ބޮލީވުޑް

"ޕީކޫ" އިން އަމީތާބަށް ވުރެން ބޮޑު އާމްދަނީއެއް ދިޕިކާ އަށް

Sep 8, 2016

މެގަސްޓާ އަމީތާބް ބައްޗަން އާއި ބަތަލާ ދިޕިކާ ޕަދުކޯން އެކުގައި ފެނިގެންދިޔަ ފިލްމު "ޕީކޫ" އަކީ ވޭތުދިޔަ އަހަރު ރިލީޒްވި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކާމިޔާބީއެއް ލިބުނު އެއްފިލްމެވެ.

ގިނަ އެވޯޑްތަކެއް ވެސް ލިބިފައިވާ މިފިލްމު ކުޅެގެން އަމީތާބަށް ވުރެން ބޮޑު އާމްދަނީއެއް ދިޕިކާ އަށް ލިބިފައިވާ ކަމަށް އަމިތާބްގެ ދެން އެންމެ އަވަހަށް ރިލީޒްވާ ފިލްމު، "ޕިންކް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އަންހެނުންގެ ހައްގުތަކާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ވާހަކަދައްކަމުން ވަނީ އޭނާ އާއެކު "ޕީކޫ" އިން ފެނިގެންދިޔަ ބަތަލާ ދިޕިކާ އަށް މާބޮޑު އާމްދަނީއެއް އެފިލްމު ކުޅެގެން ލިބިފައިވާ ކަމަށް ބުނެފަ އެވެ.

ދިޕިކާ އަށް އޭނާ އަށް ވުރެން ބޮޑު އާމްދަނީއެއް ލިބުނު ކަމަށް ބުނަމުން އަމީތާބް ވަނީ މިވާހަކައަކީ ހާލަތުގެ ގޮތުން ދައްކަން ރަނގަޅު ވާހަކައެއްކަން ނޭނގޭ ކަމަށާއި ނަމަވެސް އެފިލްމުން އޭނާ އަށް ވުރެން ބޮޑު އާމްދަނީއެއް ލިބުމުން އެނގެންދަނީ "ޕީކޫ" ގައި އޭނާގެ ރޯލަށް ވުރެން ދިޕިކާގެ ރޯލު ބޮޑުވުމުން ނުވަތަ ފިލްމީ ދާއިރާގައި ގިނަދުވަސްވުމުގެ ސަބަބުން އޭނާގެ އަގު ދަށްވީ ކަމަށް ބުނެފަ އެވެ.

މިއިވެންޓްގައި އަމީތާބާއެކު ބައިވެރިވި "ޕީކޫ" ގެ ޑައިރެކްޓަރު އަދި "ޕިންކް" ގެ ޕްރޮޑިއުސަރު ސުޖީތް ސިރްކާރް ވަނީ އެފިލްމުގެ އެންމެ ބޯޑު ރޯލަކުން ފެނިގެން ގޮސްފައިވަނީ ދިޕިކާ ކަމަށާއި އެހެންކަމުން އޭނާ އަށް ބޮޑު އާމްދަނީއެއް ލިބުމަކުން މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރު ކަމަށް ގިނަބަޔަކު ގަބޫލުކުރާ ތަރިއަށް ވުރެން ދިޕިކާ އަށް ބޮޑު އާމްދަނީއެއް ލިބުނަސް އެއީ މައްސަލައެއް ނޫންކަމަށް ބުނަމުން އަމީތާބް ވަނީ ފިލްމު އިންޑަސްޓްރީގައި ބަތަލުންނާއި ބަތަލާއިންނަށް ހަމަ ހަމަ އުޖޫރައެއް ހައްގުވާ ކަމަށާއި އަދި އެކަމަށް އަޑުއުފުލަމުން އަންނަ ބަތަލާއިންނަށް އޭނާ ތާއީދުކުރާ ކަމަށްވެސް އަމީތާބް ވަނީ ބުނެފަ އެވެ.

"ޕީކޫ" އިން އަމީތާބަށް ވުރެން ބޮޑު އާމްދަނީއެއް ދިޕިކާ އަށް ލިބިފައިވާ ކަމަށް ބުނެފައިވާއިރު، މިދިޔަ މަހުގެ ފަހުކޮޅު ފޯބްސް މަޖައްލާއިން އާންމުކުރި ދުނިޔޭގެ އެންމެ އަގު ބޮޑު ބަތަލާއިންގެ ލިސްޓުގެ 10 ވަނައިގައި އޭނާ ވަނީ ހިމެނިގެން ގޮސްފަ އެވެ.