ބޮލީވުޑް

ޖަލުން ނިކުތްތާ ހަމަސް، ސަންޖޭ އަށް މަސައްކަތެއް ނެތް!

Sep 9, 2016
1

ޖަލުން މިނިވަނެއްގެ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ނިކުތް ފަހުން ހަމަސް ފާއިތުވެގެން ދިޔައީ އެވެ.

ފެބްރުއަރީ 25 ވަނަ ދުވަހު ސަންޖޭ ޖަލުން މިނިވަންވި ފަހުން އޭނާ ފިލްމީ ދާއިރާއަށް އަލުން ގަދަފަދަކޮށް އަންނަން ތައްޔާރުވަމުން އަންނަ ވާހަކަ ނުދެކެވޭ ދުވަހެއް ނުވެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ދެތިން ފިލްމަކުން ސަންޖޭ އަށް ހުށަހެޅުން ލިބި، ޖަލުން މިނިވަންވިތާ ދުވަސްކޮޅެއްގެ ތެރޭގައި މީގެތެރެއިން އެއް ފިލްމެއްގެ ޝޫޓިން ސަންޖޭ ފަށާނެ ކަމުގެ ވާހަކަ ދެކެވުނު ނަމަވެސް ހަމަސް ދުވަސް ފާއިތުވެގެން ދިޔަ އިރުވެސް މިއިން އެއްވެސް ފިލްމެއްގެ ޝޫޓިން ފަށަން އުޅޭ ކަމުގެ އިޝާރާތެއް ނުފެނެ އެވެ.

އެންމެ ފުރަތަމަ ސަންޖޭ އަށް ހުށަހެޅުން ލިބިފައިވަނީ ޑައިރެކްޓަރު ސިދާތް އަނަންދްގެ އެކްޝަން ފިލްމެއް ނަމަވެސް އެފިލްމު ކުޅެން އާނބަސް ދިނުމަށްފަހު ސަންޖޭ ވަނީ ފަހުން އެފިލްމު ދޫކޮށް، ގާތްއެކުވެރިއެއް ކަމަށްވާ ޕްރޮޑިއުސަރު ވިންދޫ ވިނޯދް ޗޯޕްޅާގެ ކޮއްކޮ ޝެލީ ޗޯޕްޅާގެ ފިލްމު "މާކޯ ބައޫ" ކުޅެން ނިންމާފަ އެވެ.

ޝެލީ މުޅިން އަލަށް ޑައިރެކްޓްކުރާ މިފިލްމުގެ ޝޫޓިން މިއަހަރުގެ ފަހުކޮޅު ކުރިން ފެށޭގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް ފިލްމު ސްކަރިޕްޓްގެ މަސައްކަތާއި ފިލްމުގެ އެހެނިހެން ރޯލުތަކުން ފެނިގެންދާ ތަރިން އަދި ހަމަނުޖެހޭތީ އަންނަ ފެބްރުއަރީގެ ކުރިން މިފިލްމުގެ ޝޫޓިން ނުފެށޭނެ ކަމަށްވެ އެވެ.

ދެން ސަންޖޭ އަށް ހުށަހެޅުން ލިބިފައިވާ އަނެއް ފިލްމަކީ "މުންނާބާއީ 3" އެވެ. ނަމަވެސް އެފިލްމުގެ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ މިހާރު އަންނަނީ ސަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަސައްކަތްކުރަމުން ކުރަމުންނެވެ. އެފިލްމަކީ އަންނަ އަހަރުގެ ފަހުކޮޅު ރިލީޒްކުރުމަށް އުފައްދަމުން އަންނަ ފިލްމަކަށް ވުމުން، އެފިލްމުުގެ މަސައްކަތް ނިމުމުގެ ކުރިން "މުންނާބާއީ 3" ގެ ޝޫޓިން ނުފަށާނެ އެވެ.

ޑައިރެކްޓަރު ސިދާތްގެ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ސަންޖޭ ވަނީ މާޝަލް އާޓްސްގެ ތަމްރީނުތަކެއްވެސް ނަގާފަ އެވެ. އެހެންނަމަވެސް ޓްރެއިނިން އެއްކޮށް ފުރިހަމަ ނުކޮށް ސަންޖޭ ވަނީ "މާކޯ ބައޫ" ކުޅެން ނިންމާފަ އެވެ. ސިދާތްގެ ފިލްމު ސަންޖޭ ދޫކޮށްލި ކަމުގެ ވާހަކަތަކެއް ދެކެވެން ފެށުމުން އޭނާ ވަނީ އެފިލްމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ވަގުތު ބޭނުންވާތީ ފިލްމުގެ މަސައްކަތް މަޑުޖައްސާލީ ކަމަށް ބުނެފަ އެވެ.

ސަންޖޭ އަށް ލިބިފައިހުރި ބައެއް ފިލްމުތަކުގެ ތެރެއިން އެއްވެސް ފިލްމެއްގެ ޝޫޓިން ނުފެށި ގިނަ ދުވަސްވަމުން ދާތީ އޭނާ އަށް ކުޅޭނެ އެއްވެސް ފިލްމެއް ނުލިބޭ ކަމުގެ ވާހަކަތައް ދެކެވެމުން ފެށުމުން އޭނާގެ ސްޕޯކްސްޕާސަން ވަނީ ޖަލުގައި ހުކުމް ތަންފީޒުކުރުމަށް އެތަކެއް އަހަރު އުޅެން ޖެހުމުން އާއިލާ އާއެކު ވަގުތު ހޭދަނުކުރެވުމުން މިހާރު ސަންޖޭ ބޭނުންވަނީ ވީހާވެސް ގިނަވަގުތު އާއިލާއާ އެކު ހޭދަކުރަން ކަމަށް ބުނެފަ އެވެ.

ޖަލުން ސަންޖޭ މިނިވަންވުމުގެ ކުރިން އޭނާ އަށް ނަން މަޝްހޫރު ގިނަ ޑައިރެކްޓަރުންތަކެއްގެ ފިލްމުތަކަކުން ހުށަހެޅުން ލިބިފައިވާ ކަމަށް އަޑުއަރާފައިވީ ނަމަވެސް، އަންނަ އަހަރުގެ އޭނާގެ ހަޔާތުގެ މައްޗައް އުފައްދާ ފިލްމުގެ ޝޫޓިން ނިމުމުގެ ކުރިން ކުރާނެ އެއްވެސް މަސައްކަތެއް ސަންޖޭ އަތުގައި ނެތެވެ. ހަ މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް ކުރާނެ މަސައްކަތެއް ނެތުމުން ސަންޖޭގެ ކެރިއަރު ނިމުމަކަށް އައީ ކަމާމެދު ވަނީ ސުވާލު އުފައްދަން ފަށާފަ އެވެ.

ސަންޖޭ އެންމެފަހުން ފެނިގެންގޮސްފައިވަނީ 2014 ވަނަ އަހަރުގެ ފަހުކޮޅު ނިކުތް "ޕީކޭ" ގައި ސަޕޯޓިން އެކްޓަރެއްގެ ރޯލުންނެވެ.