ހަބަރު

ރިހެބުން ފަރުވާ ހޯދާ ދެ ފަރާތަކަށް އެމްޓީސީސީން ވަޒީފާ!

ނެޝަނަލް ޑްރަގް އެޖެންސީގެ ދަށުން ހިންގާ ޑްރަގް ރިހެބިލިޓޭޝަން ތަކުން ފަރުވާ ހޯދާ ފަރާތްތަކުގެ ތެރެއިން ދެފަރާތަކަށް މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަޒީފާ ދޭން ނިންމައިފި އެވެ. މިކަމާ ބެހެ އެއްބަސްވުމެއްގައި އެމްޓީސީސީ އާ ޑްރަގް އެޖެންސީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ ސީއީއޯ އިބްރާހީމް ޒިޔަތު އެވެ. އަދި ޑްރަގް އެޖެންސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝަހީލް އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ ދެ ފަރާތަކަށް ވަޒީފާ ދިނުމުގެ އިތުރުން ކ. ހިންމަފުށީގައި ހިންގާ ރިހިބިލިޓޭޝަން ސެންޓަރުގައި ތިބޭ މީހުންނަށް ހިންގާ ޕްރޮގްރާމްތަކުގައި އެހީވުމަށް އޮން ދަ ޖޮބް ޓްރެއިނީ އަކަށްވެސް ކުއްޖަކު ނަގާ ހާއްސަ އެލަވަންސެއް ދޭނެ ކަމަށެވެ. ނަމަވެސް އެމްޓީސީސީން ވަޒީފާ ދޭ ފަރާތްތަކަށް ދޭނީ ކޮން ވަޒީފާތަކެއްކަން އަދި ހަމަނުޖެހޭ ކަމަށެވެ.

މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ވިދާޅުވީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް ތިން މަރުހަލާއެއްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭގެތެރެއިން އެންމެ މުހުންމު މަރުހަލާއަކީ މީހުންގެ އިތުބާރު ލިބޭފަދަ ރަނގަޅު ވަޒީފާއެއް އެފަރާތްތަކަށް ހޯދައިދިނުން ކަމަށެވެ.

އަދި މިއީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ހުނަރުވެރި ޒުވާނުން މުޖުތަމައަށް ނެރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑްރަގް އެޖެންސީގެ ރިހެބިލިޓޭޝަނުން ފަރުވާ ހޯދަން މިހާރުވެސް 480 އެއްހާ ކުދިން ވެއިޓިން ލިސްޓުގައި ރަޖިސްޓްރީކޮށްފައި ތިބި އިރު މިހާރުވެސް 500 އެއްހާ ކުދިން ފަރުވާ ހޯދަމުންދާ ކަމަށެވެ. އަދި މިިދިޔަ އަހަރު 750 އަށްވުރެ ގިނަ ކުދިން ފަރުވާ ފުރިހަމަކޮށްފައިވެ އެވެ.