގެތަކުން ކުނި އުކާލައިދިނުމުގެ ހިދުމަތް ވެމްކޯއިން ފަށާނީ މާލެ 12 ސަރަހައްދަކަށް ބަހާލައިގެންނެވެ. މި ޓްރަކްތައް ވެމްކޯއިން މިދިއަ ހަފުތާގައި ފެށި ކޯލް އެންޑް ޕިކަޕް ސާވިސް އިތުރަށް ފުޅާކުރަން ވެސް ބޭނުންކުރާނެ އެވެ. މި ހިދުމަތަށް ބޭނުންވާ އިތުރު ވެހިކަލްތައް ވެސް ވަރަށް އަވަހަށް ވެމްކޯއިން ގެންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވޭސްޓް ކަލެޝަންގެ ހިދުމަތް ވެމްކޯއިން ދޭން ނިންމާފައިވަނީ ދެ ގޮތަކަށެވެ. އެއީ ގޭގެ ތިރީގައި ޑަސްބިނެއް ބަހައްޓައި ކުނި ޖަމާކޮށްގެން އުކާލައިދިނުމެވެ. އެ ހިދުމަތަށް ފީގެ ގޮތުގައި ވެމްކޯއިން ނަގަން ކަނޑައަޅާފައިވަނީ 100ރ. އަދި ޑޯ ސްޓެޕް ނުވަތަ ގެއަށް ވަދެގެން ކުނި އުކާލައިދޭނަމަ 150ރ. އެވެ.