ރިޕޯޓް

ޒުވާން ކަމުގެ ފައިދާ ލިބިގަނެ، ހައްޖަށް ދާން ތައްޔާރުވޭ!

ޒުވާން ކަމަކީ އިންސާނާއަށް މާތްﷲ ދެއްވާފައިވާ އެންމެ އަގުހުރި ނިއުމަތްތަކުގެ ތެރެއިން ނިއުމަތެކެވެ. ހަޔާތުގައި އަންނަ އެންމެ ކުލަ ގަދަ ސޮފުހާއެވެ. އުންމީދުތަކާއި ހުވަފެންތައް ފުރިހަމަކޮށް ދެ ދުނިޔެ ކާމިޔާބު ކުރުމަށް އަވަދިނެތިވެ އުޅެގަންނަ ހަލަބޮލި ދުވަސްވަރެވެ. ކުރު ގޮތަކަށް ބުނާނަމަ ޒުވާން ކަމަކީ އިންސާނާގެ ހަޔާތަށް އަންނަ ބަހާރު މޫސުމެވެ.

ގިނަ ކަންތައްތަކެއް ފުރިހަމަކޮށް ނިންމަން ލިބޭ ކުރު މުއްދަތެކެވެ. މި ކުރު މުއްދަތުގައި ހޭދަވާ އަގުހުރި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ މުހިއްމު ކަމެކެވެ. ހާއްސަ ގޮތެއްގައި އަހަރުމެންނަކީ މުސްލިމުންނަށް ވީ ހިނދު ޒުވާންކަމުގެ ފައިދާ ހެޔޮ ގޮތުގައި ހޯދަން މަސައްކަތް ކުރަންޖެހެ އެވެ. އެގޮތުން ހައްޖުގެ މަގަކީ ޒުވާން އިރު ދަތުރު ކުރަން އެންމެ އެކަށޭނެ އެއް މަގެވެ. ޒުވާން ހަށިގަނޑުގައި ޒުވާން ޖޯޝާއި އާރާއި ބާރު ހުއްޓައި ހައްޖު ފަދަ މާތް އަޅުކަމެއް ފުރިހަމަ ކުރުމުގެ ހެޔޮ ނަސީބު ލިބުމަކީ ދެދުނިޔޭގެ އުފަލާއި ނަފްސަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއްކަން ކަށަވަރެވެ.

ހައްޖުގެ އަޅުކަމަކީ ހަމައެކަނި އުމުރުން ދުވަސްވުމުން ވާޖިބުވާ ފަރުލެކޭ ހީވެގައި އޮވެ އެވެ. އެ ގޮތަށް ވިސްނެނީ ޒަމާނުއްސުރެ އެ ވިސްނުމުގައި އަމަލުތައް ބައްޓަން ކުރެވިފައި ވެސް އޮވެގެނެވެ. ހައްޖުގެ އަޅުކަމަކީ ކުޅަދާނަކަން ލިބިގެންވާ ކޮންމެ މީހެއްގެ މައްޗަށް ވާޖިބު ފަރުލެކެވެ. އެއީ ދީނުގެ ފަސް ވަނަ ރުކުނެވެ. ކުޅަދާނަކަން ލިބިގެންވާ މީހާ ވަކި އުމުރެއް ހަމަވާންދެން މަޑުކުރުމަށް ދީނުގައި އަންގަވާފައެއް ނޯވެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވުމުން ހައްޖުގެ އަޅުކަން އަދާކުރަންޖެހޭ ކަމަށް ބެލެވިފައި އޮންނަ އޮތުމަކީ ފެށުނީއްސުރެ ދިވެހިންނަށް ގަބޫލުކުރެވިފައި އޮތް ގޮތެކެވެ. މިހާރު އެ ވިސްނުން ބަދަލުކުރަން ވެއްޖެ އެވެ، އެކަން ކުރެވޭނީ ހަރުދަނާ އަޒުމެއްގައި ޒުވާނުން އެކަމަށް މަސައްކަތްކޮށްގެނެވެ.

"ހައްޖުގެ އަޅުކަމަކީ ލުއި ފަސޭހަ ކަމެއް ނޫން، ވަރަށް ބުރަ ކަމެއް އެއީ. އެހެންވީމަ ޒުވާން ދުވަސްވަރު އެފަދަ ކަމަކާއިގެން އުޅުމަކީ ވަރަށް ބޮޑު ހެޔޮ ކަމެއް. އަމިއްލަ ޒަމީރަށް ހިތްހަމަޖެހުން ވެސް ލިއްބައިދޭނެ ކަމެއް އެއީ،" ޔާމިން ވިދާޅުވި އެވެ.

