ރައީސް އޮފީސް

އަލްޖަޒީރާގެ ރިޕޯޓަކީ ފިއްތުން ކުރިމަތިކުރުވަން ކުރި ކަމެއް: ސަރުކާރު

Sep 7, 2016
12
  • ހެކިތައް އޭސީސީ އާއި ޕޮލިހަށް ހުށަހަޅަން އެދުނު
  • މައުލޫމާތު ދީފައި ވަނީ ހިޔާނާތާ ގުޅިގެން ފިލާފައިވާ ބައެއް
  • ރިޕޯޓް ނޫސްވެރިކަމުގެ އުސޫލުތަކާ ހިލާފު

"ސްޓީލިން ޕެރަޑައިސް" ގެ ނަމުގައި އަލްޖަޒީރާއިން ނެރުނު ރިޕޯޓަކީ ދިވެހި ސަރުކާރު ބަދުނާމުކޮށް ސަރުކާރުގެ އިސްވެރިންގެ ނަމާއި އަބުރަށް ގެއްލުންދީ ވަކި ބަޔަކު ބޭނުންވާ ކަންތައްތަކެއް ކުރަން ފިއްތުންތަކެއް ކުރިމަތިކުރުވުމުގެ ބޭނުމުގައި ހަދާފައިވާ ބައިނަލްއަޤްވާމީ އުސޫލުތަކާއި ޤާނޫނީ ހަމަތަކާ ޚިލާފަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓުން ތައްޔާރުކޮށްފައިވާ "ސްޓީލިން ޕެރަޑައިސް" ރިޕޯޓާގުޅިގެން ސަރުކާރުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ އެ ރިޕޯޓްގައިވާ ތުހުމަތުތަކާމެދު ދިވެހި ސަރުކާރުން ހިތާކުރާ ކަމަށާއި މި ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި މި ރިޕޯޓު ތައްޔާރުކުރި ރިޕޯޓަރުން އަމަލުކޮށްފައިވާގޮތާމެދު ސަރުކާރުގެ ހާއްސަ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ރިޕޯޓު ތައްޔާރުކުރުމަށް އިންޓަވިއުކޮށްފައިވަނީ، ހިޔާނާތުގެ މައްސަލައެއްގައި، ފުލުހުންނާއި އޭސީސީން ތަހުގީގު ކުރާ މައްސަލައިގެ ތުހުމަތުކުރެވޭ ބައެއްގެ ގޮތު ހޯދަން އިއުލާނުކޮށް އިންޓަޕޯލް ރެޑްނޯޓިސްވެސް ނެރެފައިވާ ބަޔަކާއި، ރާއްޖޭގައި ގާއިމުވެފައި އޮތް ގާނޫނީ ސަރުކާރަށް ލިބިދީފައިވާ ދައުރު ހަމަވުމުގެ ކުރިން، ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ކަމަށް އިއުލާނުކޮށްފައިވާ ފަރާތްތަކެއް ކަމަށެވެ.

"... މި މައްސަލައާ ގުޅިގެން ތެދު އަދި ހަމަހަމަ ޖަވާބެއް ދިނުމުގެ ފުރުސަތަކަށް އެދިފައިވަނިކޮށް، އެކަށީގެންވާ ފުރުޞަތެއްނުދީ މި ޕްރޮގްރާމް ޢާންމުކުރުމުން، 'ސްޓީލިން ޕެރަޑައިސް' ރިޕޯޓަކީ ދިވެހި ސަރުކާރު ބަދުނާމުކުރުމަށާއި، ސަރުކާރުގެ އިސްވެރިންގެ ނަމާއި އަބުރަށް ގެއްލުންދިނުމަށާއި އަދި ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންތައްތަކެއް ކުރުމަށް ފިއްތުންތަކެއް ކުރިމަތިކުރުވުމުގެ ބޭނުމުގައި ހަދާފައިވާ ރިޕޯޓެއްކަމަށާއި ޚަބަރާއި، ރިޕޯޓު އެކުލަވައިލުމުގެ ބައިނަލްއަގުވާމީ އުސޫލުތަކާއި ޤާނޫނީ ހަމަތަކާ ޚިލާފަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަންވެސް ފާހަގަކުރަމެވެ." ބަޔާނުގައި ވެއެވެ.

