ދުނިޔެ

ސައުދީއަށް ފިޔަވަޅު އަޅަން މުސްލިމު ގައުމުތައް އެއްބައިވާން ޖެހޭ: އީރާން

Sep 8, 2016
1

ސައުދީ އަރަބިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން އެއްގަލަކަށް އެރުމަށް ހުރިހާ މުސްލިމް ގައުމުތަކަށް އީރާނުން ގޮވާލައިފި އެވެ.

އީރާނުން މިގޮތަށް ގޮވާލީ ސައުދީ އަރަބިއްޔާގެ އިސް މުފުތީ ޝައިހް އަބުދުލް އަޒީޒް އާލް ޝައިހް އީރާންގެ ވެރިކަމުގައި ތިއްބެވި ބޭފުޅުންނަކީ މުސްލިމުން ނޫންކަމަށް ވިދާޅުވުމުންނެވެ.

"އަހަރުމެންނަށް އެންގެންޖެހޭ އީރާންގެ ވެރިކަމުގައި އެތިބީ މުސްލިމުން ނޫންކަން" މައްކާ ޑެއިލީއަށް ދެއްވި އިންޓަވިއުގައި އާލް ޝައިހް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އީރާންގެ ވެރިންނަކީ އަލިފާނަށް އަޅުކަން ކުރާ ބައެއް ކަމަށާއި މުސްލިމުންގެ ކަންކަމާ އީރާންގެ ވެރިން ދެކޮޅުވާނެ ކަމަށެވެ.

އިސް މުތީ ރައްދު ދެއްވީ އީރާންގެ ދީނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ، މިދިޔަ އަހަރު ހައްޖުގައި ކެރޭނު ވެއްޓުމުގެ ހާދިސާގައި މަރުވި 750 މީހުންގެ ތެރެއިން ބައެއް މީހުން "ސައުދީ އަރބިއްޔާއިން ގަސްތުގައި މަރާލި" ކަމަށް ތުހުމަތު ކުރެއްވުމުންނެވެ.

އީރާނުން ބުނީ ހައްޖުގެ ކަންކަން ހަރުދަނާ ކުރުމަށް، މުސްލިމް އެހެން ގައުމުތަކުން ބާރު އަޅަންޖެހޭ ކަމަށާއި ހަރުދަނާ ނުކުރާނަމަ ސައުދީއާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އީރާނުން ވަނީ 1988 އާއި 1990 ވަނަ އަހަރާ ދެމެދު ތިން ފަހަރެއްގެ މަތިން ހައްޖު ބޮއިކޯޓްކޮށްފައެވެ. އެއީ 1987 ވަނަ އަހަރު ހިނގި ހާދިސާއެއްގައި އީރާންގެ 400 މީހުން މަރުވުމުންނެވެ.

އީރާނާ ސައުދީ އަރބިއްޔާއާ ދެމެދު އޮންނަ ސިޔާސީ ގުޅުން 1991 ވަނަ އަހަރުން ފެށިގެން އޮތީ ސަސްޕެންޑްކޮށްފައެވެ.