ތަނަވަސްކަން ލިބި ހުރެވެސް ހައްޖުގެ އަޅުކަން އަދާކުރުން ލަސްކުރެވޭ ފަހަރު އަންނީ ވެސް މަދެއްކޮށް ނޫނެވެ. ބޭރު ދަތުރުތަކާއި ޕިކްނިކްތަކަށް އަބަދުވެސް ދެވެނީ ލިސްޓުގެ އެންމެ ކުރީ ސަފުން ޖާގަ އެކެވެ. ދަމު ނަމާދާއި އުމްރާގެ އަޅުކަންތަކާއި ހައްޖުގެ އަޅުކަންތަކަކީ ފަންސާސް އަހަރަށްވުރެ އިތުރަށް ދުނިޔޭގައި ހުރެފި ނަމަ ކުރަން ބަހައްޓާ ކަންކަމޭ ހީވާ ކަހަލަ އެވެ. ނަމަވެސް ފަހަކަށް އައިސް އެ މަންޒަރު މަޑުމަޑުން ނަމަވެސް ބަދަލުވާތަން ދަނީ ފެންނަމުންނެވެ.

ހައްޖުގެ އަޅުކަމަކީ އިސްލާމްދީނުގެ އެހެން އަޅުކަންތައް ފަދައިން ލުއި ފަސޭހަ ރުކުންތަކެއް ހިމެނޭ ކަމެއް ނޫނެވެ. ހައްޖުގެ އެ އަޅުކަން އަދާ ކުރުމަށް އެމީހެއްގެ ތަނަވަސްކަމާއި ހަށިގަނޑުގައި ވަރު ހުއްޓާ މަސައްކަތް ކުރުމަކީ ދީނީ ގޮތުން ވެސް އެކަމުގައި އޮންނަ ގޮތެވެ. ޒުވާންކަމުގެ ދުވަސްތައް ހޭދަކުރި ގޮތާއި މެދު އިންސާނާއާ ސުވާލުކުރެވޭ ހިނދު ހަޔާތުގައި އަންނަ މި މުހިއްމު ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހެ އެވެ.

ޒުވާން ދައުރުގައި ހައްޖުގެ އަޅުކަން އަދާކުރުމަކީ މިހާރު އުނދަގޫ ކަމެއް ނޫނެވެ. އެކަން ކުރެވޭނެ އެތަކެއް ވަސީލަތްތަކާއި އިންތިޒާމް މިހާރު ވަނީ އުފަން ވެފަ އެވެ. ހައްޖު ކޯޕަރޭޝަނުގެ ހިދުމަތްތަކަށް ބެލި ނަމަވެސް ވަރަށް ފަސޭހައިން ހައްޖަށް ދިއުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތް މިހާރު އެބަ އޮތެވެ.

"މިސާލަކަށް ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތަކަށް ބެއްޔަސް، އެމީހަކު ވަޒީފާއަށް ވަނުމާއެކު އެ ކޯޕަރޭޝަނުގައި ނަން ރަޖިސްޓްރީ ކޮށް ލިބޭ މިންވަރަކުން ފައިސާ ދައްކަމުން ގޮސް ހައްޖަށް ދެވޭ ވަރަށް ފައިސާ ޖަމާވުމުން އެމީހަކަށް ޖާގަ އެބަ ދޫކުރޭ. އެގޮތަށް ފައިސާ ދައްކާއިރު މަހެއްގެ މައްޗަށް ވަކި ވަރެއް ލާޒިމް ނުކުރޭ. ސަތޭކަ ރުފިޔާ ނޫނީ ފައްސަތޭކަ ރުފިޔާ ވިޔަސް ޖަމާކޮށްލެވޭނެ. އޭރުން ޔަގީނަށް ވެސް އެބައި ކޮންމެ މަހުވެސް އިތުރު ވަމުން ދާނީ،" ޔާމީން ވިދާޅުވި އެވެ. "އެންމެ ލަސް ވެގެން ވެސް ނަގާނީ 10 އަހަރު ފައިސާ ހަމަކުރަން، ސާޅީހަށް އެޅޭ އިރު ހައްޖު ފުރިހަމަ ކުރުމުގެ ނަސީބު ލިބޭނެ،"

ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ލިބޭ މީހުންނެވެ. ހާއްސަކޮށް ގިނަ ޒުވާނުންނަކީ ކޮންމެވެސް ވަޒީފާއެއް އަދާކޮށް އާމްދަނީ ލިބޭ ބައެކެވެ. ބޭނުންވުމުން އަގުބޮޑު ފޯނާއި ސައިކަލާއި އެނޫންވެސް ތަކެތި ފައިސާ އެއްކޮށްގެން ގަނެވޭއިރު، ހައްޖު ފަދަ މާތް އަޅުކަމަކަށްޓަކައި ފައިސާ އެއް ނުކުރެވެންވީ ސަބަބެއް ނެތެވެ. ޅަ އުމުރާއި ޒުވާން އުމުރުގައި ހައްޖަށް ދިއުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުން ފާހަގަކޮށްލެވޭ މިންވަރަކަށް މިހާރު ފެންނަ އިސްލާމީ ރީތި މަންޒަރެކެވެ. ރާއްޖޭގެ ޒުވާނުން މިފަދަ ކަންކަމާއި މެދު ވިސްނާ މިންވަރު އިތުރުކުރަންޖެހޭ ކަމަށް ދީނީ ކަންކަމާއި ބެހޭ ބޭފުޅުން އިއްތިފާގުވެ އެވެ.