އަދި ވެސްބުނެފައި ވެއެވެ: "... ސަރުކާރުން ގަބޫލުކުރާ އަސާސަކީ، ނޫސްވެރިންގެ މިނިވަންކަމާއި، ފާޑުކިޔުމާއި އިދިކޮޅު ފަރާތުން ދެކޭގޮތް ހާމަކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމަށެވެ. ނަމަވެސް، ނޫސްވެރިންނަކީ ވަކި އަހުލާގީ އަދި ސުލޫކީ މިންގަނޑުތަކަކަށް ތަބާވާންޖެހޭ ބައެއްކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާތީ، މި މައްސަލައިގައި މި މިންގަނޑުތަކަށް ތަބާވެފައިނުވާކަންވެސް ފާހަގަކުރަމެވެ."

ސަރުކާރުގެ ބަޔާނުގައި ބުނަނީ ރިޕޯޓުގައިވާ ތުހުމަތުތަކަކީ، މީގެ ކުރިން އެމްއެމްޕީއާރްސީގެ މައްސަލާގައި ހިމެނޭ ތުހުމަތުތައް ކަމަށާއި އެ ތުހުމަތުތަކާ ގުޅިގެން، ސަރުކާރުން އިސްވެ އޮޑިޓާ ޖެނެރަލަށް މި މައްސަލަ ހުށަހަޅައި އޮޑިޓްކޮށް އެކުލަވައިލާފައިވާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް، މިދަިއަ ފެބުރުއަރީމަހުގައި ރައީސް އަބްދުﷲ ޔާމީން، އޭސީސީއަށް ހުށަހެޅުއްވުމުން ތަހުގީގެއް ކުރަމުން އަންނަ މައްސަލައެއް ކަމަށެވެ. އަދި މީގެ ބައެއް މައްސަލަތަކުގައި ބައެއް މީހުނަށް މިހާރު ދައުވާކޮށްފައިވާކަމަށައި ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ގިނަ ބަޔަކު ހޯދަން އިޢުލާނުކޮށްފައިވާ މީހުން ރާއްޖެދޫކޮށް ގޮސްފައި ވާ ކަމަާއި އެފަދަ ބަޔަކު ރިޕޯޓަށް މައުލޫމާތު ދޭ މައުސޫމު ބައެއްގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ. އަދި އެކަމާ ސަރުކާރުން ކަންބޮޑުވާ ކަމަށެވެ.

އަދި ބުނެފައި ވަނީ މިވަރުގެ ބޮޑު ޖިނާއީ ތުހުމަތެއްގައި، ތަހުގީގު ހިނގަނިކށް މިފަދަ ރިޕޯޓެއް ޢާންމުކުރުމަކީ، ތަހުގީގަށް ހުރަސްތަކެއްއެޅުން، އެކަށީގެންވާ ކަމަކަށްވާތީ އެކަމާ ވެސް ސަރުކާރުން ކަން ބޮޑުވާ ކަމަށާއި މި މައްސަލައާ ގުޅިގެން، އަލްޖަޒީރާއިން ހޯދާފައިވާ ހުރިހާ ހެތްކާއި ގަރީނާ، ފުލުހުންނާއި އޭސީސީން ކުރަމުންގެންދާ ތަޙުޤީޤުތަކުގައި ބޭނުންކުރުމަށްޓަކައި، އެ ދެ އިދާރާއަށް ހުށަހަޅައި ދިނުމަށް އެދޭ ކަމަށެވެ.

"... އެތައް ފަހަރެއްގެ މަތިން ސަރުކާރުން އިުލާނުކޮށްފައިވާނޭ ފަދައިން ދިވެހި ސަރުކާރުން ނިންމާފައިވާނީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ތަހުގީގުކޮށް ނިންމާގޮތެއްގެ މަތިން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށެވެ. އެމްއެމްޕީއާރްސީގެ މައްސައިގައި ޖިނާއީ ގޮތުން ފިޔަވަޅުއަޅަންޖެހޭ ކަމަށް ފެންނަ އެތައް ބަޔަކު ތިބީ ބޭރުގެ ގައުމުތަކުގައި ޙިމާޔަތްހޯދައިގެންކަންވެސް ސަރުކާރުން ފާހަގަކުރަމެވެ."