ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާންގެ ތަހުގީގަށް އަހަންމިއްޔަތުކަމެއް ނުދިނުމަށް އެދި، ރައީސް އަބްދުﷲ ޔާމީން އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެސްއެމްއެސްއެއް ފޮނުއްވި ކަމަށް އަލްޖަޒީރާގެ ތަހުގީގު ރިޕޯޓް، "ސްޓީލިން ޕެރަޑައިޒް" ގައި ބުނި ނަމަވެސް އުމަރު މިއަދު އެކަން ދޮގު ކުރައްވައިފި އެވެ.
"ސްޓީލިން ޕެރަޑައިޒް" ގެ ނަމުގައި ރާއްޖެއާ ގުޅޭ ގޮތުން އަލްޖަޒީރާ އިންވެސްޓިގޭޓްސް އިން ތައްޔާރު ކުރި ތަހުގީގު ރިޕޯޓްގައި ދައްކާ ގޮތުން، ރައީސް އަބްދުﷲ ޔާމީން އޭރުގެ ހޯމް މިނިސްޓަރަށް މެސެޖް ކުރައްވަނީ، ރިލްވާންގެ ތަހުގީގަށް މާ ބޮޑު އަހަންމިއްޔަތުކަމެއް ނުދިނުމަށް އެދި އެވެ. އަދި އުމަރު މެސެޖް ކުރައްވަނީ، "އޯކޭ ނޯޓެޑް ސާއޭ" ވިދާޅުވެ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިލްވާންގެ ތަހުގީގާ ގުޅޭ ގޮތުން އަދި އެ މައްސަލައިގައި ރައިސް އަބްދުﷲ ޔާމީން އޭނާއަށް މެސެޖެއް ނުކުރައްވާ ކަމަށެވެ. އަދި އެފަދަ މެސެޖެއް އަލްޖަޒީރާއަށް ލިބިފައި ނޯންނާނެކަން 100 ޕަސެންޓް ޔަގީންކަމާ އެކު ދަންނަވަން ކެރޭނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
އޭނާ އަދި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުގެ ކޮރަޕްޝަނެކޭ އެއް ވަރަށް ރައީސް މުހައްމަދު ނަޝީދު ވެސް ކޮރަޕްޝަން ހިންގެވި ކަމަށެވެ. އަދި މި ސަރުކާރާއި ނަޝީދުގެ ސަރުކާރުގެ ތަފާތަކީ ސިގެއްލާ އާއި ކޮލެރާގެ ތަފާތު ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.